ޕޮލިސް ކުލަބުގެ ފޯކަސް މިހާރު ހުރީ ޒުވާން ޓީމެއް ބިނާ ކުރަން ކަމަށާއި, މި ފަހަރުގެ ވޮލީ ސީޒަނުން ފެނިގެން މިދިޔައީ އެކަން ކާމިޔާބުވާ ކަމުގެ މަންޒަރު ކަމަށް އެ ޓީމުގެ ކޯޗު ފަތުހުالله ވަހީދު (ފައްލޯ) ބުނެފި އެވެ.
ގައުމީ މުބާރާތުގެ ފައިނަލުގައި ރޭ ވެމްކޯ އަތުން 3-1 ސެޓުން ބަލިވުމުން ޕޮލިހަށް މި ފަހަރުގެ ސީޒަން ނިންމާލަން ޖެހުނީ ތައްޓަކާ ނުލަ އެވެ. އެކަމަކު، ޕޮލިސްގެ ކޯޗު ފައްލޯ ހުރީ މި ފަހަރުގެ ސީޒަނުގައި އެ ޓީމުން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހިފަ އެވެ.
ފައްލޯ ބުނީ ޕޮލިހުން މިހާރު ފޯކަސް ކުރަމުން އަންނަނީ ޒުވާން ޓީމެއް ބިނާ ކުރުމަށް ކަމަށެވެ. އަދި މި ފަހަރުގެ ސީޒަނުގައި އެ ޓީމުން ދެއްކި ނަތީޖާތަކާއި މެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.
"އެކޮޅުން ކުޅުނު ޓީމުގައި (ވެމްކޯ) އެ ތިބީ މުޅިންވެސް ގައުމީ ޓީމު ކުޅުންތެރިން. އަޅުގަނޑުމެންގެ ޓީމު ވަރަށް ޒުވާން. ޕޮލިހުގެ ފޯކަސް ވެސް މިހުރީ ޒުވާން ޓީމެއް ބިނާ ކުރަން" ފައްލޯ ބުންޏެވެ.
ފައްލޯ ބުނީ މި ފަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތުގައި ޕޮލިހުގެ މައްސަލަ އަކަށްވީ ރިސީވްގެ މައްސަލަ ކަމަށެވެ. އެކަމަކު، ސީޒަނުގެ ފަހު މުބާރާތުގައި އެކަން ހައްލުވެ, މޮޅު އެޓޭކުތަކެއް ބިލްޑުކުރެވުނު ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.
ވެމްކޯ އަތުން ޕޮލިސް ބަލިވީ ޕޮލިހުގެ ތަޖުރިބާ މަދުވުމުން ކަމަށް ފައްލޯ ދެކެ އެވެ.
"ވެމްކޯ ގެ ކޯޓު މަތީގައި ފެންނަން އެތިބީ ގައުމީ ޓީމު ކުޅުންތެރިން ހަމަ ގައިމުވެސް. އެކަން ފެންނާނެ ހަމަ" ފައްލޯ ފާހަގަކުރި އެވެ.
ފައްލޯ ބުނީ ވޮލީ ސީޒަނުގެ މުބާރާތްތައް ޖެހިޖެހިގެން ދިޔައީމަ ތަންކޮޅެއް އުނދަގޫ ކަމަށެވެ. ކޮންމެ މުބާރާތަކަށް ފަހު ވަގުތު ލިބޭނަމަ މިއަށްވުރެ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް ފައްލޯ ގަބޫލުކުރެ އެެވެ.













