ދިވެހިރާއްޖޭގެ ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) ގެ އެންމެ ފަހުގެ އާބާދީގެ އަންދާޒާތައް ދައްކާ ގޮތުގައި، ރާއްޖޭގައި ދިރިއުޅޭ އާބާދީ (ރެޒިޑަންޓް ޕޮޕިއުލޭޝަން) ގެ ތިންބައިކުޅަ އެއްބަޔަކީ ބިދޭސީންނެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން، އާބާދީގެ ނިސްބަތުން އެންމެ ބޮޑު ބިދޭސީ އާބާދީއެއް ދިރިއުޅެނީ މި ދިވެހިރާއްޖޭގަ އެވެ.
އަންދާޒާތަކުން ދައްކާ ގޮތުގައި 2054 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ ބިދޭސީންގެ އާބާދީ 416،822 އަށް އިތުރުވާނެ އެވެ. މިއީ 2014 ގެ ބޯހިމެނުގައި އަންދާޒާކުރެވުނު 97،774 ބިދޭސީންގެ އާބާދީއަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ. ހަމަ މި މުއްދަތުގެ ތެރޭގައި ދިވެހިންގެ އާބާދީ އިތުރުވާނެ ކަމަށް ބެލެވެނީ 339،761 އިން 557،537 އަށެވެ. މި މުއްދަތުގެ ރާއްޖޭގައި އަލަށް ރަޖިސްޓްރީވާ ދިވެހިންގެ އަދަދަށް ވުރެ ބިދޭސީންގެ އަދަދު ދެ ގުނަ އިތުރުވާނެކަމަށް ލަފާކުރެވެ އެވެ.
މުސްތަގުބަލުގައި ބިދޭސީން އާބާދީގެ ހިއްސާ މި މިންވަރަށް އިތުރުވާނެކަމަށް އަންދާޒާކުރެވޭއިރު، ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލައަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެވެ. އަނެއް މައްސަލައަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ހުރި ފުރުސަތުތައް މަދުވެ، ވަޒީފާތައް ދިނުމުގައި ބިދޭސީންނަށް އިސްކަންދިނުން އިތުރުވުމެވެ.
އެންމެ ބޮޑު މައްސަލައަކީ، ހެދުނު ބޮޑެތި ގޯސްތަކެއްގެ ސަބަބުން ރާއްޖެ އިންސާނީ ވަގުފާރީގޭ ހާއްޔަކަށް ވެފައިވާ މައްސަލަ އެވެ. ސުވާލަކީ މިއީ ކޮންއިރަކު، ކިހިނެއް މި ގައުމަށް ކުރިމަތިވީ މައްސަލައެއް ހެއްޔެވެ؟
ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އަންނަން ފެށީ ކޮންއިރަކު؟
އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން 2018 ވަނަ އަހަރު ތައްޔާރުކުރި ދިވެހިރާއްޖޭގެ ކަންޓްރީ ޕްރޮފައިލްގައި ވާގޮތުގައި، 1960 ގެ އަހަރުތަކުގައި ރާއްޖޭގައި އުޅުނު ބިދޭސީ މަސައްކަތްތެރިންގެ އާބާދީގެ ތެރޭގައި ގިނައީ ޕާކިސްތާނު މީހުންނާއި އިންޑިއާ މީހުންނެވެ. އެ ދުވަސްވަރަކީ ރާއްޖޭގެ އިގްތިސާދުގައި ޒަމާނީ ކުލަވަރު ޖެހެން ފެށި ދުވަސްވަރުކަމަށް ވުމާއެކު، އެއީ އެ އޮޔެވަރުގައި ރާއްޖެއިން ލިބުނު ވަޒީފާގެ ފުރުސަތުތަކެއްގައި އައި މީހުންކަމަށް ބެލެވެ އެވެ.
އެއަށްފަހު 80 ގެ އަހަރުތަކުގައި ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވާން ފެށުމުން ރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީންގެ އަދަދުތައް އިތުރުވާން ފެށި އެވެ. އަދި ލަންކާ، ބަންގްލަދޭޝް އަދި އިންޑިއާގެ ރައްޔިތުންގެ ބޮޑު ހިއްސާއެއް ހިމެނޭގޮތަށް، ރާއްޖޭގައި ހާހުން ގުނާލެވޭ އަދަދަކަށް ބިދޭސީން ތިބިކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް، އެ އަދަދުތައް އެނގޭނެ ރެކޯޑްތަކެއް ފެންނާކަށް ނެތެވެ.
ރަސްމީ ރެކޯޑްތައް ފެންނަން ހުރީ 1990 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު ނިމުނުއިރު ރާއްޖޭގައި ވަޒީފާ އަދާކުރަމުން ދިޔަ ބިދޭސީންގެ އާބާދީއަކީ 8،689 އެވެ. އެއީ އޭރު ރާއްޖޭގެ 213،215 މީހުންގެ އާބާދީގެ ހަތަރު ޕަސެންޓެވެ.
90 ގެ އަހަރުތަކުގައި ބިދޭސީ މަސައްކަތްތެރިންގެ ރާޅެއް
މީގެ 30 އަހަރު ކުރިން 1990 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ބިދޭސީ އާބާދީ އަހަރަކު 2،646 މީހުންގެ ރޭޓުގައި، ތިންގުނަ އިތުރުވި އެވެ. އެގޮތުން 1999 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ތިބި ބިދޭސީންގެ އާބާދީ އޮތީ 26,468 އަށް އުފުލިފަ އެވެ. އެއީ އެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ފުޅާވަމުން ދިޔުމާއެކު އުފެދުނު ވަޒީފާތަކަށް އައި މީހުންނެވެ. އެ ވަޒީފާތަކަށް ބިދޭސީން ގެނައުމުގެ ފަހަތުގައި ޕްރޮފެޝަނަލް ވަޒީފާތަކަށް ދިވެހިން ތަމްރީނުކުރުމުގައި ހުރި މައްސަލަތަކާއި ދިވެހިން އަދާކުރަން ބޭނުންނުވާ ވަޒީފާތަކަށް ބިދޭސީން ގެންނަން މަޖުބޫރުވުން ހިމެނެ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، އެ ދުވަސްވަރު ތައުލީމީ ނިޒާމުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީނުވާން ހުރި ފުރުސަތުތައް ވަރަށް މަދެވެ. އެއާއެކު، ދިވެހިންގެ ބަދަލުގައި އެ ވަޒީފާތަކަށް ބިދޭސީން ހަމަޖެހިގެން ދިޔަ އެވެ. އޭރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 8،510 މީހަކު އެ ދާއިރާގައި ވަޒީފާ އަދާކުރަމުން ދިޔަ އެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަ ބަޔަކު ހަރަކާތްތެރިވަމުން އައީވެސް އެ ދާއިރާގަ އެވެ.
ނަން ސްކިލްޑް ވޯކާ ކެޓަގަރީގެ ވަޒީފާތަކަކީ ދިވެހިން އަދާކުރަން ބޭނުން ނުވި ވަޒީފާތަކެކެވެ. ކޮންސްޓްރަކްޝަން ފަދަ ސިނާއަތްތަކަށް ބަލާއިރު، އެއީ ފެށުނީއްސުރެން މަދު އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރަމުން އައި ދާއިރާއެކެވެ. ލޭބަ ކެޓެގަރީގެ އެހެނިހެން ވަޒީފާތަކަކީވެސް ދިވެހިން އެ ވަޒީފާތައް އަދާކުރަން ބޭނުންނުވެގެން ބިދޭސީން ގެންނަން މަޖުބޫރުވީ ވަޒީފާތަކެކެވެ. އޭގެ ސަބަބުން ހުނަރެއް ނެތް 10،000 އެއްހާ މަސައްކަތްތެރިން ރާއްޖޭގެ އާބާދީއަށް އިތުރުވިއެވެ.
21 ވަނަ ގަރުނުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ ފެށުން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރާއްޖޭގައި ފެންމަތިވާން ފެށީ 2000 ގެ އަހަރުތަކުގަ އެވެ. އަދި މިއީ "ސީރިއަސް" މައްސަލައެއްގެ ގޮތުގައި ދެކިގެން، މިކަމާ ދެކޮޅަށް ދިވެހި ސަރުކާރަކުން މަސައްކަތްކުރަން ފެށީ 2005 ވަނަ އަހަރުގެ ތެރޭގަ އެވެ.
އޭރު އޮތް ރައީސް މައުމޫންގެ ސަރުކާރުގެ އެމްޕްލޮއިމަންޓް މިނިސްޓްރީން ލަފާކުރީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެނީ 3،000 އާއި 5،000 އާ ދެމެދުގެ މީހުންކަމަށެވެ. އަދި މީގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ބަންގްލަދޭޝް މީހުންކަމަށް ސަރުކާރުން ހާމަކުރި އެވެ. މި ޕްރޮގްރާމުގެ ތެރެއިން އަތުލައިގަނެވުނު ބައެއް ފަރާތްތައް ޑީޕޯޓްކުރިނަމަވެސް، އެ އަދަދުތަކެއް އެނގޭކަށް ނެތެވެ.
އެއަށްފަހު ވެރިކަމަށް އައި ރައީސް ނަޝީދުގެ ސަރުކާރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން އިތުރު މަސައްކަތްތަކެއް ފެއްޓި އެވެ. އަދި 2009 ވަނަ އަހަރުގެ ތެރޭގައި ރެގިއުލަރައިޒޭޝަން ޕްރޮގްރާމަކާއި، ރިޕެޓްރިއޭޝަން ޕްރޮގްރާމެއް ހިންގި އެވެ. މި ޕްރޮގްރާމްތެރެއިން 16،000 އެއްހާ ބިދޭސީން ރަޖިސްޓްރީ ކުރެވުނެއިރު، ލަފާކުރި 20،000 ބިދޭސީން ގަވާއިދާ ހިލާފަށް އުޅެމުން ދިޔަކަމަށެވެ.
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދިމާވާން މެދުވެރިވީ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ލޭބަރ މިނިސްޓްރީ އާއި އިމިގްރޭޝަނުން ރެކޯޑްތައް ބެލެހެއްޓުމުގައި ހަދާފައި ހުރި ގޯސްތަކާއި، ސިޔާސަތުތަކުގައި ހުރި މައްސަލަތަކުގެ އިތުރުން އިންސާނީ ވަގުފާރި އާއި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ނެތުން ފާހަގަކުރެވެއެވެ. އަދި މި ހުރިހާ ސަބަބުތަކެއް މަސްހުނިވެގެން އައިސް، އުފެދުނު މައްސަލައިގައި ހައްލެއް ހޯދަން އުނދަގޫވާ އެއް ސަބަބަކީވެސް މިއީ އެވެ.
ރެކޯޑްތައް ރަނގަޅަށް ނުބެލެހެއްޓުމާއި އެކްސްޕެޓް އޮންލައިން ބޭނުންކުރަން ފެށުން
ރާއްޖގައި ބިދޭސީ މަސައްކަތްތެރިންގެ ރެކޯޑްތައް ބެލެއްހެއްޓުމުގައި ގޯސްތަކެއް ހަދާފައިވާކަމަށް އިދާރާތަކުން އެއްބަސް ވެއެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން 2016 ވަނަ އަހަރު ނެރުނު "ކޮންޓްރޯލް އޮފް އެކްސްޕެޓްރިއޭޓް ވޯކާސް ޕާފޯމަންސް އޮޑިޓް" ރިޕޯޓުގައި ބިދޭސީ މަސައްކަތްތެރިންގެ ރެކޯޑްތައް ބެލެހެއްޓުމުގައި މިފަދަ އެތައް މައްސަލައެއް ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ލޭބަރ މިނިސްޓްރީން ގެންގުޅުން ލޭބަރ ޑޭޓާބޭސް ބޭނުންކުރަން ހުއްޓާލުމަށްފަހު، އެކްސްޕެޓް އޮންލައިން ސިސްޓަމް ބޭނުން ކުރަން ފެށުން ހިމެނެ އެވެ.
އެގޮތުން ލޭބަރ ޑޭޓާބޭސްގައި ހުރި މައުލޫމާތުތައް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޅާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. މީގެ ސަބަބުން 2012 ގެ ކުރިން ރާއްޖެއިން ވޯކް ޕާމިޓް ހޯދި ބިދޭސީންގެ މައުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމުން އެނގޭކަށް ނެތެވެ. މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދުތައް ޓެލީކުރަން އިމިގްރޭޝަނަށް އުނދަގޫވާ މައިގަނޑު ސަބަބެވެ. އަދި ލޭބާ ޑޭޓާބޭސްގައި ހުރި މައުލޫމާތުތަކަކީ ވެސް ފުރިހަމަ ނޫން މައުލޫމާތުތަކެއް ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ.
އެކްސްޕެޓް އޮންލައިން ސިސްޓަމުން ދޫކޮށްފައިވާ އެމްޕޮލިއިމަންޓް އެޕްރޫވަލްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2013 ވަނަ އަހަރު 56،424، 2014 ވަނަ އަހަރު 45،584، 2015 ވަނަ އަހަރު 58،527 އަދި 2016 ވަނަ އަހަރު 83،136 ބިދޭސީންނަށް މި އެޕްރޫވަލް ދޫކުރެވުނެވެ. ހަމަ މި އަހަރުތަކުގެ ތެރޭގައި، ވޯކް ޕާމިޓް ފީ ނުދައްކާ ފަރާތްތަކުގެ އަދަދުތައް އައީ އިތުރުވަމުންނެވެ. އަދި އިމިގްރޭޝަނުން މި ފީ ނުދައްކާ ފަރާތްތައް ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު، ވަޒީފާ ދިން ފަރާތްތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.
މުސާރަ ނުދިނުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރި
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ 2020 ވަނަ އަހަރުގެ ޓްރެފިކިން އިން ޕާސަންސް ރިޕޯޓުގައި ރާއްޖެއަށް ލިބުނީ "ޓިއާ 2 ވޮޗްލިސްޓް" ގެ ދަރަޖަ އެވެ.
މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށް ރައީސް ސޯލިހުގެ ސަރުކާރުން ކުރަމުން އައި މަސައްކަތަށް ބަލައިގަންނަހާލު، ރާއްޖެއަށް ލިބުނު ދަރަޖައެކެވެ. ސަބަބަކަށްވީ، ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަތަކާއި، ޕާސްޕޯޓް ހިފަހައްޓާ މައްސަލަތަކުގެ އިތުރުން އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރުމެވެ.
މިސާލެއްގެ ގޮތުން ސޯލިހުގެ ސަރުކާރުން ހިންގި ބިދޭސީންގެ ރީރެޖިސްޓްރޭޝަން ޕްރޮގްރާމް ފާހަގަކުރި އެވެ. މި ޕްރޮގްރާމްގެ ތެރެއިނ ފެބްރުއަރީ 2020 ގެ ނިޔަލަށް 31،000 އަށް ވުރެ ގިނަ ބިދޭސީން ރަޖިސްޓްރީ ކުރިއެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ބޮޑު ޕްރޮގްރާމެވެ. އެމެރިކާ ސަރުކާރުން ވެސް ދެކުނީ މިއީ ކާމިޔާބީއެއްގެ ގޮތުގަ އެވެ. މައްސަލައަކަށްވީ އޭގައި ބައިވެރިވި ބިދޭސީންނަކީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ ފަރާތެއްތޯ ދެނެގަންނަން މަސައްކަތް ކޮށްފައި ނުވުމެވެ.
ރާއްޖޭގައި ހިއުމަން ޓްރެފިކިން ހުއްޓުވުމުގެ ގާނޫނަކަށް އަމަލުކުރަށް ފެށިތާ ހަތް އަހަރު ދުވަސް ވާން ގާތްވެފައި ވާއިރު، މިހާތަނަށް އެ ކުށް ސާބިތުވީ އެންމެ ދެ މީހެއްގެ މައްޗަށެވެ. އަދި މި ވިޔަފާރީގެ މާލީ މަންފާ ލިބުނު އިމިގްރޭޝަނުގެ އޮފިޝަލުންގެ މައްޗަށް ފުލުހުން ކުރި ތަހުގީގުތަކަށް ވީނުވީއެއް ނޭނގެ އެވެ. މިހާތަނަށް އިމިގްރޭޝަނުގެ އެއްވެސް އޮފިޝަލެއްގެ މައްޗަށް މިފަދަ މައްސަލައެއްގައި އެއްވެސް ދައުވާއެއް އުފުލާފާފައެއް ނުވެ އެވެ. އަދި އެއްވެސް ވިޔަފާރިއެއްގެ މައްޗަށް ވެސް ދައުވާއެއް އުފުލާފައެއް ނުވެ އެވެ.
ހިއުމަން ޓްރެފިކިންގ މައްސަލައާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ ސީދާ ގުޅުން އެބަ އޮތެވެ. އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބޮޑު ހިއްސާއަކީ، މި ކުށުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ވާތީ އެވެ. އަދި މިފަދަ ފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓާ، އުޖޫރަ ނުދޭ މައްސަލަތަކާ ގުޅިގެން ފިލައިގެން އުޅޭ ބިދޭސީންގެ މައްސަލަތަށް އިތުރުވެ، ގަވާއިދާ ހިލާފަށް އުޅެން މަޖުބޫރު ވެފައިވާ ކަމަށް ބުނާ ބިދޭސީން ވަނީ އިތުރުވެފަ އެވެ.
ބަދަލުވަމުންދާ ސިޔާސަތާއެކުވެސް ކުރަންހުރި މަސައްކަތްތައް ގިނަ
އަދުގެ ސަރުކާރުން ބިދޭސީންގެ މައްސަލައިގައި ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ހައްގެވެ. ނަން-ސްކިލްޑް ވޯކާ ކަންޓްރީ ކެޕެއް ތައާރަފުކުރުމާއި، ބިދޭސީންނާ ގުޅޭ ގަވާއިދުތަކަށް ގެންނަމުންދާ ހެޔޮ ބަދަލުތަކަކީ އޭގެ ތެރެއިން އެންމެ ފާހަގަކުރެވޭ ކަންކަމެވެ. މި އަހަރުގެ ޖުލައި މަހުން ފެށިގެން އަމަލުކުރަން ފަށާ ބިދޭސީންގެ އެކޮމޮޑޭޝަންއާ ގުޅޭ ގަވާއިދާއި، ބިދޭސީންނަށް ވަޒީފާގެ އެޕްރޫވަލް ދިނުމުގެ ގަވާއިދުތަކަށް ގެނައި ބަދަލުތަކަކީ ކޮންމެހެން ބޭނުން ޖެހިފައި އޮތް ފިޔަވަޅުތަކެކެވެ.
އެހެން ނަމަވެސް ފާޑުކިޔުން ހުރި ކަންކަން ވެސް އެބަހުއްޓެވެ. ބިދޭސީންނަށް ވަޒީފާގެ ހައްގުތަށް ކަށަވަރު ކޮށް ދޭނެ ނިޒާމެއް އަދިވެސް ގާއިމް ކުރެވިފައެއް ނުވެ އެވެ. ރާއްޖޭގެ ވަޒީފާގެ ގާނޫނުގެ ދަށުން ލިބިދޭ ހައްގުތައް ކަށަވަރު ކުރެވުނު ނަމަ، މި ރިޔާސީ ދައުރުގެ ތެރޭގައި ބޮޑުފިނޮޅާއި، އައިލެންޑް އެކްސްޕާޓްގެ ހުޅުމާލެ ވޯކް ސައިޓުގައި ހިނގިއިދިޔަ ކަންކަން ހިނގައި ނުދިޔައީހެވެ.
ވަކިން ހާއްސަކޮށް އޭގެ ތެރެއިން ބައެއް ބިދޭސީންނަށް ލިބެންޖެހޭ މުސާރަ ނުލިބި ފޮނުވާލި މައްސަލައިގައި ސަރުކާރަށް އަމާޒުވީ ފާޑުކިޔުމުން ފިލާވަޅުތަކެއް ލިބި، އެކަންކަން އިސްލާހުކުރަން ޖެހެ އެވެ.












