ޓީބިލު ވިއްކައިގެން 2.1 ބިލިއަން ރުފިޔާ ހޯދައިފި

ފިނޭންސް މިނިސްޓްރީ އޮފީސް އިމާރާތް:

ފިނޭންސް މިނިސްޓްރީ އޮފީސް އިމާރާތް:

ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޓީބިލު ވިއްކައިގެން 2.1 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

މިއީ ފިނޭންސުން ހުސްވި ހަފުތާގެ ހޯމަ ދުވަހު ކުރި އިއުލާނެއްގެ ދަށުން ވިއްކި ޓީބިލެވެ. އޭރު ކުރި އިއުލާނުގައި ސަރުކާރުން ހުޅުވާލީ 2.2 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާށެވެ. އެކަމަކު ވިކުނީ ބޭނުންވި ވަރަށް ވުރެ 146 މިލިއަން ރުފިޔާ މަދުންނެވެ.

ސަރުކާރުން ބޭނުންވި ވަރަށް ނުވިކުނީ ތިން މަސް ދުވަހުން ދައްކާ ޓީބިލުތަކާއި ހަ މަސް ދުވަހުން ދައްކާ ޓީބިލުތަކެވެ. އެގޮތުން ތިން މަސް ދުވަހުން ދައްކާ ގޮތަށް 316 މިލިއަން ރުފިޔާ ހޯދަން ހުޅުވާލި ނަމަވެސް ލިބުނީ 224 މިލިއަން ރުފިޔާ އެވެ. އަދި ހަ މަސް ދުވަހުން ދައްކާ ގޮތަށް 149 މިލިއަން ރުފިޔާ ހޯދަން ހުޅުވާލި ނަމަވެސް ލިބުނީ 62 މިލިއަން ރުފިޔާ އެވެ.

Advertisement

މި ދެ ޓީބިލު ބޭނުންވި ވަރަށް ނުވިކުނު ނަމަވެސް މަސް ދުވަހުން ދައްކާ ގޮތަށް ވިއްކި ޓީބިލުތަކާއި އަހަރު ދުވަހުން ދައްކާ ގޮތަށް ވިއްކި ޓީބިލުތަކުން ބޭނުންވި ވަރަށް ވުރެ ގިނައިން ފައިސާ ލިިބިފައިވެ އެވެ. އެގޮތުން މަސް ދުވަހުން ދައްކާ ގޮތަށް 974 މިލިއަން ރުފިޔާ ހޯދަން ހުޅުވާލީމައި 997 މިލިއަން ރުފިޔާ ލިބުނެވެ. އަދި އަހަރު ދުވަހުން ވިއްކާ ގޮތަށް 842 މިލިއަން ރުފިޔާ ހޯދަން ހުޅުވާލީމައި 852 މިލިއަން ރުފިޔާ ލިބުނެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބޮރޮވިން ޕްލޭނުގައިވާ ގޮތުގައި އެތެރޭގެ ބާޒާރުން ޓީބިލާއި ޓްރެޝަރީ ބޮންޑު ވިއްކައިގެން 3.95 ބިލިއަން ރުފިޔާ ހޯދާނެ އެވެ. ބަޖެޓު ޑެފިސިޓުވެފައިވާ 16.3 ބިލިއަން ރުފިޔާގެ ބާކީ 12.3 ބިލިއަން ރުފިޔާ ހޯދަނީ ބޭރުގެ ބާޒާރުންނެވެ.

ބޭރުގެ ފަރާތްތަކުން ހޯދާ ފައިސާގެ ތެރެއިން 8.5 ބިލިއަން ރުފިޔާ ހޯދަން ސަރުކާރުން އިއުލާނުކުރީ މި މަހުގެ ކުރީކޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތިންހުރާގައި ކަނޑުފަޅުގެ ދިރުންތައް އާލާކުރާ ފާމެއް ހަދަނީ

ދ. ތިންހުރާގައި ފާނަ، އިހި، ހުއިފިލަނޑު އަދި ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމަށް ހުށަހެޅީ މެގަޓަން ކުންފުނިން. އެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެއްގަމާއި ފަޅުތެރޭގައި ތަފާތު ވަސީލަތްތައް ގާއިމުކޮށް، އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް.

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ތިމަރަފުށްޓާއި ފޮނަދޫގައި ސިޓީ ހޮޓާ އަޅަން ހުޅުވާލައިފި

ތ. ތިމަރަފުށްޓާއި ލ. ފޮނަދޫގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، އެ ދެ ރަށުގައި ސިޓީ ހޮޓާ އަޅައި ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް.

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox