ޕެރިސް (ޑިސެމްބަރު 21) - ކީލިއަން އެމްބާޕޭގެ އުފަން ދުވަހު ކޮއްކޮ އީތަން އެމްބާޕޭ ސީނިއާ "ޑެބިއު" ހަދައި ހާއްސަ އުފަލެއް ދީފި އެވެ.
ކީލިއަން އެމްބާޕޭގެ އުމުރަކީ 25 އަހަރެވެ. އީތަން އެމްބާޕޭ އަކީ 16 އަހަރުގެ ކުޅުންތެރިއެކެވެ.
އެމްބާޕޭ ދެބެން ފެނުނު މި މެޗުގައި، ރޭ ޕީއެސްޖީން އަމިއްލަ ދަނޑުގައި މެޓްޒްއާ ދެކޮޅަށް ކުޅެ މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން މެޓްޒްގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ގޯލެއް ޖެހޭ ގޮތް ވަނީ ނުވެފަ އެވެ. އެކަމަކު، ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޕީއެސްޖީގެ ވިޓީނިއާ ވަނީ ލަނޑު ޖަހާ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ، އޭރިއާ ބޭރުން ލީ ކަންގް އިން ނަގައިދިން ހުރަހެއްގެ ބޭނުން ހިފައި ވިޓީނިއާ ކާމިޔާބުކުރި ލަނޑެކެވެ.
ޕީއެސްޖީން އެ ޓީމުގެ ލީޑު ފުޅާކުރީ މެޗުގެ 60 ވަނަ މިނެޓުގަ އެވެ. އޭރިއާ ބޭރުން، ކީލިއަން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެކަމަކު، މެޗުގެ 72 ވަނަ މިނެޓުގައި މެޓްޒްއިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަ ކޮށްފަ އެވެ. ލަމީން ކަމާރާ ނަގައިދިން ކޯނަރެއްގެ ބޭނުން ހިފައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެތިއު އުޑޮލް އެވެ.
މެޗުގައި ޕީއެސްޖީން ޖެހި ފަހު ގޯލު އެ ޓީމުން ކާމިޔާބުކުރީ 83 ވަނަ މިނެޓުގަ އެވެ. މިއީ މެޓްޒްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ.
އެމްބާޕޭގެ 25 ވަނަ އުފަން ދުވަހު ކުޅުނު މި މެޗުގައި އޭނާގެ ކޮއްކޮ އީތަން ކުޅުމަކީ މި މެޗު ހާއްސަ ވީ ސަބަބެވެ. މިއީ އީތަން ޕީއެސްޖީ އަށް ކުޅެދިން ރަސްމީ ސީނިއާ ފުރަތަމަ މެޗެވެ. އަދި މިއީ އީތަންގެ ސީނިއާ ކެރިޔަރުގައި ޔޫރަޕްގެ ގަދަ ފަސް ލީގުގެ މެޗަކަށް އެރި ފުރަތަމަ ފަހަރު ވެސް މެއެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީން ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 17 މެޗުން ހޯދި 40 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނީސް އަށް 17 މެޗުން ލިބިފައި އޮތީ 35 ޕޮއިންޓެވެ.













