ޕެރިހުގައި ފުލުހުން އުމުރުން 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަަޑި ޖަހައި މަރާލުމުން ހަމަނުޖެހުން އުފެދިފައި ވާތީ ސެކިއުރިޓީ ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރެފި އެވެ.
ނަހެލް އެމްގެ ނަމުން ނޫސްތަކުން ނިސްބަތް ކުރާ ކުއްޖާގެ ގަޔަށް ބަޑި ޖަހައި މަރާލީ ޓްރެފިކް ޗެކްޕޮއިންޓެއްގައި މަޑުކުރަން އެންގުމުން، އެ އެންގުމާ ހިލާފަށް ކާރުގައި ދާން އުޅުމުންނެވެ.
މެޔަށް ބަޑި ޖެހުމާ އެކު އޭނާ މަރުވެ، ކާރު އެކްސިޑެންޓުވި އެވެ. އެކަމާ ގުޅިގެން ޕެރިހުގައި ގިނަ ބަޔަކު ދަނީ ފުލުހުންނާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.
ރައީސް އިމޭނުއެލް މެކްރޯން ވިދާޅުވީ ފުލުހުންގެ އެ އަމަލަކީ މައާފްނުކުރެވޭނެ އަމަލެއް ކަމަށެވެ. އެހެންވެ، ފުލުހުންގެ ޔޫނިއަންތަކުން ވަނީ މެކްރޯންއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ޔޫނިއަންތަކުން ބުނީ މައްސަލައިގެ ހަގީގަތް ސާފު ނުވަނީސް ފުލުހުން ކުށްވެރު ނުކުރެވޭނެ ކަމަށާއި ސިޔާސީ މީހުންނާ ހެދި ފުލުހުންނާ މެދު ނަފުރަތު އިތުރުވާ ކަމަށެވެ.
އެ ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. ބަޑި ޖެހި ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާ ހުރީ ބަންދުކޮށްފަ އެވެ. އޭނާ ބުނީ ބަޑިޖެހީ ފުރާނައަށް ނުރައްކާވާ ހާލަތެއް ކުރިމަތިވުމުން ކަމަށެވެ.










