މި ފެށުނު 2024 ގައި ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒު ހިފާފައިވާއިރު މިއަދު ހެނދުނު ރާއްޖެ އައި މިއަހަރުގެ އެންމެ ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި އެވެ.
މި ޓޫރިސްޓަކީ އިނިގިރޭސިވިލާތަށް ނިސްބަތްވާ ބެންޖަމިން ޑަންކަން މޫ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ދާއިރާގެ އިސްވެރިން އޭނާއަށް މަރުހަބާ ކިޔާފައިވެ އެވެ.

މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔާފައިވޭ
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި އެރައިވަލް ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު 1،800،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑެކެވެ.
އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ނިސްބަތްވާ ޔޫކޭ އަކީ މިދިޔަ އަހަރު، ހަތަރު ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމެވެ.

އަންނަ އަހަރު ރާއްޖޭގައި އަލަށް 15 ވަރަކަށް ރިސޯޓު ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރާއިރު 1,000 އެނދު މާކެޓަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ އަންނަނީ އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. އެކަން ހާސިލު ކުރުމަށް އެމްއެމްޕީއާރްސީއާ ގުޅިގެން އިތުރު މާކެޓުތަކަށް ވާސިލުވެ، ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.












