ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް، ފިނޭންސް މިނިސްޓަރު ޑރ. ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރާ އިރު އެ ބައްދަލުވުން ސިއްރުކުރަން އޭނާ އެދިވަޑައިގެންފި އެވެ.
އިތުބާރުހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބައްދަލުވުން ސިއްރުކޮށްދެއްވުން އެދި ޝަފީގު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެހެން ނަމަވެސް އޭނާ އެގޮތަށް އެދިވަޑައިގެންނެވި ސަބަބެއް އަދި ނޭނގެ އެވެ.
އެކަމާ ބެހޭ ގޮތުން މިނިސްޓަރުގެ ޖަވާބެއް ހޯދަން މިނޫހުން މަސައްކަތް ކުރި ނަމަވެސް އަދި ޖަވާބެއް ނުލިބެ އެވެ.
މާލިއްޔަތު ކޮމިޓީ އަކީ ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލަން މަޖިލީހުގައި އޮންނަ ދާއިމީ ކޮމިޓީއެކެވެ. އެކޮމިޓީގެ ބައްދަލުވުމެއް ސިއްރުކުރަން މާލީ ވަޒީރަކު މީގެ ކުރިން އެދިވަޑައިގެންނެވިކަން އެނގޭކަށް ނެތެވެ.
މިނިސްޓަރު އެދިވަޑައިގެންނެވި ނަމަވެސް ބައްދަލުވުން ސިއްރުކުރުމާ މެދު ގޮތެއް ނިންމާނީ ބައްދަލުވުން ފެށުމަށް ފަހު ވޯޓަކުންނެވެ.

ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަން މާލިއްޔަތު ކޮމިޓީން ފާސްކުރީ ޖޫން 4، ގައި ބޭއްވި އެ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގަ އެވެ. އެ ގޮތަށް ފާސްކުރަން އެ ދުވަހުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމެވެ.
އެ ހުށަހެޅުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުން ތާއީދުކުރެއްވިއިރު، އެގޮތަށް ފާސްވީ މެންބަރުންގެ އިއްތިފާގުންނެވެ.
"މިހާރު މާލީ ހާލަތު އޮތް ގޮތް އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަނގަޅަށް ދެނެގަންނަން، ސާފުކުރަން، އެހެންވީމަ އަޅުގަނޑު އެންމެ ފުރަތަމަ ކަމަކަށް ކޮމިޓީގެ ހުރިހާ މެންބަރުންވެސް ތިއްބަވައިގެން ކޮމިޓީއަށް ތެދު ސައްހަ މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވަން އަޅުގަނޑަށް ފެނޭ،" ކޮމިޓީގައި ނާޒިމް އެެދުވަހު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތު މިވަގުތު އޮތް ގޮތް ސަރުކާރުން ހާމަ ކުރަންޖެހޭ ކަމަށާއި މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ހިތި ބޭހެއް ބޯންޖެހޭ ނަމަ އެކަން ވެސް ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ އެދުވަހު ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ހަމަ ތެދުބަހުން ވަރަށް ތިލަކޮށް މިވާހަކަތައް އެބަޖެހޭ ދެކެވެން. އެއީ ސަބަބަކީ ރައްޔިތުންގެ އެކްސްޕެކްޓޭޝަންއާ މިހުރިހާ އެއްޗެއް މިބިނާ ވަނީ އެ ބޭފުޅުން ދައްކަވާ ވާހަކަތަކުގެ މައްޗަށް،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އިގްތިސާދީ ހަގީގަތާ ކުރިމަތިނުލާ ނަމަ ކުރިއަށް އޮންނާނީ ބަނަ ދުވަސްތަކެއް ކަމަށެވެ.












