ރިޕޯޓުރަސްމާލޭގެ ބިޔަ ޓީޖީއެސްޓީ: ހަގީގަތެއް ނެތް ހިޔާލީ އަދަދުތަކެއް

ރަސްމާލޭގެ ބިޔަ ޓީޖީއެސްޓީ: ހަގީގަތެއް ނެތް ހިޔާލީ އަދަދުތަކެއް

ރަސްމާލެ މަޝްރޫއުން ބިޔަ ޓީޖީއެސްޓީ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން ލީސްހޯލްޑް އުސޫލުން ތަންތަން ވިއްކާއިރު ޓެކްސްގެ ބަދަލުގައި ނަގާނީ ކުޑަ ރަޖިސްޓްރޭޝަން ފީއެއް. އެ ޒޯންތަކުގައި ކުރާ އާންމު ވިޔަފާރިތަކުން ޓީޖީއެސްޓީގެ ބަދަލުގައި އާންމު ޖީއެސްޓީ ނެގުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލާފައި.

ކަވާ އިމޭޖު: އަދަދު
ކަވާ އިމޭޖު: އަދަދު

ރަސްމާލެ މަޝްރޫއުން އެކަނިވެސް އަހަރަކު 340 މިލިއަން ޑޮލަރުގެ ޓީޖީއެސްޓީ، އަދި 10 އަހަރުން 3.1 ބިލިއަން ޑޮލަރު ދައުލަތަށް ވަންނާނެ ކަމަށް ބުނެ ސަރުކާރުން ހެދި ހިސާބުތަކުގެ އަސްލަކީ ކޮބައި ހެއްޔެވެ؟ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ދެއްކެވި ހިސާބުތަކުން ނަމަ، ރަސްމާލެ ވެގެންދާނީ ދައުލަތަށް އަހަރަކު 5.2 ބިލިއަން ރުފިޔާގެ ޓީޖީއެސްޓީ ވައްދައިދޭނެ ރަން ބިމަކަށެެވެ.

ނަމަވެސް ސަރުކާރުގެ އަމިއްލައަށް ލިޔެ މަޖިލީހަށް ވެއްދި ރިއަލް އެސްޓޭޓް ބިލު ހުޅުވާލުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެ ބުނާ ބިޔަ އާމްދަނީއެއް ދައުލަތަށް ލިބޭނެ ގިނަ މަގުތަކެއް ވަނީ އަމިއްލައަށް ބަންދުކޮށްފަ އެވެ. 

ރިއަލް އެސްޓޭޓު ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގައި އެންމެ ގިނަ ފައިސާ ދައުރުވަނީ ތަރައްގީކުރާ ތަންތަން ވިއްކުމުގެ ތެރޭގަ އެވެ. ނަމަވެސް ރިއަލް އެސްޓޭޓު ބިލުގައި ސަރުކާރުން ވަނީ، ރަސްމާލެ އާއި އެ ނޫން އިންޓަގްރޭޓަޑް ރިއަލް އެސްޓޭޓު ޒޯނުގައި ދޭ މުދަލާއި ހިދުމަތް ޓޫރިޒަމް ޓެކްސް ނަގާނީ ލީސްހޯލްޑް ހައްގުތައް ވިއްކުމުގެ މުއާމަލާތްތައް ނުލައި ކަމަށް ބަޔާންކޮށްފަ އެވެ. އޭގެ ބަދަލުގައި މި ގޮތަށް ވިއްކާ ތަންތަނުން ލިބެނީ ހަތަރު ޕަސެންޓުގެ ރަޖިސްޓްރޭޝަން ފީ އެކެވެ. 

މިސާލަކަށް، ރަސްމާލޭގައި ތަރައްގީކުރާ ތަނެއް އެއް ލައްކަ ޑޮލަރަށް ވިއްކާއިރު، ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް ނަމަ 17،000 ޑޮލަރު ލިބުނީހެވެ. ޖީއެސްޓީ ނަގާ ގޮތަށް އޮތް ނަމަ 8،000 ޑޮލަރު ލިބުނީހެވެ. މިހާރު ހުށަހަޅާއި އޮތް ގޮތުން ލިބެނީ 4،000 ޑޮލަރެވެ. މިހެންކަމުން ސަރުކާރުން ދޫކޮށްލާފައި މި ވަނީ ލިބެން އޮތް އާމްދަނީގެ ތެރެއިން ވަރަށް ބޮޑު އަދަދެކެވެ. 

