އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބް ޓީނޭޖްގެ މައްޗަށް ކުރިހޯދާ ބުރު ސްޕޯޓްސް ކުލަބުން ކުއާޓާގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ރޭ ޓީނޭޖާއި ދެކޮޅަށް ކުޅުނު މެޗު ބުރުން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. މި މުބާރާތުންގެ ފޭވަރިޓުންގެ ތެރޭގައި މި ދެ ޓީމު ހިމެނެ އެވެ.
މެޗުގެ ފުރަތަމަ ގޭމުގައި ބޭރުން ކުޅެން އެރީ ބުރުންނެވެ. މި ގޭމު ބުރުން ކާމިޔާބުކުރީ ގޭމު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް 7-3 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ގޭމުގައި ޓީނޭޖުން ކުޅެން އެރީ ބޭރުންނެވެ. އެކަމަކު އެތެރޭން ކުޅެމުން ދިޔަ ބުރުގެ މައްޗަށް ދެވަނަ ގޭމުގައި ވެސް ޓީނޭޖަށް ކުރިހޯދޭ ގޮތް ވަނީ ނުވެފަ އެވެ. މި ގޭމު ބުރުން ކާމިޔާބުކުރީ 11-10 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ބުރުގެ މުހައްމަދު މިރުޝާލް ޔާސިރު (މިރު) އެވެ.
މީގެ އިތުރުން ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ޓީސީ ސްޕޯޓްސް ކުލަބުުން ވެސް ވަނީ މި މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދާފަ އެވެ.
ޓީސީން ކުއާޓާގެ ޖާގަ ކަށަވަރުކުރީ ޓީނޭޖު ޓީ ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ގޭމުގައި ޓީނޭޖު ޓީ އިން ބޭރުން ކުޅުނުއިރު, މި ގޭމުގެ ވަގުތު ހަމަވިއިރު, ޓީނޭޖު ޓީ އަށް އެތެރެއިން ކުޅެމުން ދިޔަ ޓީސީގެ އެއްވެސް ކުޅުންތެރިއެއް ނުބައިކޮށް ނުލެވުނެވެ. އެއާއެކު މި ގޭމު ޓީސީން ކާމިޔާބުކުރީ 14-0 އިންނެވެ.
ދެވަނަ ގޭމުގައި ޓީސީން ބޭރުން ކުޅެންއެރިއިރު, ގޭމުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް ޓީސީން ވަނީ ޓީނޭޖުގެ ހުރިހާ ކުޅުންތެރިން ނުބައިކޮށް ގޭމު ކާމިޔާބުކޮށްފަ އެވެ.













