މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި އެސްޓީއޯ، ޕްރިޒަން އަދި ކްލަބް ފެން މުބާރާތުގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފި އެވެ.
ގްރޫޕް އީގައި އިއްޔެ ހަވީރު އެސްޓީއޯ އިން ވަނީ ޓްރީޓޮޕް ހޮސްޕިޓަލް އަތުން 21-1 އިން މޮޅުވެފަ އެވެ. އެ ގްރޫޕްގެ އެއް ވަނަ އެސްޓީއޯ އިން ހޯދީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ބީއެމްއެލް އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި ނިންމި ޓްރީޓޮޕަށް ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕްގައި ވާދަކުރި، ކްލަބް އެއާޕޯޓްސް ވަނީ ފުރަތަަމަ މެޗުގެ ކުރިން މުބާރާތުން ވަކިވެފަ އެވެ.
އެސްޓީއޯ ޓީމުން އިއްޔެގެ މެޗުގައި މުހައްމަދު އިމްރާން (އިންމި) އާއި އަހުމަދު ރިޒްވާން (ރިޒޭ) ކޮންމެ ކުޅުންތެރިއަކު ހަތަރު ގޯލު ޖެހި އެވެ. އިސްމާއިލް އީސާ (މެސީ) ހެޓްރިކެއް ހެދިއިރު، މުހައްމަދު ފާސިރު (ފާއްޓެ)، މުހައްމަދު އިސާމް، މުހައްމަދު ސަނީމް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ލަނޑުތައް ޖެހީ މުހައްމަދު ހަފީޒް އާއި މުހައްމަދު ޝާހު އަދި ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. ޓްރީޓޮޕްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ނައުފަލް އަލީ އެވެ.

ޕްރިޒަން ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރޭ ކުޅުނު ގްރޫޕް އެފްގެ މެޗުތަކަށް ބަލާއިރު، ދިވެހި ސިފައިންގެ ކްލަބް ވަނީ 2-1 އިން ޕްރިޒަން ބަލިކޮށްފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ކްލަބް އާސަންދަ އަތުން ފެން މޮޅުވީ 5-2 އިންނެވެ. ގްރޫޕްގެ އެއް ވަނަ ފެން، ދެ ވަނަ ޕްރިޒަން އަދި ތިން ވަނަ ހޯދި ސިފައިންނަށް ލިބުނީ ހަ ޕޮއިންޓެވެ. ލަނޑުގެ ތަފާތުން، އެއް ވަނަ ލިބުނީ ފެން އަށެވެ. އަދި ޕްރިޒަން ދެ ވަނަ ދިޔައިރު، ތިން ވަނަ ދިޔައީ ސިފައިންނެވެ. ގްރޫޕް ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ އާސަންދަ އެވެ.
ސިފައިންގެ ގޯލުތައް ޖެހީ ފަހުމާން އަބްދުލް ހަމީދު އާއި މުހައްމަދު މަފާޒް އެެވެ. ޕްރިޒަންގެ ގޯލު ޖެހީ މުހައްމަދު ޝާއިން އެވެ. ކްލަބް ފެންގެ ގޯލުތައް ޖެހީ ރައްޒާން ޖައުފަރާއި އިބްރާހިމް ޝަނޫން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އަހުމަދު މާޒިން އެވެ، އާސަންދަ ޓީމުން ލަނޑުތައް ޖެހީ މުހައްމަދު ސާވިން އާއި އަހުމަދު އަބްދުﷲ (ލިލީ) އެވެ.
ރޭ ވަނީ ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަނުގެ އެއިޓީން ތާޓީ ކްލަސިކް މުބާރާތުގެ ގްރޫޕް ބީގެ ދެ މެޗެއް ކުޅެފަ އެެވެ. އެ ގޮތުން ޕްރިޒަން ކްލަބުން މީރާ އަތުން 3-0 އިން މޮޅުވިއިރު، ހުޅުމާލެ ހޮސްޕިޓަލް އަތުން ޔޫތު މިނިސްޓްރީ ވަނީ 6-0 އިން މޮޅުވެފަ އެވެ.

ޔޫތު މިނިސްޓްރީ އާއި ހުޅުމާލެ ހޮސްޕިޓަލް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޕްރިޒަން ކްލަބް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދިޔައިރު، ދެ ވަނަ އަށް ދިޔަ ޔޫތު މިނިސްޓްރީ އަށް ވެސް ވަނީ ޕްރިޒަން އެކޭ އެއްވަރަށް ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ މީރާ އަށް ތިން ޕޮއިންޓް ލިބުނުއިރު، ހުޅުމާލެ ހޮސްޕިޓަލް ކެޓީ ޕޮއިންޓެއް ނުލިބި އެވެ.
މީރާ ކޮޅަށް ޕްރިޒަންގެ ކެޕްޓަން، އައިމިނަތު ފަޒްލާ ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ރުގިއްޔާ މާއިލާ އެވެ. ޔޫތު މިނިސްޓްރީން ހުޅުމާލެ ހޮސްޕިޓަލް ކޮޅަށް ގޯލުތައް ޖެހީ ސަހާ އަބްދުލް ރަހްމާން، އަރީޝާ ރިޒާ އަދި ސަދާ އަންވަރު ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ.
ކްލަބް މޯލްޑިވްސް ކަޕްގައި މިއަދު ހަވީރު 17:00 ގައި ކުޅޭނީ ގްރޫޕް ޖީގައި ކްރޮސްރޯޑްސް މޯލްޑިވްސް އާއި ފެނަކަ ބައްދަލުކުރާ މެޗާއި ކްލަބް އޭވިއޭޝަން ސެކިއުރިޓީ އަދި މީޑިއާނެޓް ބައްދަލުކުރާ މެޗެވެ. މިރޭ، 20:15 ގައި ގްރޫޕް އެޗްގައި އާރްއާރްސީ އާއި ޔޫރޯ މާކެޓިންގެ މެޗާއި ކަސްޓަމްސް އާއި ޓީއެމްއޭ ކުޅޭ މެޗެވެ. އަދި 21:45 ގައި އޮންނާނީ ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ ފިއެސްޓާގައި ފެނަކަ އާއި ޕޮލިސް ކްލަބް ބައްދަލުކުރާ މެޗެވެ.












