"ރެޑް ބުލް ފޯ ޓު ސްކޯ" ގެ ޗެމްޕިއަންކަން ދި ފުޓްސަލް ޓައުން (ޓީއެފްޓީ) އިން ހޯދާ ޖަރުމަނުގެ ލައިޕްޒިގްގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް ރައުންޑަށް ކޮލިފައިވެއްޖެ އެވެ.
ޖަރުމަނުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް ބުރުގައި ދުނިޔޭގެ 25 ގައުމެއްގެ ޗެމްޕިއަން ޓީމުތައް ވާދަކުރާނެ އެވެ.
ރާއްޖޭގެ 10 ސަރަހައްދެއްގައި މި މުބާރާތުގެ ކޮލިފައިން ބުރު ކުރިއަށްދިޔައިރު, މުބާރާތުގެ ފައިނަލް ބުރުގައި ޖުމްލަ 16 ޓީމުން ވަނީ ވާދަކޮށްފަ އެވެ. އޭގެ ތެރެއިން ނުވަ ޓީމަކީ މާލެއިން ބޭރުގައި ބޭއްވި ކޮލިފައިން ބުރުތައް ކާމިޔާބުކުރި ޓީމުތަކެވެ.
މާލެ ސަރަހައްދުން ހަތް ޓީމެއް ރާއްޖޭގެ ފައިނަލް ބުރުގައި ވާދަކުރި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީ އިން ހޯދީ, ޓީމް ބަޖިޔާ އާ ވާދަކޮށް 7-0 ގެ ނަތީޖާއަކުންނެވެ. މިއީ ރެޑްބުލް އިން އިންތިޒާމުކޮށް ބޭއްވި މުބާރާތެއްގެ ޗެމްޕިއަންކަން ޓީއެފްޓީ އިން ހޯދި ފުރަތަމަ ފަހަރެވެ. ޓީއެފްޓީ ޓީމުގައި ހިމެނެނީ، އަބްދުﷲ ޝައްފާން (ޝާކާ)، އިސްމާއިލް މުނީޒް، އަހުނަފް ރަޝީދު (އަހުއްކޮ)، މުހައްމަދު ވިލްފް އަދި އިބްރާހިމް ނާޖިހު އެވެ.
ރެޑްބުލް އިން ވަނީ މީގެ ކުރިންވެސް އެކި ކަހަލަ މުބާރާތްތަކެއް ބާއްވައިފަ އެވެ. އެ ގޮތުން ނޭމާ ޖޫނިއާ ފައިވް, މުބާރާތާއި ދި ފައިވް މުބާރާތް މީގެ ކުރިން ބޭއްވި އެވެ. އެ ފަހަރުގެ ޗެމްޕިއަން ޓީމަށް ބްރެޒިލް އަށް ދިޔުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެ މުބާރާތްތަކުން އެންމެ ކާމިޔާބު ޓީމަކީ ކުލަބް ޓީނޭޖެވެ. ޓީނޭޖް ވަނީ ދެ ފަހަރެއްގެ މަތިން ބްރެޒިލްގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ.













