އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ފައިނަލުން ބަނޑޮސް މޯލްޑިވްސް ޖާގަ ހޯދިއިރު، ޒޯން ފަހެއް އަދި ހައެއްގެ ފައިނަލުން އަނަންތަރާ ޖާގަ ހޯދައިފި އެވެ.
ޒޯން އެކެއްގެ ފައިނަލުން މި ޒޯނުގެ އެންމެ ކާމިޔާބު ޓީމު ބަނޑޮހުން ފުރުސަތު ހޯދީ އިއްޔެ ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ވަން އެންޑް އޮންލީ ރީތި ރަށް އަތުން ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިގެންނެވެ. އެ ގޮތުން، މެޗުގެ ސެޓުތައް ދިޔައީ 25-19، 27-25 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބަނޑޮހަށް ކުޅެމުން އަންނަ ސްރީ ލަންކާގެ ކަވިޝްކާ އެވެ.
އިއްޔެގެ ސެމީ ފައިނަލުން ބަނޑޮސް އަތުން ރީތި ރަށް ބަލިވި ނަަމަވެސް އެ ޓީމަށް އަދި ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެެވެ. އެއީ، ދެ ވަނަ ސެމީ ފައިނަލުގައި މިއަދު ހަވީރު ފޯ ސީޒަން ރިސޯޓްސް އާއި ޖުމެއިރާ މޯލްޑިވްސް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ތިން ވަނަ ސެމީގައި ރީތި ރަށުން ވާދަކުރަން ޖެހޭނެތީ އެވެ.
ބަނޑޮހުގެ ކޯޗަކީ މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) އެވެ.
ޒޯން އެކެއްގެ ފައިނަލް މެޗު ކުޅޭނީ މި މަހު 23 ވަނަ ދުވަހު އެވެ.
ހަތަރު ޓީމު ވާދަކުރާ ޒޯން ފަހެއް އަދި ހައެއްގެ ސެމީ ފައިނަލުގައި އިއްޔެ އަނަންތަރާ އިން ވަނީ 3-1 ސެޓުން ކޮރަ ކޮރަ މޯލްޑިވްސް އަތުން މޮޅުވެފަ އެވެ. މާދަމާ ކުޅޭ ފައިނަލުގައި އަނަންތަރާ އިން ބައްދަލުކުރާނީ ލީގު ބުރުގެ އެއް ވަނަ ހޯދި ވައްކަރު މޯލްޑިވްސްއާ އެވެ.
އިއްޔެގެ ސެމީ ފައިނަލް މެޗުގައި ފުރަތަމަ ދެ ސެޓު އަނަންނަތަރާ އިން 25-21، 25-17 އިން ގެންގޮސްފައިވަނިކޮށް ކޮރަކޮރައިން ދެން ކުޅުނު ސެޓު، 22-25 ގެންގޮސް މެޗުގައި ކުރިއަށްދާން ހިތްވަރެއް ހޯދި އެވެ. އެކަމަކު، ހަތަރު ވަނަ ސެޓު، 25-22 އިން ގެންގޮސް، މުހައްމަދު ޝަރަފްގެ ކޯޗުކަމުގައި ކުޅޭ އަނަންތަރާ އިން ފައިނަލުގެ ޖާގަ ހޯދީ އެވެ.











