ޕެރިސް (އޮކްޓޫބަރު 16) - ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ނެރެން މަސައްކަތް ކުރާ ކެންޑިޑޭޓަކީ މަޝްހޫރު ފުޓްބޯޅަ ކޯޗު، ފްރާންސްގެ އާސެން ވެންގާ ކަމަށް މީޑިއާގައި އަޑުފެތުރިއްޖެ އެވެ.
އާސެނަލްގެ ކޯޗެއްގެ ގޮތުގައި ހޭދަކުރި 22 އަހަރު ހޭދަކޮށް، ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ އިސް ވެރިއަކަށް ހުރި ވެންގާ އަދި މިހާތަނަށް ފީފާގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިނުވެ އެވެ. އެކަމަކު، އިންފަންޓީނޯ މަގާމުން ދުރުކޮށް، ފީފާގެ ރައީސަކަށް ޔުއެފާގެ އިތުބާރު ލިބިފައިވާ ފަރާތެއް ގެންނަން ކުރާ މަސައްކަތުގައި، އެންމެ ގިނަ ގައުމަކުން އިއްތިފާގުވާ ކެންޑިޑޭޓަކަށް ހުރީ ވެންގާ އެވެ.
ފްރާންސް، އިނގިރޭސި، ޖަރުމަނު އަދި ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޔުއެފާގެ ސީނިއާ އޮފިޝަލުން ވެންގާއާ އެކު ރަސްމީ ބައްދަލުވުންތަކެއް ބާއްވާނެ އެވެ. އަދި، އެކަމުގެ ފުރަތަމަ ބޮޑު މަޝްވަރާތައް، އިއްޔެ ނިމިގެންދިޔަ ފީފާ ކައުންސިލް ބައްދަލުވުމުގެ ހަވާސާގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ.
ސެޕް ބްލެޓާ، 2015 ވަނަ އަަހަރު ފީފާގެ ރައީސް ކަމުން ދުރުކުރުމަށް ފަހު، ދެން އެންމެ ފުރަތަމަ ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި، 2016 އިން ފެށިގެން ފީފާގެ ރައީސްކަން ފުރުއްވަމުން އަންނަ އިންފަންޓީނޯ ވަނީ އަންނަ އަހަރު ބާއްވާ އިންތިހާބުގައި ހަތަރު ވަނަ ދައުރަކަށް ކުރިމަތިލާނެކަން އިއުލާނުކޮށްފަ އެވެ.
އަންނަ އަހަރުގެ މާޗް މަހު ފީފާގެ އާ އިންތިހާބު އޮތްއިރު، ރަސްމީކޮށް މިހާތަނަށް ކެންޑިޑެސީ އިއުލާނުކުރެއްވީ، އިންފަންޓީނޯ އާއި ސްވިޒަލެންޑް ގައުމީ ޓީމަށް ކުރިން ކުޅުނު ރަމޮން ވޭގާ އެވެ.
އަންނަ މަހު، 18 ވަނަ ދުވަހު، ފީފާގެ އިންްތިހާބަށް ކުރިމަަތިލުމުގެ މުއްދަތު ހަމަވާނެ އެވެ. ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ.












