ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހި، ރިސޯޓުތަކުން ކަރަންޓު ކަނޑަން ފަށައިފި

ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހި، ރިސޯޓުތަކުން ކަރަންޓު ކަނޑަން ފަށައިފި

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަން ދަށްވެ، ތެލުގެ އަގު ވަރަށް ބޮޑަށް މަތިވުމުން، ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހި ރިސޯޓުތަކުން ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

ދިވެހިރާއްޖެއިން އެންމެ ބޮޑަށް ބަރޯސާވާ އަދި އެންމެ ބޮޑު އިންޑަސްޓްރީ ދަށަށް ދިޔައީ އިޒްރޭލާއި އެމެރިކާއިން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް ބުރޫއަރައި، ތެލުގެ އަގު އިންތިހާ މަތިވުމުންނެވެ. ރާއްޖޭގައި މިވަގުތު މަދުވެގެން 177 ރިސޯޓު އޮޕަރޭޓު ކުރެ އެވެ.

ބައެއް ރިސޯޓުތަކުން އަދަދު އާ ވާހަކަ ދެއްކި މަސްދަރުތަކުން ބުނީ، ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު 75 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށެވެ. ހަމައެއާއެކު، ތެލުގެ އަގު މަތިވުމުން ވަންނަ ފައިސާ މަދުވެ، ހަރަދު ކުރަންޖެހޭވަރު އިތުރުވެފައިވާ ކަމަށް މަސްދަރުތަކުން ބުންޏެވެ.

"ކެންސަލްވާ ބުކިންތައް ވެސް ވަރަށް ގިނަ. ފުރަތަމަ ކަމަކީ ރާއްޖެއަށް އައުން އުނދަގޫވުން. ދެ ވަނަ ކަމަކީ، ތެލުގެ ދަތިކަމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް ލިބޭނެކަމުގެ ޔަގީންކަން ފަތުރުވެރިންނަށް ނެތުން،" މި ނޫހާ ވާހަކަ ދެއްކި ފަސް ތަރީގެ ރިސޯޓެއްގެ މެނޭޖަރަކު ބުންޏެވެ.

ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ 28، ގައި ހަނގުރާމަ ފެށި ފަހުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 21 ޕަސެންޓު ދަށަށް ގޮސްފަ އެވެ. އެންމެ ބޮޑު ދައްޗަކަށްވަނީ ޔޫއޭއީ މަގުން ރާއްޖެއަށް ދަތުރުކުރުން އުނދަގޫވުފައި ދެން އާދެވެން ހުރި ގޮތްތައް އަގުބޮޑުވުމެވެ.

ގިނަ ރިސޯޓުތަކުގައި މަދުވެގެން ތިން ޖަނަރޭޓަރު އޮޕަރޭޓު ކުރެ އެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް ޕީކު ގަޑީގައި ބޭނުން ކުރަން ދެ ޖަނެރޭޓަރާއި ރިޒާވް ޖަނަރޭޓަރެއްގެ ގޮތުގައި ބޭނުންވާ ކުރާ ޖަނަރޭޓަރެވެ. މި ޖަނަރޭޓަރުތަކަށް ޑީސަލް އެޅީ 13.92 ރުފިޔާއަށް ލީޓަރެއްގެ މަގުންނެވެ. އެކަމަކު މިހާރު ޑީސަލް ލީޓަރެއް ލިބެނީ 28.32 ރުފިޔާއަށެވެ. އެއީ 103 ޕަސެންޓުގެ ބޮޑުވުމެކެވެ.

އެއާއެކު، ރާއްޖޭގެ ފާހަގަކޮށްލެވޭ ގިނަ ރިސޯޓުތަކަކުން ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަން ފަށައިފަ އެވެ. އެންމެ ގިނަ ރިސޯޓުތަކުން ކުރާ ކަމަކީ މުވައްޒަފުންނަށް ދޫކުރާ ކަރަންޓު ކެނޑުމެވެ. ބައެއް ރިސޯޓުތަކުން ދެ ގަޑިއިރަށް، ހަތަރު ގަޑިއިރަށް އަދި ހަ ގަޑިއިރަށް ކަރަންޓު ކަނޑަމުންދާ ކަމަށް ރިސޯޓުތަކުން ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުންޏެވެ.

"މި ރިސޯޓުން ނިންމީ ސްޓާފުން ލަންޗު ބްރޭކް ގަޑީގައި ކަރަންޓު ކަނޑަން. ވަރަށް އުނދަގޫވާނެތާ އެގަޑީގައި ކަރަންޓު ކަނޑަންޏާ. އަރާމުކޮށްލަން ޖައްސައެއް ވެސް ނުލެވޭނެ. ފޯނު، ލެޕްޓޮޕް ޗާޖެއް ނުކުރެވޭނެ. ދެން ބޭރު ތެރެއަށް ނުކުމެ އުޅެނީ. ގިނަ ސްޓާފުން ދަނީ އެނބުރި މަސައްކަތަށް،" ގާތްގަނޑަކަށް 400 އެއްހާ މީހުން މަސައްކަތް ކުރާ ރިސޯޓެއްގެ މުވައްޒަފަކު ބުންޏެވެ.

ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ވެސް އެތައް ސަތޭކަ މުވައްޒަފުންނެއް މަސައްކަތް ކުރެ އެވެ. މުވައްޒަފުންގެ އަދަދު ބަރޯސާވަނީ އެ ރިސޯޓަކުން އޮޕަރޭޓު ކުރާ ކޮޓަރީގެ އަދަދަށެވެ. މި ނޫހުން ވާހަކަ ދެއްކި މެނޭޖްމަންޓް ލެވެލްގެ ބައެއް މީހުން ލަފާ ކުރާ ގޮތުގައި ކޮންމެ 100 ކޮޓަރިއަކަށް 400 އެއްހާ މުވައްޒަފުން ބޭނުންވާނެ އެވެ.

މި ހާލަތު ދިގުލައިގެން ގޮސްފި ނަމަ ހަރަދުކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކެއް ރިސޯޓުތަކުން އަޅަންޖެހޭނެ ކަމަށް ވެސް ބައެއް މަސްދަރުތަކުން ބުންޏެވެ. ހާލަތު ރަނގަޅުނުވެ، އިތުރަށް ގޯސްވެއްޖެ ނަމަ އަޅަންޖެހޭނެ ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒަފުން ނޯޕޭއަށް ފޮނުވުމާއި ކެއުމުގެ ފެންވަރު ދަށް ކުރުމާއި ވަކި ވަގުތުތަކެއްގައި ކަރަންޓު ކެނޑުން ދެމެހެއްޓުން ހިމެނޭނެ ކަމަށް މަސްދަރުތަކުން ބުނެ އެވެ.

"ދެން އަންނާނެ ފިޔަވަޅުތަކަކީ، ލީވަށް ފޮނުވާލުން ކޮވިޑުގެ ތެރޭގައި ކަންތައް ކުރި ގޮތަށް. ކެއުމުގެ ފެންވަރު ދަށްވާނެ. ވަރަށް ގެއްލުންވާނެ ކަމެއް އެއީ ސީދާ މުވައްޒަފުންނަށް ވެސް،" މި ނޫހާ ވާހަކަ ދެއްކި މަސްދަރަކުން ބުންޏެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ލޯ ސީޒަން ކުރިއަށް އޮތުމުން، އެކަމަށް ވެސް ރިސޯޓުތަކުން ތައްޔާރުވާންޖޭހެ ކަމަށް ބައެއް މީހުން ބުންޏެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ލޯ ސީޒަނުގެ ކުރިން ފަތުރުވެރިކަން ކުރިއާ އެއްވަރަށް އަރައިނުގަތުން ކަމަށް ބައެއް ރިސޯޓުތަކުން ވާހަކަ ދެއްކި ބުންޏެވެ.

"ކުރިއަށް މި އަންނަނީ ލޯ ސީޒަން. އެއީ މެއި، ޖޫން، ޖުލައި. އޭޕްރީލް 11، ގައި އީސްޓާ ނިމޭނެ. އޭގެ ފަހުން އޮކްޓޯބަރާ ހަމައަށް މި އޮތީ ލޯ ސީޒަން. އެ ދޭތެރޭ މި ހިނގާ މުއްދަތުގައި ގެސްޓުން ގިނަ ނުވަންޏާ އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނީ،" މަސްދަރަކުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox