ރާއްޖެ އަތުން ފަހަތުން އަރައި މޮޅުވެވުނީ މި މެޗު ކާމިޔާބުކުރެވޭނެ ކަމަށް ކުޅުންތެރިން އަމިއްލަ ނަފްސަށް ކުރި އިތުބާރުން ކަމަށް ބަންގްލަދޭޝްގެ ކޯޗު، ސްޕެއިންގެ ހާވިއޭ ކަބްރޭރާ ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕްގައި 3-1 އިން ރާއްޖެ އަތުން މޮޅުވެ ބަންގްލަދޭޝުން ވަނީ ސެމީ ފައިނަލުގެ އުއްމީދު ދަމަހައްޓައިފަ އެވެ. އެ ޓީމަށް ބާކީ އޮތީ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށް ނިކުންނައިރު އެޓީމަށް ސެމީ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު އެބައޮތެވެ.
މިއަދު ރާއްޖެ އަތުން މޮޅުވެވުމުގެ ސިއްރަކީ ކޮބައިތޯ އެހުމުން ބަންގްލަދޭޝްގެ ކޯޗު ބުނީ ކުޅުންތެރިން މި މެޗުން މޮޅުވެވޭނެ ކަމަށް ކުރި އިތުބާރާއި ޔަގީންކަމަކީ އެންމެ ބޮޑު ތަފާތު ކަމަށެވެ. އޭނާ ބުނީ ފަހަތުން އަރައި ރާއްޖެ ކަހަލަ ޓީމެއް އަތުން ކޮންމެ ދުވަހަކު މޮޅު ނުވެވޭނެ ކަމަށާއި، މިއީ ކުޅުންތެރިންގެ ހިތްވަރުން ލިބުނު މޮޅެއް ކަމަށެވެ.
"1-0 އިން ބަލިވެފައި އޮއްވާ ފަހަތުން އަރާ 3-1 އިން މޮޅުވުމަކީ އާދަޔާ ހިލާފު ކާމިޔާބެއް. އަހަރެން ވަރަށް ފަހުރުވެރިވަން. ކުޅުންތެރިން ދެއްކީ އާދަޔާ ހިލާފު ހިތްވަރެއް. އެ ކުޅުންތެރިން އަމިއްލަ ނަފްސަށް ކުރި އިތުބާރު މިއޮތީ ނަތީޖާއިން ފެންނަން. މޮޅުވާނެކަމުގެ ޔަގީންކަމާ އިތުބާރު އެ ކުޅުންތެރިންގެ ކިބައިން ފެނުނު. އެއީ އަހަންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ." ކަބްރޭރާ ބުންޏެވެ.
އޭނާ ބުނީ މި މެޗަކީ މި މުބާރާތަށް ބަންގްލަދޭޝް އިން ކަނޑައެޅި ޓާގެޓް ސެމީ ފައިނަލަށް ދިޔުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ. މި މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދައިގެން ސެމީ ފައިނަލުން ފުރުސަތު ބޮޑުކުރުމުގެ ބޭނުމުގައި ކަމަށާއި އެއް ޕޮއިންޓުން ނުވާނެކަން ކުރިން ވެސް އެނގޭ ކަމަށް ކަބްރޭރާ ވަނީ ބުނެފަ އެވެ.
އޭނާ ބުނީ ރާއްޖެ ފުރަތަމަ މެޗުން މޮޅުވެފައި އޮތުމުން އެ ޓީމަށް މި މެޗު ވަރުގަދަކޮށް ފަށަން ޖެހޭނެކަން އެނގޭ ކަމަށާއި، ރަނގަޅަށް ކުޅެމުންދަނިކޮށް ބައިކޮޅަށް ގޯލެއް ވަތް ނަމަވެސް ކުޅުންތެރިން ހިތްވަރު އެލުވާ ނުލައި ކުޅުނު ކަމަށެވެ. މި މެޗުން މޮޅުވުމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އެ ކުޅުންތެރިންނަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"މެޗަށް ނިކުތްއިރުވެސް އިނގޭ އަހަރުމެން ވަރުގަދަކޮށްކަން ފަށަން ޖެހޭނީ. އެގްރެސިވް ވާން ޖެހޭނެކަން އިނގޭ. އެގޮތަށް ފެށި. ބައިކޮޅަށް ގޯލުވަނީ އަހަރުމެން ރަނގަޅަށް ބޭނުންވި ގޮތަށް ކުޅެމުންދަނިކޮށް. އެ ގޯލު ވަނީމަ ކުޑަކޮށް އުނދަގޫވި. އެކަމަކު ހުރިހާ ކުޅުންތެރިންވެސް ވަރަށް ހިތްވަރުކުރި. އެ ކުޅުންތެރިންގެ މަސައްކަތުން ފަހަތުން އަރާ މި މޮޅުވެވުނީ." މިދިޔަ އަހަރު އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ އަތުން ބަލިވިއިރު ބަންގްލަދޭޝާ އަލަށް ހަވާލުވި ކޯޗު ކަބްރޭރާ ބުންޏެވެ.
ދެ ވަނަ ހާފަށް ނިކުތްއިރު 1-1 އިން ނަތީޖާ އެއްވަރުވެފައި އޮއްވައި ތަފާތަކަށްވީ ކޮންކަމެއްތޯ އެހުމުން އޭނާ ބުނީ ޗޭންޖިން ރޫމުގައި ކުޅުންތެރިން ދެއްކި ވާހަކައިން ވެސް އޭނާ އަށް ވަރަށް އިތުބާރު ބޮޑުވި ކަމަށެވެ. ދެ ވަނަ ހާފުގައި ދެއްކި ކުޅުމާ އެކު މި ޓީމަކީ ސެމީގެ ލިބެންޖެހޭ ފެންވަރުގެ ޓީމެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ހާފް ޓައިމްގައި ޗޭންޖިންރޫމަށް ގޮސް ދެއްކި ވާހަކައިންވެސް އިނގޭ ކުޅުންތެރިން މި މެޗުން މޮޅުވެވޭނެކަމުގެ އިތުބާރު އޮތް މިންވަރު. އެއީ ހަމަ ތަފާތަކީ ދެވަނަ ހާފުގައި. އެ ކުޅުންތެރިން ދައްކައިދީފި ސެމީ ފައިނަލަށް ކޮލިފައިވާ ފެންވަރު މި ޓީމްގައި ހުރިކަން،" ކަބްރޭރާ ބުންޏެވެ.
އޭނާ ބުނީ މި ވަގުތު ރާއްޖެ އަތުން މޮޅުވުން ފާހަގަކުރިނަމަވެސް ސެމީގެ ޖާގަ އަދި ޔަގީން ނުވާކަމަށާއި މިހާރު ހުރިހާ ވިސްނުމެއް ހުރީ ބޫޓާން މެޗަށް ކަމަށެވެ.
ބޫޓާން އަކީ ފަސޭހަކޮށް ނުލެވޭނެ ޓީމެއް ކަމަށާއި އެ މެޗަކީ ވެސް ބަންގްްލަދޭޝް ޓީމަށް ވަރުގަދަ ފައިނަލެއް ކަމަށް ކަބްރޭރާ ދެކެ އެވެ.
ވަކިން ހާއްސަކޮށް ރާއްޖެއާ ދެކޮޅަށް ބޫޓާނުން ދެއްކި ކުޅުމަށް ބަލާއިރު ބަންގްލަދޭޝް އިން ރަނގަޅަށް ސަމާލުވާނެ ޖެހޭނެކަން އޭނާ ފާހަގަކުރި އެވެ.
"ބޫޓާން ޓީމަކީ އަންޑައެސްޓިމޭޓް ކުރެވޭ ވަރުގެ ޓީމެއް ނޫން. އެމީހުން ރާއްޖެ އަތުން ބަލިވިޔަސް އެ މެޗުގައި މޮޅަށް ކުޅުނު. އެހެންވީމަ ފަސޭހައެއް ނުވާނެ. އަހަރުމެން މި މެޗުގައި ކުޅުނު ގޮތަށް ވަރުގަދައަށް ކުޅެގެން އެ މެޗު ކާމިޔާބުކުރެވޭނީ. ރަނގަޅަށް ތައްޔާރުވާނަން އެ މެޗަށް." އޭނާ ބުންޏެވެ.
މިއީ 2003 ވަނަ އަހަރު ފައިނަލުގައި، ބަންގްލަދޭޝް އަތުން ބަލިވި ފަހުން، ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެެވެ. މި ވޭތުވެދިޔަ 20 އަހަރު ތެރޭ ސީނިއާ ފުޓްބޯޅައިގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި ދެ ފަހަރު ވެސް އެކަން ހާސިލްކުރީ ރާއްޖޭގެ ކޯޗަކަށް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހުއްޓަ އެވެ. މީގެ ކުރިން، ބަންގްލަދޭޝް އިން ވަނީ 2021 ވަަނަ އަހަރުގެ ނޮވެމްބަރު މަހު، ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ވެސް 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.
މޮރިއޭރޯ ވަނީ މިދިޔަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުން މޮޅުވެފަ އެވެ. އެކަމަކު، އޭރު ބަންގްލަދޭޝްގެ ކޯޗަކަށް ހުރި ސްޕެއިނުގެ ހަވިއޭ ކަބްްރޭރާ މި ވަނީ މިއަދު ރާއްޖެ ބަލިކޮށްފަ އެވެ.












