ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި އިންވެސްޓަރުން ލިބިދޭ ހައްގުތަކާއި ރައްކާތެރިކަމާއި ހިމާޔަތްތައް ފަދަ ކަންކަމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ފޮރިން އިންވެސްޓްމަންޓް ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވައިފި އެވެ.
ބޭރުގެ އިންވެސްޓްމަންޓްތަކަށް މިހާރު ހިނގަނީ 1979ގައި އަމަލުކުރަން ފެށި 'ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނު' އެވެ. އެންމެ 17 މާއްދާ އެކުލެވޭ މި މި ގާނޫނުގައި އިންވެސްޓްމަންޓް ކުރެވޭނެ ކަމާއި އިންވެސްޓަރުންނަށް ލިބިދޭ ހައްގުތައް ހިމަނާފައި ވަނީ ވަރަށް އާދައިގެ އިބާރާތަކުންނެވެ.
މަޖިލީހުގައި މިއަދު ފުރަތަމަ ކިޔުން އިއްވި ބިލުގައި ވަނީ ވަރަށް ތަފްސީލުކޮށް، އަދުގެ އިގުތިސާދީ ހާލަތާއި ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލަށް ފެތޭ އުސޫލުތަކެއް ކަނޑައެޅުމަށް ހިމަނައިފަ އެވެ. އެގޮތުން ވިޔަފާރިއެއްގެ ގޮތުގައި ކުރާ އިންވެސްޓުމަންޓުތަކުގެ އިތުރުން ވިޔަފާރިއެއް ކުރުމަށް ނުވާ ގޮތަށް ހިންގާ ޕްރޮޖެކްޓުތަކުގައި ބައިވެރިވާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ހުއްދަ ދިނުމާއި މަސައްކަތް ކުރުމާ ގުޅޭ އުސޫލުތައް ކަނޑެޅުން މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ބަޔާންކޮށްފައި ވެ އެވެ.
ބިލުގައި ހިމަނާފައިވާ މުހިންމު ކަންކަން
- އިންވެސްޓްމަންޓްތައް ޕްރޮމޯޓުކުރުމުގެ ޒިންމާ އާއި އިންވެސްޓްމަންޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމުގެ ޒިންމާ އަދާ ކުރާނީ އިކޮނޮމިކް މިނިސްޓްރީންނެވެ. މިގޮތަށް އިންވެސްޓް ކުރެވޭ ދާއިރާތަކުގެ ތެރޭގައި ހުޅުވާލާފައިވާ ދާއިރާތަކާއި ޝަރުތުތަކާ އެކު އިންވެސްޓް ކުރެވޭ ދާއިރާތަކާއި އިންވެސްޓް ނުކުރެވޭ ދާއިރާތައް ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓަރެވެ.
- އެެއްވެސް ފަރާތަކަށް އިންވެސްޓް ކުރެވޭނެ ފޮރިން އިންވެސްޓްމަންޓް އެޕްރޫވަލް އާއި ލައިސެންސް ހޯދުމަށް ފަހުގަ އެވެ. މި ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ބޭރުގައި މަރުކަޒުވެފައިވާ ކުންފުނިތަކާއި ރާއްޖޭގައި މަރުކަޒުވެފައިވީ ނަަމަވެސް ބިދޭސީންގެ ހިއްސާ އެކުލެވޭ ވިޔަފާރިތައް ހިމެނެ އެވެ. މި ހުއްދަ ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީންނެވެ. މި ހުއްދަ ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރާއި އިހުތިޔާރު މިނިސްޓްރީއަށް ލިބެ އެވެ.
- އިންވެސްޓަރުންގެ ރައުސުލްމާލާއި ރައުސުލްމާލުން ލިބޭ ފައިދާ އަނބުރާ ގައުމަށް ގެންދިއުމުގެ ހުއްދަ ލިބެ އެވެ. ނަމަވެސް ބޭރު ފައިސާގެ ދަތިކަމެއް ފަދަ އިގުތިސާދީ ބޮޑު ކާރިސާއެއްގެ ވަގުތުގައި ޝަރުތުތަކެއް ފުރިހަމަކުރުމަށް ފަހު މެނުވީ އިންވެސްޓްމަންޓްތައް އަނބުރާ ނުގެންދެވޭ ގޮތަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ދެވޭނެ އެވެ. ހާއްސަ ހާލަތްތަކުގައި ދައުލަތަށް އިންވެސްޓްމަންޓްތައް ނެގުމުގެ ބާރު ވެސް ލިބެ އެވެ.
- އިންވެސްޓްމަންޓުތަކަށް ބަދަލު ދިނުމުގައި ބަދަލުގެ މިންވަރު ހިސާބުކުރުމުގައި ރިއާޔަތް ކުރާނީ ފެއާ މާކެޓް ވެލިއުއަށެވެ. ބަދަލު ދިނުމުގައި އަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރާ ގަވާއިދެއް، މި ބިލު ގާނޫނަކަށް ވުމުން، އެކުލަވާލަން ޖެހެ އެވެ.
- އިންވެސްޓްމަންޓުތަކަށް ކަނޑައެޅޭ އުސޫލުތަކާ ހިލާފަށް އަމަލުކުރާ ވިޔަފާރިތައް މުޅި އިންވެސްޓްމަންޓުގެ 30 ޕަސެންޓަށް ވުރެ ބޮޑު ނުވާނެހެން ޖޫރިމަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބޭނެ އެވެ.
ބިލުގެ ތިން ވަނަ ބާބު ހާއްސަކޮށްފައި ވަނީ ވިޔަފާރި ކުރުމަށް ނުވާ ގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ކޮންސަލްޓަންޓުންނާއި ކޮންޓްރެކްޓަރުންނަށެވެ. މިފަދަ ފަރާތްތަކަށް ރާއްޖޭގައި މަސައްކަތް ކުރެވެނީ ފޮރިން ކޮންޓްރެކްޓަރު ލައިސަންސެއް ނަގައިގެންނެވެ. މި ހުއްދައިގެ ދަށުން އެއްވެސް ވިޔަފާރިއެއް ހިންގުން މަނާ ވާނެ އެވެ. ހުއްދަ ނުނަގާ މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނާއި ވިޔަފާރި ކުރާ ކޮންޓްރެކްޓަރުން އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބެ އެވެ.
ފޮރިން އިންވެސްޓަމަންޓުގެ އާ ގާނޫނަށް އަމަލުކުރަން ފަށާނީ މިހާރު ހުށަހަޅާފައި ބިލު މަޖިލީހުން ފާސްކޮށް، އެ ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސް ދުވަސް ފަހުންނެވެ. އެ ތާރީހުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި މިހާރު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ފޮރިން އިންވެސްޓްމަންޓުތަކެއް އާ ގަވާއިދުގެ ދަށުން ހުއްދަ ނަގަން ޖެހެ އެވެ. މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ހަ މަސް ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރަން ޖެހެ އެވެ.