މި މުއާމަލާތްތަކުން ޓީޖީއެސްޓީ އަދި ޖީއެސްޓީ ނުނަގާ ނަމަ، މުއްތަލިބު އެ ވިދާޅުވާ ވަރުގެ ޓީޖީއެސްޓީއެއް ނެރެން ދެން އޮންނާނެ ގޮތަކީ ރިއަލް އެސްޓޭޓު ޒޯނުގައި ހިންގާ އާންމު ވިޔަފާރިތަކުން ޓީޖީއެސްޓީ ނަގައިގެންނެވެ. ސަރުކާރުން ކުރިން ބުނީ ވެސް މި ތަންތަނުން ނަގާނީ ޓީޖީއެސްޓީ ކަމަށެވެ. އެކަމަކު ބިލުގައި ވަނި އެ ޒޯންތަކުގައި ހިންގާ އާންމު ވިޔަފާރިތަކުން ނަގާ ޓެކްސް ޖީއެސްޓީއަށް ބަދަލުކުރުމުގެ ދޮރުހުޅުވާލާފަ އެވެ.

މިކަމަށް ފަހިކުރަން ބިލުގައި ބުނެފައި ވަނީ، ޒޯނުގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން އާންމު ރައްޔިތުން ބޭނުންކުރާ ބާވަތުގެ މުދަލާއި ހިދުމަތުން ޓޫރިޒަމް ޓެކްސް ނެގުމުގެ ބަދަލުގައި އާދައިގެ ޖީއެސްޓީ ރޭޓު ނަގާ ގޮތަށް ގަވާއިދުން ކަނޑައެޅިދާނެ ކަމަށެވެ. 

އެހެންކަމުން ރަސްމާލޭގެ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ވެސް ޓީޖީއެސްޓީގެ ބަދަލުގައި އާދައިގެ ޖީއެސްޓީ ނެގޭ ގޮތަށް ގަވާއިދަކުން ކަނޑައެޅުމުގެ ފުރުސަތު ބިލުގައި އޮވެ އެވެ. އެގޮތަށް ކަނޑައަޅައިފިނަމަ، މި ޒޯނުގެ އެތެރޭގެ ވިޔަފާރިތަކުން ވެސް ބުނާ ވަރުގެ ބޮޑު ޓީޖީއެސްޓީ އާމްދަނީއެއް ނުލިބޭނެ އެވެ.

މުއްތަލިބު ދެއްކެވި ވާހަކަތަކާއި ބިލުގައި ހުރި ފުށުއެރުންތައް

މި ޕްރޮޖެކްޓުގެ ތަފުސީލުތައް އޭނާގެ ލިންކްޑްއިންގައި ފުރަތަމަ ހިއްސާކުރި ދުވަހު ޓޫރިޒަމް ސިނާއަތާ މި ޕްރޮޖެކްޓޭ ގުޅުވާ ދެ ކަމެއް މުއްތަލިބު ފާހަގަކުރެއްވި އެވެ. އެއީ މަތީ ފަންތީގެ ހޮޓާތަކާއި، ވެލްނެސް ފެސިލިޓީތަކާއި ޔޮޓް މެރީނާއެއް ތަރައްގީކޮށް ފަތުރުވެރިކަން ސިންދަފާތުކުރުމާއި ޓީޖީއެސްޓީ އާއި ގްރީން ޓެކުހުން ބޮޑު އާމްދަނީއެއް ވަނުމެވެ. 

