ސަރުކާރުން ދޫކޮށްފައިވާ ޓްރެޝަރީ ލޯނުތައް ނަގާފައިވާ ފަރާތްތަކުން އެ ފައިސާ ގަވާއިދުން ނުދައްކާ މައްސަލަ ބޮޑުވެ، ޓްރެޝަރީ ލޯނުތަކުން އަނބުރާ ނުލިބިވާ ފައިސާގެ އަދަދު އަހަރުންއަހަރަށް އިތުރުވަމުން އަންނަ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.
އޮޑިޓު އޮފީހުން މި މައްސަލަ ފާހަގަކުރީ ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓު އޮޑިޓުކުރުމަށް ފަހު ނެރުނު ރިޕޯޓުގައި، ދައުލަތުގެ މާލިއްޔަތުގައި އިސްލާހުކުރަން ޖެހިފައި ހުރި ކަންކަން ފާހަގަކުރަމުންނެވެ.
އެގޮތުން ރިޕޯޓުގައި ބުނީ ހުސްވި އަހަރުގެ އޮގަސްޓާ ހަމައަށް ޓްރެޝަރީ ލޯނުގެ ގޮތުގައި ސަރުކާރު ކުންފުނިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި އާންމު މީހުންނަށް 2.9 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ލޯނުތަކަށް ގަވާއިދުން ފައިސާ ނުދައްކާތީ އިންޓްރެސްޓާރި ޖޫރިމަނާގެ ގޮތުގައި އެ ތާރީހާ ހަމައަށް ނުލިބިވާ ފައިސާގެ 3.7 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ޓްރެޝަރީ ލޯނުތަކަށް ނުލިބިވާ ފައިސާ
- އެސްއޯއީތަކުން - 1.5 ބިލިއަން ރުފިޔާ
- ކޯޕަރޭޓިވް ސޮސައިޓީތަކުން - 2.1 ބިލިއަން ރުފިޔާ
- އާންމުން - 82.2 މިލިއަން ރުފިޔާ
- ޖުމްލަ - 3.7 ބިލިއަން ރުފިޔާ
ސަރުކާރުގެ ޓްރެޝަރީ ލޯނު ކީސާއަށް ނަޒަރު ހިންގާލާއިރު، އެންމެ ބޮޑު އަދަދެއް ދަރާފައި އޮތީ ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އެވެ. ދެން އެންމެ ބޮޑު އަދަދެއް ދަރާފައި އޮތީ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިންނެވެ. މި ދެ ތަނުން ދަރާފައި އޮތް 2.1 ބިލިއަން ރުފިޔާއަކީ ޓްރެޝަރީ ލޯނުތަކުން ނުލިބިވާ ފައިސާގެ ދެބައިކުޅައެއް ބަޔަށް ވުރެ ބޮޑު އަދަދެކެވެ.
ސިފްކޯ އާއި ޕޮލްކޯ ނަގާފައި، ޓްރެޝަރީ ލޯނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކަން ޖެހެނީ ސަރުކާރު ކުންފުނިތަކުންނެވެ. މި ލިސްޓުގައި ސަރުކާރުގެ އެންމެ ބިޔަ ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ އެޗްޑީސީ އާއި އެސްޓީއޯ އާއި އެމްއޭސީއެލް ހިމެނެ އެވެ. އޭގެ އިތުރުން ޕީއެސްއެމް، ފެނަކަ، އާރުޑީސީ، އެމްއައިޓީޑީސީ، މިފްކޯ ފަދަ ސަރުކާރުގެ ފައިސާއަށް ބަރޯސާވާ ކުންފުނިތަކާއި އުވާލާފައިވާ އެމްއާރުޑީސީ ވެސް މި ލިސްޓުގައި ހިމެނެ އެވެ.
އާންމުންނަށް ދޫކޮށްފައި ހުރި ލޯނުތަކުގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީން ހިންގާފައިވާ ދެ ސްކީމަކުން ލިބެން ޖެހި ނުލިބިވާ ފައިސާ އާއި "އެޓޯލް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓް" އަށް ލިބެން ޖެހި ނުލިބިވާ ފައިސާ އާއި އާންމުންގެ ދެ މީހަކަށް ދޫކުރި ދެ ލޯނަކަށް ނުލިބިވާ ފައިސާ ވެސް ހިމެނެ އެވެ.
ޓްރެޝަރީ ލޯނުތަކުގެ މައްސަލައިގައި ރިޕޯޓުން ފާހަގަވީ އަނެއް ކަމަކީ ކޯޕަރޭޓިވް ސޮސައިޓީތަކަށާއި އަމިއްލަ މީހުންނަށް ދޫކޮށްފައި ހުރި ލޯނުތަކަށް ނުލިބިވާ އަދަދު އެނގުނަސް އޭގެ ތެރެއިން އެރިއާސް ނުވަތަ ދައްކަންވާ ތާރީހަށް ނުދައްކައިވާ ފައިސާގެ މިންވަރު ނޭނގުމެވެ. ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީން ފޯރުކޮށްދިން ރެކޯޑުތަކުން ސީދާ އެ އަދަދު ކަށަވަރު ކުރެވެން ނެތް ކަމަށެވެ.











