ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި 93 މެންބަރުން، ކުރިއަށް އޮތް ފަސް އަހަރަށް މަޖިލިސް މެންބަރުކަމުގެ ހުވާ އިއްޔެ ކުރެއްވި އެވެ.
މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. މަޖިލިސް މެންބަރުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުނާން އެވެ.
އެއަށް ފަހު މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރެއްވުމާއި ކޮމިޓީތައް އެކުލަވައިލަން ފެށުމުގެ މަސައްކަތް ފެށި އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް އިންތިހާބު ކުރީ ފުނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. ނޮވެމްބަރު 17، 2023 އިން ފެށިގެން މެންބަރުކަމުގެ ހުވާ ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޗީފް މިނިސްޓަރުގެ މަގާމުގަ އެެވެ.
މަޖިލީހުގެ ނައިބު ރައީސް އަކަށް އިންތިހާބު ކުރީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

އޭޕްރީލް 21، ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީއިން 66 ގޮނޑި ކާމިޔާބު ކުރި އެވެ. ނަމަވެސް އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބު ކުރި ނުވަ މެންބަރަކު ޕީއެންސީއާ ގުޅިވަޑައިގަތުމާއެކު، މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ މެންބަރުންގެ އަދަދަކީ 75 އެވެ. މިއީ ރާއްޖޭގެ މަޖިލީހުގެ ތާރީހުގައި ރެކޯޑު އަދަދެކެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މަސައްކަތް ކުރައްވަނީ ސަރުކާރާ އެކީގަ އެވެ. އެހެންވެ، މަޖިލީހުގައި ހިމެނޭ ސަރުކާރުގެ ކޯލިޝަންގެ މެންބަރުންގެ އަދަދު 79 އަށް އަރަ އެވެ.
މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ އެމްޑީޕީ އެވެ. އެ ޕާޓީގެ 12 މެންބަރަކު ތިބިއިރު، މިނިވަން ދެ މެންބަރަކު އެބަ ތިއްބެވި އެވެ.













