ލަންޑަން (އޮކްޓޫބަރު 15) - އިންގްލެންޑްގެ ކޯޗުކަމުން ވަކިވެ، މިވީ މުއްދަތުގެ ތެރޭގައި އޭނާގެ ހިތުގައި ފުޓްބޯޅައިގެ މަސައްކަތުގެ ތެރޭގައި އުޅުމުގެ ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ބުނެފި އެވެ.
ސައުތުގޭޓް، 56، އިންގްލެންޑްގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވީ، ޖެހިޖެހިގެން ދެ ވަނަ ޔޫރޯގެ ފައިނަލުން އިންގްލެންޑް ގޮވައިގެން ބަލިވުމުންނެވެ. އެއީ، މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން، ޓީމަކާ ހަވާލުނުވެ ހުރި ސައުތުގޭޓަށް ގިނަ ޓީމުތަކެއްގެ އޮފާ ލިބުނެވެ. އެ ގޮތުން، މިދިޔަ އަހަރު ސައުތުގޭޓާއި ޕޮލެންޑާ ގުޅޭގޮތުން، މީޑިއާގައި ވާހަކަތަކެއް ދެކެވުނެވެ. އަދި، މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުން ސައުތުގޭޓް ފެނިދާނެ ކަމުގެ އަޑުތަކެއް އެރި އެވެ.
އެކަމަކު، އެ ހުރިހާ ވާހަކައެއް ސައުތުގޭޓް ވަނީ ދޮގުކޮށްފަ އެވެ.
"އިންގްލެންޑްގައި އަހަރެން ހޭދަކުރި ފަހު މުއްދަތުގެ ތެރޭގައި ހަގީގަތުގައި ވަރަށް ގިނަ ކަންކަން ދިޔައީ ބަދަލުވަމުން، މެޗުތަކުން މޮޅުވިޔަސް އެހާ ބޮޑަށް އެ ކަމުގެ އުފާފާޅުކުރުމުގެ ކަންކަމުގައި އުޅެވޭ ވަރަށް ވުރެން މަސައްކަތުގެ ކަންކަމަށް ވިސްނެނީ، ހަގީގަތުގައި މި ވަރުބަލިކަން އެއީ ފުޓްބޯޅައިގެ މަސައްކަތާ މެދު އަހަރެންގެ ޝައުވެރިކަން ކުޑަވާން ފެށި ސަބަބު،" ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓް އެންމެ ފަހުން ދަނޑަކަށް ގޮސް މެޗެއް ބެލީ، މިދިޔަަ އަހަރުގެ މެއި މަހު އެފްއޭ ކަޕް ފަައިނަލް އެވެ. އެއީ، މެންޗެސްޓާ ސިޓީ ބަލިކޮށް ކްރިސްޓަލް ޕެލަސް އިން އެފްއޭ ކަޕްގެ ތަށި އުފުލާލި މެޗެވެ. ސައުތުގޭޓަކީ ޕެލަސްގެ ކުރީގެ ކުޅުންތެރިއެކެވެ.
"އެންމެ ފަހުން މިދިޔަ 17 މަސް އަހަރެންގެ ދިރިއުޅުމުގައި ވަރަށް ރަނގަޅަށް ދިޔައީ. އޭގެ ކުރިން، ދިޔަ 37 އަހަރެއްހާ ދުވަހަކީ އަހަރެންގެ ހަޔާތުގައި އެއް ހަފްތާ އިން އަނެއް ހަފްތާ އަށް މޮޅެއް ނޫނީ ބައްޔެއް ވުމުގެ ކަންކަމާ މެދު ވިސްނަން ޖެހިފައި އޮތް މުއްދަތެއް. އެކަން ބަދަލުވީ މިދިޔަ މަސްތަކުގައި ފުޓްބޯޅަ ކޯޗިން އިން ދުރަށް ދިޔަ ފަހުން،" 1988 އިން 1995 އަށް ކްރިސްޓަލް ޕެލަސް އަށް ކުޅުނު ސައުތުގޭޓް ބުންޏެވެ.
ފުޓްބޯޅައާ ދުރުގައި މި ހޭދަކުރި މުއްދަތުގައި، ސިޔާސީ ދާއިރާ އާއި މީޑިއާ އަދި އެ ނޫން ވެސް އެކި އިންޑަސްޓްރީތަކުގައި އުޅޭ މީހުންނާ ބައްދަލުވެ، އެކި މާހައުލުގެ ކަންކަން ހުންނަ ގޮތުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ. އެހެންކަމުން، މުސްތަގުބަލުގައި ފުޓްބޯޅައާ ދުރު ދާއިރާ އަކުން ވެސް ފެނިދާނެ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެެވެ.
ކްލަބް ލެވަލްގެ ކޯޗިންގައި ސައުތުގޭޓް މަަސައްކަތްކުރީ، 2006 ވަނަ އަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށެވެ. އޭގެ ފަހުން، އޭނާ ގުޅުނީ އިނގިރޭސި އެފްއޭގެ ކޯޗިން ސެޓަޕާ އެވެ. އެންމެ ފުރަތަމަ، 2013 އިން 2016 އަށް އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ހުރުމަށް ފަހު، 2016 އިން 2024 އަށް ސީނިއާ ޓީމުގެ ހެޑް ކޯޗަކަށެވެ.












