ވޯޓާ ސްޕޯޓްސްގެ މަޝްހޫރު ބްރޭންޑް ކޮނެލީގެ ބްރޭންޑް އެމްބަސެޑަރަކަށް ކުޅަދާނަ ވޭކްބޯޑަރު އަބްދުالله ޝާފީ (ސްޕައިޑާ) ހަމަޖައްސައިފި އެވެ.
އަކުއާކިއުބް ޕްރައިވެޓް ލިމިޓެޑްގެ އެތުލީޓްސް ސްޕޮންސާޝިޕް ޕްރޮގްރާމްގެ ދަށުން ސްޕައިޑާ ކޮނެލީ ބްރޭންޑްގެ އެމްބެސެޑާ އަކަށް ހަަމަޖެއްސިއިރު, މީގެ ކުރިން އަކުއާކިއުބް އިން ވަނީ ޑުއޮޓޯން ބްރޭންޑްގެ އެމްބެސެޑަރަކަށް ހުނަރުވެރި ކައިޓްސާފަރު ހަސަން މާހިރު (ހަންޓޭ) ހަމަޖައްސައިފަ އެވެ.
ބ. ގޮއިދޫ ކައިޓް ބީޗުގައި ކުރިއަށްދިޔަ ހަފްލާގައި އަކުއާކިއުބްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އާދަމް ފައިސަލް އެވެ.
މި ހަފުލާގައި ވާހަކަ ދައްކަމުން އާދަމް ބުނީ, މިއީ އެތުލީޓުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ފަށާފައިވާ މަސައްކަތެއް ކަމަށެވެ. އަދި ޝާފީ މި ހަމަޖެއްސީ ކޮނެލީ އިންޓަނޭޝަނަލް ބްރޭންޑްގެ އެމްބެސެޑަރެއް ކަމަށް އެދާމް ބުންޏެވެ.
އާދަމް ބުނީ އަކުއާ ކިއުބްގެ ދަށުން މި އަންނަ ބްރޭންޑްތަކުން އެތުލީޓުން ސްޕޮންސާކޮށް, އެތުލީޓުންނަށް ފުރުސަތު ހޯދައިދޭން ބޭނުންވާ ކަމަށެވެ.
ޝާފީ ބުނީ މިއީ ވަރަށް ކުރީއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި, އެ ހުވަފެނުގައި ކުލަޖައްސައިދިން ކަމަށްޓަކާ އަކުއާ ކިއުބްއަށް ޝުކުރުއަދާ ކުރާ ކަމަށެވެ.
ހުނަރުހުރި އެތުލީޓުން މޫދު ކުޅިވަރުގެ ތެރެއިން ޑިވެލޮޕްކުރަން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދިނުން ކަމަށް އަކުއާކިއުބުން އޮތީ ތައްޔާރަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.













