މިނީ ފުޓްބޯޅަ ރާއްޖެ އަށް ތައާރަފުކުރުމުގެ ގޮތުން 700 އަށް ވުރެ ގިނަ ކުދިންނާ އެކު، މިނީ ފުޓްބޯލް ފެސްޓިވަލް ފަށައިފި އެވެ.
މިއީ، 90 މިނިޓްސް އެކެޑަމީ އިން ކުރިއަށްގެންދާ މުބާރާތެކެވެ.
އިއްޔެ ފެށި މި ފެސްޓިވަލްގައި 15 އެކަޑަމީން ވާދަކުރެ އެވެ. އޭގެ ތެރޭގައި މާލެ, ހުޅުމާލެ އަދި އަތޮޅު ތެރެއިން އެއް އެކަޑަމީ ހިމެނެ އެވެ. އެއީ އަލިކާ ސްޕޯޓްސް އެކަޑަމީ އެވެ. މި އެކަޑަމީ އަކީ, ވ. އަދި ލ. އަތޮޅުގެ ކުދިން ހިމެނޭ އެކަޑަމީ އެކެވެ.
މި ފެސްޓިވަލް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ، ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މިއީ ރާއްޖޭގައި މިނީ ފުޓްބޯޅަ ތައާރަފުކުރުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މި ވަގުތައް ބަލާނަމަ ފުޓުބޯޅައިގެ އެންމެ ފޯރިއާ އެކު, ކުރިއަށް ދަނީ އެކަޑަމީ ލެވަލްގެ މުބާރާތްތައް ކަމަށްވުމުން އެކަޑަމީ މުބާރާތެއް ބާއްވަން ނިންމީ ކަމަށް ޝާޒްލީ ބުނެފައިވެ އެވެ.
"އަސްލު މިއީ މިނީ ފުޓުބޯޅަ ރާއްޖެ އަށް އިންޓްރޮޑިއުސް ކުރުމަށް ބާއްވާ މުބާރާތެއް. އޮފިޝަލީ އިންޓްރޮޑިއުސް މި ކުރަނީ މިނީ ފުޓުބޯޅަ. ދެން އެކަޑަމީ މުބާރާތެއް މި ބާއްވަނީ މި ވަގުތު އެންމެ ފޯރީގައި މި ކުރިއަށް ދަނީ އެކަޑަމީ ލެވަލްގެ މުބާރާތްތައް" ޝާޒްލީ ބުންޏެވެ.
މި މުބާރާތުގައި އަންހެން ހަ ޓީމުން ވެސް ވާދަކުރެ އެވެ. އަންހެން އޯޕަން ޑިވިޝަންގެ މުބާރާތެއް ވެސް ކުރިއަށް ދާނެ ކަން ޝާޒްލީ ކޯޗު ފާހަގަކުރި އެވެ.