1. ޓެކްސް އިސްތިސްނާ ނުވާނެ ކަމަށް ބުނާ ވާހަކަ (ޓީޖީއެސްޓީ)

  • މުއްތަލިބުގެ ދައުވާ: ހުރިހާ ތަނަކުން ވެސް އެއްވެސް އިސްތިސްނާއެއް ނެތި، ޓީޖީއެސްޓީ ދައްކަން ޖެހޭނެ.
  • ބިލުން ހާމަވާ ހަގީގަތް:
  • އާދައިގެ ޖީއެސްޓީ (8 ޕަސެންޓް) އަށް ބަދަލުކުރުމުގެ ބާރު (މާއްދާ 81 ގެ ށ): ޒޯނުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ، އާންމު ރައްޔިތުން ބޭނުންކުރާ ބާވަތުގެ މުދަލާއި ހިދުމަތުން ޓޫރިޒަމް ޓެކްސްގެ ބަދަލުގައި އާދައިގެ ޖީއެސްޓީ ނެގޭ ގޮތަށް ގަވާއިދުން ކަނޑައެޅިދާނެ ކަމަށް ބަޔާންކޮށްފައިވޭ. މީގެ ތެރޭގައި ފިހާރަތަކާއި ރެސްޓޯރެންޓްތައް ހިމެނިދާނެ.
  • މެއިންޓެނަންސް ފީން ޓީޖީއެސްޓީ ކަނޑާލުން (މާއްދާ 108): ޔޫސޭޖް ޗާޖާއި ޕްރޮޕަޓީ ޗާޖުގެ ގޮތުގައި ނަގާ ފީތަކުން ޓީޖީއެސްޓީގެ ބަދަލުގައި، ޓޫރިޒަމް ދާއިރާ ފިޔަވައި އެހެން ދާއިރާތަކަށް ހިނގާ އާދައިގެ ޖީއެސްޓީ ރޭޓު ކަނޑައަޅާފައިވޭ.
  • ޕްރޮޕަޓީ ވިއްކުމުން ޓީޖީއެސްޓީ ނުނެގުން (މާއްދާ 80 ގެ ހ އާއި 81 ގެ ހ): ސްޓްރާޓާ ބިމާއި އިމާރާތްތައް ވިއްކުމުން ޓީޖީއެސްޓީ ނުނަގައި، އޭގެ ބަދަލުގައި ކަނޑައަޅާފައި ވަނީ ގަންނަ ފަރާތުން ދައްކަންޖެހޭ އެންމެ 4 ޕަސެންޓުގެ ރަޖިސްޓްރޭޝަން ފީއެއް.

2. ޓެކްސް ކޮންސެޝަން ނުދޭ ކަމަށް ބުނާ ވާހަކަ

  • މުއްތަލިބުގެ ދައުވާ: ސަރުކާރުން އެއްވެސް ޓެކްސް އިނާޔަތެއް (ކޮންސެޝަންއެއް) ނުދޭނެ.
  • ބިލުން ހާމަވާ ހަގީގަތް (މާއްދާ 80 ގެ ރ): އިންޓެގްރޭޓެޑް ޒޯނުގެ ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިދާއިން "ކެޕިޓަލް ގެއިންސް ޓެކްސް" އަދި ބޭރުގެ ފަރާތްތަކުން ދައްކަންޖެހޭ "ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް" ދައްކާކަށް ނުޖެހޭ.

3. ފައިސާ ބޭރުކުރުމާއި ބޭންކިން ނިޒާމު

  • މުއްތަލިބުގެ ދައުވާ: ވިޔަފާރީގެ ހުރިހާ ފައިސާއެއް ދައުރުވާނީ ރާއްޖޭގެ ބޭންކުތަކުގެ ތެރެއިން ކަމަށާއި ޑޮލަރުގެ އަސްލު ފައިދާ ރާއްޖެއަށް ލިބޭނެ
  • ބިލުން ހާމަވާ ހަގީގަތް: ކޮންމެ މަޝްރޫއަކަށް ރާއްޖޭގައި ލައިސަންސް ލިބިފައިވާ ބޭންކެއްގައި ޕްރޮޖެކްޓް އެކައުންޓެއް ހުޅުވަން ޖެހޭ (މާއްދާ 57 އާއި 163). ނަމަވެސް އެ އެކައުންޓްތަކަށް ވަންނަ ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުކުރާ އެއްވެސް މާއްދާއެއް ބިލުގައި ނުފެނޭ.
  • އެސްކްރޯ އެކައުންޓް ބޭނުންކުރަން މަޖުބޫރުވަނީ ހަމައެކަނި އިމާރާތް ނުނިމެނީސް ވިއްކާ 'އޮފް-ޕްލޭން' ޕްރޮޕަޓީތަކަށް (މާއްދާ 56). އެ ފައިސާ ވެސް މަސައްކަތް ކުރިއަށްދާ މިންވަރަށް ޑިވެލޮޕަރަށް ރިލީސްކުރެވޭ. މަސައްކަތް ނިމުމުން، ފަސް ޕަސެންޓް ހިފަހައްޓައި ބާކީ ފައިސާ ޑިވެލޮޕަރަށް ދޫކުރެވޭ. ހިފަހައްޓާ ފައިސާ ދޫކުރެވެނީ ޕްރޮޕަޓީ ހަވާލުކުރާތާ އެއް އަހަރު ފަހުން (މާއްދާ 56 ގެ ކ އާއި އ).

4. 10 ޕަސެންޓުގެ ރެވެނިއު ޝެއާގެ ވާހަކަ

  • މުއްތަލިބުގެ ދައުވާ: ޑިވެލޮޕަރުން ވިއްކާ އަގުން އަބަދުވެސް ސަރުކާރަށް 10 ޕަސެންޓުގެ ރެވެނިއު ޝެއާއެއް ލިބޭ ގޮތަށް ހަމަޖައްސާފައިވޭ.
  • ބިލުން ހާމަވާ ހަގީގަތް (މާއްދާ 79 ގެ ހ): ސަރުކާރަށް ލިބޭ ފައިސާ 10 ޕަސެންޓަށް ގާނޫނުން ކަނޑައަޅާފައެއް ނުވޭ. ބިލުގައި ބުނަނީ އިންޓަގްރޭޓަޑް ޒޯނެއްގެ ބިމުގެ ޕްރީމިއަމްގެ ގޮތުގައި ނަގާނީ، ޒޯނުގެ ތަރައްގީގެ ކެޕޭސިޓީ އާއި ބިމުގެ ބޮޑުމިނާއި ބާޒާރުގެ ހާލަތު ބަލައި ގަވާއިދުން ކަނޑައަޅާ ވަކި އަދަދެއް، ނުވަތަ ވިއްކާ އަގުގެ 10 ޕަސެންޓް ކަމަށް. މާނައަކީ 10 ޕަސެންޓަށް ވުރެ ކުޑަ އަދަދެއް ގަވާއިދަކުން ކަނޑައެޅުމުގެ ޖާގަ ބިލުން ދީފައިވޭ.

5. 5,000 ހައުސިން ޔުނިޓުގެ އަގު އަދާކުރުން

  • މުއްތަލިބުގެ ދައުވާ: ހުޅުމާލޭގައި އީގަލް ހިލްސްއިން އަޅާ ތިން ކޮޓަރީގެ 5،000 ހައުސިން ޔުނިޓުގެ އަގު (400 އާއި 500 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 6.2 އާއި 7.7 ބިލިއަން ރުފިޔާ) ޕްރޮޖެކްޓު ފެށުމުގެ ކުރިން ހޭދަކުރާނެ. އަދި އެ ފައިސާ ސަރުކާރަށް ލިބޭ 10 ޕަސެންޓް ރެވެނިއު ޝެއާއިން ކަނޑައިގެން ދަރަނި ނުނަގައި އަދާކުރެވޭނެ.
  • ބިލުން ހާމަވާ ހަގީގަތް: މި ގޮތަށް ހިސާބުކުރާނަމަ، ގެދޮރުގެ އަގު ކަނޑައި ނިމެންދެން ރެވެނިއު ޝެއާގެ ގޮތުގައި ސަރުކާރަށް އެއްވެސް ފައިސާއެއް ނުލިބޭނެ. 10 ޕަސެންޓުން 400 އާއި 500 މިލިއަން ޑޮލަރު ހަމަވާން، ރަސްމާލޭގައި 4 އާއި 5 ބިލިއަން ޑޮލަރުގެ ޕްރޮޕަޓީ ވިއްކަން ޖެހޭ. އަދި ބިލުގެ 79 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ޕްރީމިއަމް 10 ޕަސެންޓަށް ވުރެ ކުޑަ ވަކި އަދަދަކަށް ގަވާއިދުން ކަނޑައެޅިދާނެތީ، އެ ފައިސާ ހަމަވާން އިތުރަށް ލަސްވެދާނެ.

6. 11 ބިލިއަން ޑޮލަރުގެ އާމްދަނީ

  • މުއްތަލިބުގެ ދައުވާ: މަޝްރޫއު ތަރައްގީކުރާ މުއްދަތުގައި ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީއެއް ލިބޭނެ. މި އާމްދަނީ ލިބޭނީ ޒޯނުގެ ކޮންމެ ހޮޓާއަކާއި، ރެސްޓޯރަންޓަކާއި، ފިހާރައަކާއި ހިދުމަތަކުން ނަގާ ޓީޖީއެސްޓީ، މާސްޓާ ޑިވެލޮޕަރުގެ އާމްދަނީގެ 10 ޕަސެންޓް، އަދި ކޮންމެ ޕްރޮޕަޓީ މުއާމަލާތަކުން ނަގާ 4 ޕަސެންޓުން.
  • ބިލުން ހާމަވާ ހަގީގަތް: މި ތިން މަގުގެ ތެރެއިން ދެ މަގު ބިލުން ވަނީ ބަލިކަށިކޮށްފަ. ކޮންމެ ރެސްޓޯރަންޓަކާއި ފިހާރައަކުން ޓީޖީއެސްޓީ ނަގާނެ ކަމަށް ވިދާޅުވި ނަމަވެސް، އާންމުން ބޭނުންކުރާ މުދަލާއި ހިދުމަތް އާދައިގެ ޖީއެސްޓީއަށް ބަދަލުކުރުމުގެ ބާރު ބިލުގައި އޮވޭ (މާއްދާ 81 ގެ ށ). 10 ޕަސެންޓް ވެސް ގާނޫނުން ކަށަވަރުކޮށްފައެއް ނުވާއިރު (މާއްދާ 79 ގެ ހ)، އޭގެ ތެރެއިން ފުރަތަމަ 400 އާއި 500 މިލިއަން ޑޮލަރު ކެނޑޭނީ ހައުސިން ޔުނިޓުތަކުގެ އަގަށް.

މުއްތަލިބު ބުނެފައި ވަނީ ރަސްމާލޭގެ ކޮންމެ ހިދުމަތަކުން ޓީޖީއެސްޓީ ނަގާނެ ކަމަށެވެ. ނަމަވެސް ބިލުގެ 108 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައި ވަނީ، އިމާރާތްތައް ބެލެހެއްޓުމަށް ނަގާ ޔޫސޭޖް ޗާޖާއި ޕްރޮޕަޓީ ޗާޖަށް ހިނގާނީ ޓޫރިޒަމް ދާއިރާ ފިޔަވައި އެހެން ދާއިރާތަކަށް ކަނޑައަޅާފައިވާ އާދައިގެ ޖީއެސްޓީ ރޭޓު ކަމަށެވެ.

ބިލުގެ 81 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ޕްރޮޕަޓީ ވިއްކުން ފިޔަވައި ޒޯނުގައި ހިންގާ ވިޔަފާރިތަކުން ޓީޖީއެސްޓީ ނެގޭނެ އެވެ. ނަމަވެސް (ށ) ގެ ދަށުން އާންމުން ބޭނުންކުރާ މުދަލާއި ހިދުމަތް ގަވާއިދަކުން އާދައިގެ ޖީއެސްޓީއަށް ބަދަލުކުރެވިދާނެ އެވެ.

އެހެންކަމުން ރަސްމާލެއިން ބޮޑު ޓީޖީއެސްޓީ އާމްދަނީއެއް ލިބެން ޖެހޭނީ ގިނަ ވަރަކަށް އެ ޒޯނުގައި ތަރައްގީކުރާ ރިސޯޓުތަކާއި ހޮޓާތަކުން އެވެ. ނަމަވެސް އެ ތަންތަނުން ރާއްޖޭގެ މިހާރުގެ ރިސޯޓުތަކަށް ވުރެ ވަރަށް ބޮޑު އާމްދަނީއެއް ހޯދުމަކީ އާދަޔާ ހިލާފު ކަމަކަށް ވާނެ އެވެ.

