ހުލާސާކޮށް އިއްޔެ: ފުށިދިއްގަރުފަޅު ހިއްކުން ހުއްޓިފައި!

Feb 26, 2024, 2:55 AM
ފުށިދިއްގަރުފަޅު ހިއްކިފައިވާ ސަރަހައްދު. -- ފޮޓޯ: އަދަދު

ފުށިދިއްގަރުފަޅު ހިއްކިފައިވާ ސަރަހައްދު. -- ފޮޓޯ: އަދަދު

މި ސަރުކާރުން ކުރިއަށްގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ދެކުނު މާލެ އަތޮޅުގައި އޮންނަ ފުށިދިއްގަރު ފަޅު "ރަސްމާލެ" ގޮތުގައި ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އޮތީ ހުއްޓިފައިވާކަން އިއްޔެ ރިޕޯޓުކުރި އެވެ.

މި މަހުގެ ފުރަތަމަ ދުވަހު އަދި 22 ގައި "އަދަދު" އިން ނެގި ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި ރަސްމާލެ މަޝްރޫއުގެ ދަށުން ފުރަތަމަ ހިއްކާ ސައިޓު ޖޭގެ 29 ހެކްޓަރުގެ ތެރެއިން އެ މުއްދަތުގައި އިތުރު އެއްވެސް ސަރަހައްދެއް ހިއްކާފައެއް ނުވެ އެވެ. ފެބްރުއަރީ، 22 ގައި ނެގި ވީޑިއޯއިން ފެންނަ ގޮތުން އެ ސަރަހައްދުގައި ޑްރެޖަރެއް ވެސް ހަރަކާތްތެރިވަމުންނެއް ނުދެ އެވެ.

ކަނޑުގެ އުޅަނދުތައް ޓްރެކް ކުރާ ވެބްސައިޓުތަކުން ޔަގީން ކުރެވޭ ގޮތުގައި އެ ސަރަހައްދުގައި ޑްރެޖަރެއް ހަރަކާތްތެރިވަމުން ނުދެ އެވެ. އީއައިއޭގައި ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުގައި ވެސް ޑްރެޖަރެއް ހަރަކާތްތެރިވަމުން ނުދެ އެވެ.

މިކަމާ ގުޅިގެން މަޝްރޫއުގެ ކަންކަން ބަލަހައްޓާ އެޗްޑީސީގެ މީޑިއާ އޮފިޝަލަކާ ސުވާލުކުރުމުން ބުނި ގޮތުގައި މަޝްރޫއުގެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދެ އެވެ. އެގޮތުން މިހާރު ބޮޑަށް ކުރިއަށްދަނީ ހިއްކުމަށް ތައްޔާރުވުމުގެ ގޮތުން ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކަމަށެވެ.

ނަމަވެސް މަޝްރޫއުގެ މައުލޫމާތު އިނގޭ އިތުބާރުހުރި މަސްދަރަކުން "އަދަދު" އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓިފައި ކަމަށެވެ. އަދި އެ ސަރަހައްދުގައި ޑްރެޖަރު ހަރަކާތްތެރިވަމުން ނުދާކަން އޭނާ ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ މަޝްރޫއުގެ އީއައިއޭގައި ބުނެފައިވާ ގޮތުން މަސައްކަތް ފެށި ޑްރެޖަރު ބޭނުންކޮށްގެން ތާވަލާ އެއްކޮށް މަސައްކަތް ކުރިއަށްދިޔަ ނަމަ މިދިޔަ މަހުގެ ތެރޭގައި ސައިޓު ޖޭ ހިއްކުމުގެ މަސައްކަތް ނިމޭނެ އެވެ.

އެގޮތުން ބަންޑު ވޯލް ޖެހުމާއި ހިއްކުން އަދި ފަސްގަނޑު ލެވެލް ކުރުމަށް ބޭނުންވާނެ ކަމަށް އީއައިއޭގައި އަންދާޒާކޮށްފައިވާ މުއްދަތަކީ 60 ދުވަހާއި 75 ދުވަހާ ދެމެދުގެ މުއްދަތެކެވެ. ޑިސެމްބަރު، 18، 2023 ގައި ރަސްމާލޭގެ ފުރަތަމަ ސްޓޭޖު ހިއްކަން ފެށިތާ މިއަދަށް 69 ދުވަސް ވާނެ އެވެ. އީއައިއޭގައި އޮތް ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ މަންޒަރެއް ސައިޓަކުން ނުފެނެ އެވެ.

މާލޭގެ ދެކުނުގައި އޮންނަ 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފައި މަސައްކަތް ފެށީ މުޅި އެ ފަޅުގެ އެންވަޔަރަމަންޓު އިމެޕެކްޓު އެސެސްމެންޓު (އީއައިއޭ)ވެސް ނުހަދަ އެވެ. އީއައިއޭ ހަދާފައި ވަނީ ހަމައެކަނި 29 ހެކްޓަރުގެ ސައިޓު ޖޭ އަށް އެކަންޏެވެ.

އެ ބިޔަ ސަހަރު އަށް މަސް ދުވަހުން ހިއްކައި ނިންމާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މަޝްރޫއުގެ އަގުގެ ގޮތުގައި ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި، އަގު އަދާކުރަނީ އެ ބިން ހިއްކަން ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ދޫކޮށްލައިގެންނެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox