ފޯ ސީޒަންސް އެޓް ކުޑަހުރާ ސީދާ ތިން ސެޓުން ބަލިކޮށް ބަނޑޮސް މޯލްޑިވްސް އިން ޒޯން ޗެމްޕިއަންސް ލީގު ތަށި މިލްކުކޮށްފި އެވެ.
ޒޯން އެކެއްގެ ފައިނަލުގައި 3-1 ސެޓުން، ފޯ ސީޒަންސް ކުޑަހުރާ އަތުން ބަނޑޮސް މޮޅުވިއިރު، މިއަދު އެ ޓީމުން ފޯ ސީޒަންސް ކުޑަހުރާގެ މައްޗަށް ކުރިހޯދީ ސެޓެއް ވެސް ނުދީ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "ގޯލްޑަން އިޔާ"ގެ ނަން ހިމަނައިގެން އިންޓަ ރިސޯޓް ވޮލީ މުބާރާތް ކުޅޭއިރު، ބަނޑޮހުން މި ވަނީ ޒޯން އެކަކާއި ޗެމްޕިއަންސް ލީގުގެ ތަށި މިލްކުކޮށްފަ އެވެ.
މިއަދު ހަވީރު ބަނޑޮހުގެ ވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ބަނޑޮހުން ގެންދިޔައީ 25-14، 25-17 އަދި 25-10 އިންނެވެ.
ތަޖުރިބާކާރު ކުޅުންތެރިން ގިނަ ބަނޑޮސް ޓީމު ފުރަތަމަ ސެޓުން ފެށިގެން ފެނުނީ ފޯމުގައި ކުޅެލިތަނެވެ. އެ ގޮތުން އެ ޓީމުގެ ކެޕްޓަން، ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) ރަނގަޅަށް ޓީމު ލައްވައި ކުޅުވައި، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ)ގެ ބޭނުން ރަނގަޅަށް ހިފި އެވެ.
ފުރަތަމަ ސެޓު ގެންލުމުން ފޯ ސީޒަންސް ކުޑަހުރާ އިން ދެ ވަނަ ސެޓަށް ނުކުމެ، މެޗުގެ ތެރެއަށް ވަދެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު، ޓީމުގެ އެޓޭކްގެ މުހިންމު ކުޅުންތެރިޔާ، އަހުމަދު ފާޒިލް އަށް އަނިޔާވުމުގެ އޭގެ އަސަރު މުޅި ޓީމަށް ކަހަލަ ގޮތަަކަށް ކުރި އެވެ.
ތިން ވަނަ ސެޓު ދިޔައީ، ފޯ ސީޒަންސް އަށް އެއްވެސް ވަރަކަށް ވާދައެއްނުކުރެވި އެވެ. ޕޮއިންޓުގެ ފަރަގު ބޮޑުވަމުންދިޔައިރު، ބަނޑޮހުންދިޔައީ ކޮންފިޑެންސާ އެކު ކުޅެމުންނެވެ. އެހެންވެ، އެންމެ ތަފާތު ބޮޑުކޮށް ނިމުނީ ވެސް މި ސެޓެވެ.
ގައުމީ ވޮލީ ޓީީމުގެ ކޯޗުކަން މީގެ ކުރިން ގިނަ ފަހަރުތަކެއް މަތިން ކުރި މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ކޯޗުކަމުގައި ކުޅޭ ބަނޑޮސް ޓީމަކީ ރާއްޖޭގެ އެންމެ ފޯރިގަދަ ވޮލީބޯޅަ މުބާރާތް، އިންޓަ ރިސޯޓް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމެވެ.
ބަނޑޮހުން ޖެހިޖެހިގެން ތިން ފަހަރު ޒޯން ޗެމްޕިއަންސް ލީގު ތަށި މި ހޯދިއިރު، އެ ޓީމުން މީގެ ކުރިން ދެ ފަަހަރު މޮޅުވީ ވަން އެންޑް އޮންލީ ރީތި ރަށް އާއި ގްރޭންޑްޕާކް ކޮއްދިއްޕަރު ބަލިކުރުމަށް ފަހު އެވެ.











