އަނަންތަރާ ކިހާވަށް ވިލާސް އާއި ވައްކަރު މޯލްޑިވްސް ވާދަކުރާ މެޗުން އިންޓަ ރިސޯޓް ޗެމްޕިއަންސް ލީގު މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
ޒޯން އެކެކުން ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ޗެމްޕިއަން ބަނޑޮސް މޯލްޑިވްސް އާއި ރަނަރަޕް ވަން އެންޑް އޮންލީ ރީތިރަށެވެ. ޒޯން 5/6އިން ކޮލިފައިވީ ޗެމްޕިއަން ވައްކަރު މޯލްޑިވްސް އާއި ރަނަރަޕް އަނަންތާރާ ކިހާވަށް މޯލްޑިވްސް އެވެ.
ޒޯން 2/4 އިން ޗެމްޕިއަންކަން ހޯދައި ކޮންރެޑް މޯލްޑިވްސްވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވި އެވެ. އެޓީމުން މި ޒޯންގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވޮލްޑޯފް އެސްޓޯރިއާ ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 18-25، 27-25، 25-16 އަދި 23-25 އިންނެވެ.
ޒޯން 2/4ގެ ޗެމްޕިއަންކަން ހޯދި ކޮންރެޑުން ޗެމްޕިއަންސް ލީގުގައި ވާދަކުރަން ފުރުސަތު ލިބުނު ނަމަވެސް އެޓީމުން ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުން ނުވުމުން އެ ފުރުސަތު ރަނަރަޕް ވޮލްޑޯފް އެސްޓޯރިއާއަށްވެސް ދިނެވެ. އެޓީމުންވެސް ބޭނުންވީ އެ ފުރުސަތު ދޫކޮށްލާށެވެ.
ދެ ޓީމުންވެސް މި ފުރުސަތު ދޫކޮށްލި ސަބަބެއްގެ ގޮތުގައި ހާމަކޮށްފައިވަނީ މުބާރާތުގެ މެޗުތައް ކުޅެން ކުރަން ޖެހޭ ދަތުރު ދިގުވުމާއިި، ދެން ވާދަކުރާ ޓީމްތަކަކީ އެޓީމްތަކަށް ވާދަކޮށްލެވޭ ވަރަށްވުރެ ވަރުގަދަ ޓީމްތަކަކަށްވުމެވެ.
ހަތަރު ޓީމާއިއެކު ރިސޯޓް މުބާރާތުގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ކުޅޭނީ ބަނޑޮހާއި ރީތިރަށުގަ އެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް ފައިނަލަށް ދާނީ ލީގު ބުރުގެ އެއްވަނަ ޓީމާއި، ދެވަނަ އަދި ތިންވަނަ ހޯދާ ދެ ޓީމްގެ މެދުގައި ސެމީއެއް ކުޅެ ކުރި ހޯދާ ޓީމެކެވެ. ފައިނަލް މެޗު ކުޅޭނީ ޖުލައި 12 ގަ އެވެ.
އިންޓަ ރިސޯޓް ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ބަނޑޮސް މޯލްޑިވްސް އެވެ.











