ސޯފިއާ، ބަލްގޭރިއާ (ނޮވެމްބަރު 28) - ސަޕޯޓަރުންގެ ޕްރެެޝަރާ ހެދި ބަލްގޭރިއާގެ ފުޓްބޯޅަ ޔޫނިއަން (ބީއެފްޔޫ)ގެ ރައީސް ބޮރިސްލާފް މިހައިލޯފް އިސްތިއުފާދީފި އެވެ.
އުމުރުން 60 އަހަރުގެ މިހައިލޯފް ވަނީ 18 އަހަރު ދުވަހު ބަލްގޭރިއާގެ ފުޓްބޯޅަ ރައީސްގެ ޒިންމާ އަދާކޮށްފަ އެވެ.
މިހައިލޯފް އަށް މަގާމުން އިސްތިއުފާ ދޭން ޖެހުނީ އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް، ބަލްގޭރިއާ ކޮލިފައިނުވުމާ ގުޅިގެން، ސަޕޯޓަރުން ހުއްޓުމެއްނެތި ކުރިއަށްގެންދިޔަ އެއްވުންތަކަށް ފަހު އެވެ.
"މިހާރުގެ ހާލަތަށް ބަލާފައި އަހަރެން އިސްތިއުފާ ދޭން ނިންމައިފިން،" 1994 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ހަތަރު ވަނަ ބަލްގޭރިއާ އިން ހޯދިއިރު، ޓީމުގައި ހިމެނުނު މިހައިލޯފް ވިދާޅުވި އެވެ.
މި މަހުގެ 16 ވަނަ ދުވަހު، ބަލްގޭރިއާ އިން ހަންގޭރީއާ ދެކޮޅަށް ކުޅުނު ޔޫރޯ ކޮލިފައިން މެޗުގެ ކުރިން އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ދަނޑުބޭރަށް އެއްވެ، މިހައިލޯފް މަގާމުން ދުރުވުމަށް ގޮވާލައިފަ އެވެ. އެ މެޗުން 2-2 އިން ބަލްގޭރިއާ އެއްވަރުވިއިރު، ބޮޑު މުބާރާތެއްގައި ކުޅެން އެ ގައުމުން ކުރަމުން އަންނަ އިންތިޒާރު ދިގުލައިދިޔައީ އެވެ. އެންމެ ފަހުން، ބަލްގޭރިއާ އިން ކުޅުނު ބޮޑު މުބާރާތަކީ 2004 ވަނަ އަހަރުގެ ޔޫރޯ އެވެ.
މިހައިލޯފް ވިދާޅުވީ އޭނާގެ ދައުރުގައި ބަލްގޭރިއާ ފުޓްބޯޅަ އަށް ޓަކައި ޖުމްލަކޮށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެެވެ.
މީގެ ކުރިން ވެސް މިހައިލޯފް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އެއީ، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗެއްގައި ހިނގައިދިޔަ ނަސްލީ ގޮތުން ދިމާކުރުމުގެ ކަންތައްތަކަކާ ހެދި އެވެ. އެކަމަކު، ދޮޅު އަހަރެއްހާ ދުވަސް ފަހުން، މިހައިލޯފް އަލުން މަގާމަށް އެނބުރި އަ އެވެ.
މިހައިލޯފް ވަނީ 2005 ވަނަ އަހަރުގެ ފަހުން، ބަލްގޭރިއާގައި ބޭއްވި ފުޓްބޯޅައިގެ ފަސް އިންތިހާބު ކާމިޔާބުކޮށްފަ އެވެ.
ބަލްގޭރިއާގެ ފުޓްބޯޅަ ރައީސް ހޮވާ އިންތިހާބު ދެން އޮތީ އަންނަ އަހަރު އެވެ. އެހާތަނަށް ބަލްގޭރިއާގެ ފުޓްބޯޅައިގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރާނީ ނައިބު ރައީސް، މިހައިލް ކަސާބޯފް އެވެ.