މުއްތަލިބު އެކައުންޓިން ފޯރަމްގައި ދިން ބޮޑު ޓީޖީއެސްޓީ އާމްދަނީގެ އަސްލު

މި ފަހުން ބޭއްވި މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމަށް ވަޑައިގެން މުއްތަލިބު ވަނީ، ރަސްމާލެއިން "އެއް އަހަރު ދުވަހުގެ ތެރޭގައި" 340 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ގެ ޓީޖީއެސްޓީ ލިބޭނެ ކަމަށާއި، މިއީ ރިސޯޓު ތަރައްގީކުރުމަށް ދޫކުރާ ފަޅުތަކުން އާންމުކޮށް ލިބޭ ޓީޖީއެސްޓީއަށް ވުރެ 8 ގުނަ ބޮޑު އަދަދެއް ކަމަށް ބުނެފަ އެވެ.

ނަމަވެސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ޓީޖީއެސްޓީ ނަމްބަރުތަކާ އަޅާކިޔުމުން މި ހިސާބުތައް ދައްކަނީ އާދަޔާ ހިލާފު ނަމްބަރުތަކެއް ކަމަށެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި:

  • މުޅި ރިޒޯޓު ދާއިރާގެ ޓީޖީއެސްޓީގެ 61 ޕަސެންޓު ނެެރެން ޖެހުން: ރާއްޖޭގައި ހިންގާ 172 ރިޒޯޓުން 2024 ވަނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ދެއްކީ ޖުމްލަ 557.8 މިލިއަން ޑޮލަރު. އެހެންކަމުން ރަސްމާލެއިން އެކަނި 340 މިލިއަން ޑޮލަރު ހޯދުމަށްޓަކައި، އެވްރެޖު 105 ރިޒޯޓާ އެއްވަރުގެ ނުވަތަ ކާފު އަތޮޅުގައި ހުރި ހުރިހާ ރިޒޯޓެއް (57 ރިޒޯޓު) އެއްކޮށްލުމުން ނުކުންނަ އަދަދަށް ވުރެ 1.5 ގުނަ އިތުރު އާމްދަނީއެއް އެ ތަނުން ނެރެން ޖެހޭ.
  • އަހަރަކު 2 އާއި 3 ބިލިއަން ޑޮލަރާ ދެމެދުގެ ވިޔަފާރި ބޭނުންވުން: ޓީޖީއެސްޓީ ރޭޓް ކަމަށްވާ 17 ޕަސެންޓުން ބަލާނަމަ، 340 މިލިއަން ޑޮލަރުގެ ޓެކްސް އާމްދަނީއެއް ހޯދަން ޓެކްސް ނެގޭ ފަދަ 2 ބިލިއަން ޑޮލަރުގެ ވިޔަފާރި ރަސްމާލޭގައި ހިނގަން ޖެހޭ. ނަމަވެސް 2024 ވަނަ އަހަރު ރިޒޯޓުތަކުން ޓީޖީއެސްޓީގެ ގޮތުގައި ދައްކާފައި ވަނީ އެ ތަންތަނުގެ ޖުމްލަ ސޭލްސްގެ 10.9 ޕަސެންޓު. މި ނިސްބަތުން ބަލާއިރު ރަސްމާލެއަށް 3.1 ބިލިއަން ޑޮލަރުގެ ވިޔަފާރި ބޭނުންވޭ. މިއީ ރާއްޖޭގެ ހުރިހާ ރިޒޯޓެއްގެ ޖުމްލަ ވިޔަފާރީގެ 61 ޕަސެންޓުަ.
  • ރަސްމާލެއަށް ގާތްގަނޑަކަށް 25،600 ޓޫރިސްޓު އެނދު ބޭނުންވާނެ: ގެދޮރާއި ބިންތައް ވިއްކުމުން ޓީޖީއެސްޓީ ނުނެގޭތީ، 340 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ބައެއް ލިބެން ޖެހޭނީ އެ ޒޯނުގެ ރިސޯޓުތަކާއި ހޮޓާތަކުން. ރާއްޖޭގައި އެވަރެޖުކޮށް ރިސޯޓު އެނދަކަށް ޓީޖީއެސްޓީ ވަންނަ ރޭޓުން މި ތަނުގައި 25،600 އެނދު ތަރައްގީކުރަން ޖެހޭ. މުޅި ރާއްޖެއިން ވެސް އެންމެ މަތީ އަދަދެއް ލިބޭ ނޫނު އަތޮޅުގެ އެނދަކަށް ލިބޭ 20،319 އެމެރިކާ ޑޮލަރުގެ ރޭޓުން ރަސްމާލޭގެ ރިސޯޓަކަށް ލިބޭނެ ކަމަށް ބެއްޔަސް، ގާތްގަނޑަކަށް 15،700 އެނދު ބޭނުން ވާނެ.

މީގެ އިތުރުން އިންވެސްޓަރުންނާއި ޑިވެލޮޕަރުންނަށް އިތުރު ބޮޑެތި ލުއިތަކެއް ދީފަ އެވެ. މި ގޮތުން ޒޯނުގެ ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިދާއިން ދައުލަތަށް ލިބެން އޮތް ކެޕިޓަލް ގެއިންސް ޓެކްސް އާއި ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް ވެސް ބިލުން ވަނީ މުޅިން އިސްތިސްނާކޮށްފަ އެވެ.

މުއްތަލިބުގެ ހިސާބުތަކަށް އެންމެ ފަހިވާނެ ގޮތަށް ބެލި ނަމަވެސް، 340 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހާސިލުކުރެވޭނީ މަޝްރޫއު އެއްކޮށް ނިމި، މަދުވެގެން 10 ވަރަކަށް އަހަރު ފަހުންނެވެ. އެއީ ވެސް އަހަރަކު އެއް މިލިއަން ޓޫރިސްޓުން ރަސްމާލެއަށް ޒިޔާރަތްކޮށް، ރިސޯޓުތަކުގެ އެވްރެޖް ރޭޓުން ކޮންމެ މީހަކު އެ ތަނުގައި މަދުވެގެން ހަ ރޭ ހޭދަކޮށްގެންނެވެ. މިއީ ވޭތުވި ދެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެވަރެޖު އަދަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.

އަނެއްކޮޅުން، މުޅި ކާފު އަތޮޅުގެ ހުރިހާ ރިސޯޓެއްގެ އެނދުގެ އަދަދަށް ވުރެ އިތުރަށް، ގާތްގަނޑަކަށް 25،000 ޓޫރިސްޓު އެނދު ރަސްމާލޭގައި ތަރައްގީކުރަން ޖެހެ އެވެ. އެހެންކަމުން، މިނިސްޓަރު އެ ވިދާޅުވާ ފަދައިން "އެއް އަހަރު ދުވަހުގެ ތެރޭގައި" މި އަދަދުތައް ހާސިލުކުރެވޭނެ އެއްވެސް އިގުތިސޯދީ ހަމައެއް ނެތެވެ.

ރަސްމާލޭގެ ހުރިހާ މުއާމަލާތަކުން ޓެކްސް ނަގައިގެން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމުގެ ފޮނި އުއްމީދެއް ސަރުކާރުން އާންމުންނަށް ދެއްކި ނަމަވެސް، މަޖިލީހަށް ހުށަހެޅި ބިލުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ޕްރޮޕަޓީ ވިއްކުމާއި ބެލެހެއްޓުމުގެ ފީ ފަދަ ބޮޑެތި މުއާމަލާތްތައް ޓީޖީއެސްޓީން އިސްތިސްނާކޮށް، ކެޕިޓަލް ގެއިންސް ޓެކްސް މާފުކޮށްދީ، އަދި ދައުލަތަށް ލިބެންޖެހޭ 10 ޕަސެންޓް ހިއްސާ ވެސް ބިލުން ކަށަވަރެއް ނުކޮށްދޭއިރު، ނިސްޓަރު މުއްތަލިބު ދެއްކެވި އަދަދުތަކަކީ ހާސިލުކުރެވޭނެ އަދަދުތަކެއްތޯ ސުވާލު އުފެދެ އެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox