ޕެރިސްގެ މަޝްހޫރު ލޫވާ މިއުޒިއަމް ފަޅާލިތާ ދެ ދުވަސް، ވަގުން އަތު ނުވޭ

Oct 21, 2025, 4:42 PM
ލޫވާ މިއުޒިއަމްއަށް ވަންނަން ވަގުން ބޭނުންކުރި އެލަވޭޓަރު ޓްރަކު: ހަތަރު ވަގުންގެ ގްރޫޕުން ވަދެ ގެންދިޔައާއި އަގުނުކުރެވޭ ވަރުގެ ތަރިކަތަކެއް --- ފޮޓޯ: އޭއެފްޕީ

ލޫވާ މިއުޒިއަމްއަށް ވަންނަން ވަގުން ބޭނުންކުރި އެލަވޭޓަރު ޓްރަކު: ހަތަރު ވަގުންގެ ގްރޫޕުން ވަދެ ގެންދިޔައާއި އަގުނުކުރެވޭ ވަރުގެ ތަރިކަތަކެއް --- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ޕެރިހުގައި ހުންނަ މަޝްހޫރު، ލޫވާ މިއުޒިއަމްގައި ހުރި ނަޕޯލިއަން ޒަމާނުގެ ގަހަނާތަކެއް ވަގަށް ނެގި މައްސަލައިގައި ހިމެނޭ މީހުން އަދިވެސް އަތުނުވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހު, ރޯ މާ ދުވާލު އެތައް ބަޔެއްގެ ކުރިމަތީގައި ހިންގި މި ވައްކަމުގައި، ވަގުން ލޫވާގެ ތެރޭގައި ހޭދަކުރީ އެންމެ ހަތް މިނިޓެވެ.

ހަތަރު މީހުން ހިމެނޭ ވަގުންގެ ގްރޫޕުން ލޫވާގެ ތެރެއަށް ވަންނަން ބޭނުންކުރީ ލިފްޓެއް ހަރުކޮށްފައި ހުންނަ ވައްތަރުގެ އެލަވޭޓަރު ޓްރަކެކެވެ. މި އުޅަނދު ކައިރި ކުރީ ލޫވާގެ ޑެނަން ވިންގާ ދިމާލަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ދާރުލްއާސާރުގައި ބަހައްޓާފައި ހުރި އެންމެ އަގުހުރި ކަލެކްޝަންތައް ހުންނަ އެޕޯލޯ ގެލަރީ ހުންނަނީ މި ވިންގުގެ އެއް ވަނަ ފަންގިފިލާގަ އެވެ. މި ގެލަރީގައި ހުންނަނީ ކުރީގެ ފަރަންސޭސީ ރަސްރަސްކަލުންނާއި ރަސްގެފާނު ނަޕޯލިއަންގެ އާއިލާއިން ގެންގުޅުނު ގަހަނާތަކެވެ.

އެޕޯލޯ ގެލަރީއާ ދިމާލަށް ޓްރަކުގެ ހަރުގަނޑު ލެއްގުމަށް ފަހު، ވަގުން އެތަނަށް ވަނީ މަސައްކަތު މީހުން އަޅާ ކަހަލަ ފްލޮރިސެންޓު ރީނދޫ ކުލައިގެ "ހައި-ވިސް" ވެސްޓުތަކެއް އަޅައިގެންނެވެ. މި މީހުން އެ ބެލްކަަންޏަށް އެރީ ގިނަ ބަޔަކު ބަލަން ތިއްބަ އެވެ.

ގެލަރީއަށް ވަންނަން ވަގުން ބޭނުންކުރީ ކުޑަދޮރެކެވެ. މި ކުޑަދޮރު ގަދަކަމުން ހުޅުވަން ބޭނުންކުރީ އޭންގަލް ގްރައިންޑަރެކެވެ. ވަގުންގެ ގްރޫޕުން ގެލަރީ ތެރެއަށް ވަނުމުން އެ މީހުންނާ ކުރިމަތިލީ ސެކިއުރިޓީ ގާޑުންނަށް ބިރުދައްކަން ވެސް އެ މީހުން ބޭނުންކުރީ މި ގްރައިންޑަރުތަކެވެ.

ފްރާންސުގެ ލެ މޮންޑޭ ނޫހާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ގެލަރީއަށް ވަގުން ވަން ގަޑީގައި ތިބީ ހަތަރު ސެކިއުރިޓީ ގާޑުންނެވެ. އެ ގެލަރީގައި ފޯރިމަރަން ފަސް ގާޑުން ތިބޭ ނަމަވެސް، ވަގުން ވަނީ އެ ތަނުން އެކަކުގެ ބްރޭކު ގަޑި ބަލާފަ އެވެ.

މި ވައްކަން ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވަގުން ވަދެގަތް ގަޑީގައި އެ ތަނުގައި ހުރި މީހަކު ނެގި އެ ވީޑިއޯއިން ފެންނަނީ ވަގުންގެ މީހަކު ވަރަށް ހަމަޖެހިލައިގެން ހުރެ ޑިސްޕްލޭ ކަފަމުން ދިޔަ މަންޒަރެވެ. ވަގުން ވަނީ ނުވަ ގަހަނާ ވަގަށް ނަގާފަ އެވެ.

ނަމަވެސް ފިލަން ދުވަނިކޮށް ވަގުންގެ އަތުން ވަނީ އެ މީހުން ވަގަށް ނެގި ތާޖެއް ވެއްޓިފަ އެވެ. ވަގުން އަތުން ދޫވީ ތާޖަކީ، ފްރާންސުގެ އެންމެ ފަހުގެ ރަސްގެފާނު، ނަޕޯލިއަން ތިނެއްގެ އަނބިކަނބަލުން، ރާނީ ޔޫޖެނީގެ ތާޖެވެ. މި ތާޖު ޖަރީކުރަން 1،354 އަލިމަހާއި 56 ޒުމައްރަދު (އެމެރަލްޑު) ބޭނުންކޮށްފައި ވެ އެވެ.

ފިލުމުގެ ކުރިން ވަގުން ވަނީ އެ މީހުން ބޭނުންކުރި އުޅަނދު އަންދާލަން މަސައްކަތްކޮށްފަ އެވެ. މިކަން ނާކާމިޔާބުވީ ދާރުލްއާސާރުގައި މަސައްކަތް ކުރާ މީހެއްގެ ހުށިޔާރުކަމުންނެވެ. ހަތަރު ވަގުން ފިލީ، އެ ތަނުން ދެ މީހަކު އައި ދެ ސްކޫޓަރެއްގަ އެވެ.

ފަރަންސޭސީ އޮފިޝަލުން ބުނީ ވަގަށް ނެގީ އަގު ނުކުރެވޭ ވަރުގެ އާސާރީ ތަރިކަތަކެއް ކަމަށެވެ. އެ މީހުންގެ އެންމެ ބޮޑު ބިރަކީ މި ގަހަނާތައް އަބަދަށް ގެއްލިގެން ގޮސްދާނެ ކަމުގެ ބިރެވެ. އެއިން އެއްވެސް އެއްޗަކީ އެ ހުރި ގޮތަށް ވިއްކޭނެ އެއްޗެއް ނޫން ކަމުން، ވަގުންނަށް އެ ވިއްކޭނީ ހަލާކުކޮށްލައިގެންނެވެ.

ވަގަށް ނެގި ތަކެތީގެ ތެރޭގައި އަލިމަހާއި އިތާމުތުން ޖަރީކޮށްފައިވާ ތާޖަކާއި އަލިމަހުން ޖަރީކޮށްފައި ހުރި އާދަޔާހިލާފު ފަންނުވެރިކަމެއް ހިމެނޭ މަތީގައި ޖަހާ ދެ ދައްޗާއި ޒުމައްރަދު ހާރަކާއި ކަންފަތުލާ މުދިތަކަކާއި ނީލަމާއި އަލިމަހުގެ ގަހަނާ ސެޓެއް ހިމެނެ އެވެ. މި ހުރިހާ ގަހަނާއަކީ ވެސް ފްރާންސުގެ ރަސްމަތިފުށު ކަނބަލުން ތުރުކުރެއްވި ގަހަނާތަކެވެ.

މިއީ 1911 ގައި ލޫވާގައި ހުރި މަޝްހޫރު މޮނަލީސާ ކުރެހުން ވަގަށް ނެގި ފަހުން ހިންގި އެންމެ އާދަޔާހިލާފު ވައްކަމެވެ. އެންމެ ފަހުން ލޫވާއިން ވައްކަން ކުރީ 1998 ގަ އެވެ. އެ ފަހަރު ވަގުން ގެންދިޔަ ކެމިލް ކެރޮޓުގެ ކުރެހުން އަދިއަދަށް ދާން ދެން ވެސް ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސީރިއާގައި 2 މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާއެކު ސޮއިކޮށްފި

ސީރިއާގައި 20 ބިލިއަން ޑޮލަރުގެ ބޮޑު ދެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު އެ ގައުމުގެ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫއުތަކުގެ ދަށުން ދިމިޝްކާއި ލަޓާކިއާގައި ރިއަލް އެސްޓޭޓް އަދި ފަތުރުވެރިކަމުގެ ވަސީލަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން 40،000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވެއެވެ.

ސައުދީ ކޯލިޝަނުންނަށް ހޫތީންނަށް ވައިގެ ހަމަލާ ދޭން ފަށައިފި

ޔަމަނުގެ މުހިންމު ސަރަހައްދުތަކެއް ހޫތީންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން، ސައުދީ ކޯލިޝަނުން އެ ޖަމާއަތާ ދެކޮޅަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ. މި ހަމަލާތަކުގައި 100 ފައިޓާ ޖެޓް ބޭނުންކުރަމުންދާއިރު، މީގެ މައިގަނޑު ބޭނުމަކީ ޔަމަނުގެ ސަރުކާރު ފައުޖުތަކަށް އެހީތެރިވުމާއި ބާބުލް މަންދަބު ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ.

ފްރާންސްގެ ދަރިވަރުންގެ މުޒާހަރާއާ ގުޅިގެން 500 ސްކޫލް ބަންދު

ފަރަންސޭސިވިލާތުގެ ތައުލީމީ ފެންވަރު ދަށްވުމާއި ސްކޫލްތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ދަރިވަރުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ސަލާމަތީ ރައްކާތެރިކަމަށްޓަކައި 500 އެއްހާ ސްކޫލް ވަނީ ބަންދުކޮށްފައެވެ. މި ހަމަނުޖެހުންތަކުގައި ބައެއް ސްކޫލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox