ބޭރު ފައިސާގެ ދަތިކަން ހުރިނަމަވެސް ރާއްޖޭގެ އިގުތިސޯދަށް މިއަހަރު ހެޔޮ ބަދަލު އަންނާނޭކަމަށް ލަފާކޮށް ރާއްޖޭގެ ކްރެޑިޓް ރޭޓިން ނުވަތަ ދަރަނި ދެއްކުމުގެ ގާބިލުކަން ހުރި މިިންވަރު ފިޗުން މިއަހަރު ވެސް "ބީ ނެގެޓިވް" ގައި ދަމަހައްޓައިފި އެވެ.
ފިޗުން ރާއްޖޭގެ ރޭޓިން "ބީ ނެގެޓިވް" ކަމަށް ފުރަތަަ ކަނޑައެޅީ 2021 ގަ އެވެ. އެއީ އޭގެ ކުރީ އަހަރު (ކޮވިޑު ބަލިމަޑުކަން ލައިގަތް އަހަރު) ރާއްޖޭގެ ލޯންގް-ޓާމް ފޮރިން ކަރަންސީ އިޝުއާ ޑިފޯލްޓު ރޭޓިން (އައިޑީއާރް) "ސީސީސީ" އަށް ދަށްކުރުމަށް ފަހު ގެނައި ބަދަލެކެވެ.
މި ރޭޓިންއާ އެކީ ފިޗުން ވަނީ އިގުތިސާދުގެ މުސްތަގުބަލު ލަފާކުރާ ގޮތް ނުވަތަ އައުޓްލުކް ވެސް "ނެގެޓިވް"ގައި ދަމަހައްޓާފަ އެވެ. ރޭޓިންއަށް ބަދަލު ނުގެނައި މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފިޗުން ފާހަގަކޮށްފައި ވަނީ ދަރަނި އިތުރު ވުމާއި ދައުލަތުގެ ހަރަދުތައް ކުރަން ބޭނުންވާ ފައިސާ ލިބުމުގައި ހުރި ހިރާސްތަކެވެ.
މިއާ ގުޅިގެންނާއި ދުނިޔޭގެ އިގުތިސޯދީ ހާލަތަށް އަންނަމުންދާ ނުރަނގަޅު ބަދަލުތަކާއި ރާއްޖޭގެ ބޭރު ފައިސާ ރިޒާވަށް ކުރަމުންދާ އަސަރުތަކާ ގުޅިގެން މި ހާލަތު އިތުރަށް ގޯސްވެ، ޑޮލަރުގެ އަގު ކޮންޓްރޯލް ކޮށްފައި އޮތްއޮތުން ދަމަހައްޓަން އުނދަގޫ ވާނެ ކަމަށް ފިޗުން ފާހަގަކޮށްފައި ވެ އެވެ.
ބޭރު ފައިސާގެ ރިޒާވަށް ހުރި ޕްރެޝަރުތަކަށް ކުރު ރާސްތާގައި ބަދަލެއް ނާންނާނެ ކަމަށް ފާހަގަކުރަމުން ފިޗުން ބުނީ މިހާރު ހުރި އަދަދުތަކުން ހިސާބުކުރާ އިރު ލަފާ ކުރެވެނީ ބޭރު ފައިސާ ހުރީ މަސް ދުވަހުގެ ހަރަދުތައް ފޫބެއްދޭ ވަރަށެވެ. މިއީ އާންމުކޮށް ހުންނަން ޖެހޭ 3.5 މަހަށް ވުރެ މާ މަދު އަދަދެކެވެ.
އޭގެ އިތުރުން ފިޗުން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އަދާކުރަން ޖެހޭ ބޭރު ދަރަނި ބޮޑުވުން އަދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ޑޮލަރުން ހުރި ފައިސާ މަދުވުން
- ތަކެތީގެ އަގު ބޮޑުވަމުންދާ ދަނޑިވަޅެއްގައި އިމްޕޯޓަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވުމާ ގުޅިގެން ކަރަންޓް އެކައުންޓު ޑެފިސިޓު ބޮޑުވުން
- އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުން އިތުރުވުމާއި ސަބްސިޑީއަށް ގެންނަން ބުނި ބަދަލުތައް ތަންފީޒު ނުކުރެވުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުން ލަސްވުން
- ހަރަދުތައް ކުޑަ ނުކުރެވުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި އިތުރުވަމުން ދިއުން
މި ދަތިތައް ހުރި ކަމުގައިވީ ނަމަވެސް ޓޫރިޒަމުގެ ބާރު ދުވެލީގެ ސަބަބުން ފިޗުން ލަފާ ކުރަނީ ރާއްޖޭގެ އިގުތިސޯދު މި އަހަރު 7.2 ޕަސެންޓު ކުރިއަރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ވެސް އެވަރެޖުކޮށް 6.6 ޕަސެންޓުގައި އިގުތިސޯދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވެ އެވެ.
ހަމައެހެންމެ، ބޭރު ފައިސާގެ ގޮންޖެހުންތައް ބޮޑު ކަމުގައިވީ ނަމަވެސް ޖިއޯޕޮލިޓިކްސްގައި ރާއްޖެއަށް ދެވިފައިވާ ހާއްސަ މަގާމާ ގުޅިގެން ބައިލެޓެރަލް އަދި މަލްޓިލެޓަރެލް އެހީ ލިބެން ފަސޭހަ ވުން ވެސް އައުޓްލުކް ދެމެހެއްޓި ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކޮށްފައި ވެ އެވެ.










