ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ލެބަނަން އަތުން 2-0 އިން ބަލިވި ނަމަވެސް ޓީމްގެ މޯޓިވޭޝަނަށް އަސަރު ނުކުރާކަމަށާއި، މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބަންގްލަދޭޝްގެ ކޯޗު, ސްޕެއިނުގެ ހާވިއޭ ކަބްރޭރާ ބުނެފި އެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗުގައި 2-0 އިން ލެބަނަން އަތުން ބަލިވި މެޗުގައި ބަންގްލަދޭޝުން ކުޅެފައިވަނީ ޑިފެންސިވް ގޭމެކެވެ. ދުނިޔޭގެ ރޭންކިންއަށް ބަލާއިރު، ބަންގްލަދޭޝަށް ވުރެ 93 ދަރަޖަ ކުރީގައި އޮތް ލެބަނަންއާ ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ގޭމެއް ކުޅެ ގޯލް ޖަހާނެ ފުރުސަތުތައް ވެސް ބަންގްލަދޭޝް އިން ހޯދި އެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލެބަނަން ދެ ގޯލް ޖަހައި މެޗު ކާމިޔާބުކުރީ އެވެ.
ބަންގްލަދޭޝް އަށް ދެން އޮތީ މާދަމާ ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗުން ބަލިވެއްޖެނަމަ ބަންގްލަދޭޝް މުބާރާތުން ކަޓާނެ އެވެ.
ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ކަބްރޭރާ ބުނީ ލެބަނަން އަތުން ބަލިވިޔަސް ޓީމުގެ މޯޓިވޭޝަނަށް އަސަރު ނުކުރާކަމަށެވެ. އެ މެޗުގައި ދެއްކުނު ކުޅުމަށް ބަލާއިރު ޓީމަށް ވަރަށް ބޮޑަށް އިތުބާރު ލިބިފައިވާ ކަމަށާއި، ރާއްޖެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.
"ޓީމްގެ ކޮންފިޑެންސަށް އަސަރެއް ނުކުރޭ ލެބަނަން އަތުން ބަލިވެގެން. އެންމެންވެސް ތިބީ ވަރަށް އިތުބާރާ އެކު. އަހަރުމެންނަށް މިދިޔަ މެޗުން ޕޮސިޓިވް ގިނަ ކަންކަން ފާހަގަވި. އެއީ ރާއްޖެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން އަހަރުމެންނަށް ލިބޭ ހިތްވަރެއް" މިދިޔަ އަހަރު ބަންގްލަދޭޝްގެ ކޯޗުކާމާ ހަވާލުވި ކަބްރޭރާ ބުންޏެވެ.
ބަންގްލަދޭޝް އިން ވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސްރީ ލަންކާގައި ކުޅުނު ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ބަލިކޮށްފަ އެވެ. އޭރު ބަންގްލަދޭޝްގެ ކޯޗަކަށް ހުރީ ޑާކާ އަބަހާނީގެ ކޯޗު ޕޯޗުގަލްގެ މާރިއޯ ލެމޯސް އެވެ. ބަންގްލަދޭޝާ ކަބްރޭރާ ހަވާލުވި ފަހުން، މިދިޔަ އަހަރު މާޗް މަހު ރާއްޖެ އާއި ބަންގްލަދޭޝް މާލޭގައި މެޗެއް ކުޅުނެވެ. އެ މެޗުން ރާއްޖެ ވަނީ 2-0 އިން މޮޅުވެފަ އެވެ.
"ރާއްޖެ މެޗަކީ ފައިނަލެއް"
ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ބުނީ ރާއްޖެ މެޗަކީ އެ ޓީމަށް ފަައިނަލެއް ކަމަށާއި، ކުޅުންތެރިން މި މެޗަށް ތައްޔާރުވަނީ ވެސް އެކަން ރަނގަޅަށް އެނގިތިބެ ކަމަށެވެ. މިދިޔަ މެޗުގައި ޓީމުން މޮޅަށް ކުޅުނު ކަމަށް އެންމެން ވެސް ބުނުމަކީ ލިބޭ އިތުރު ހިތްވަރެއް ކަމަށާއި، ރާއްޖެ މެޗުން މޮޅުވުމަށް މިދިޔަ މެޗުގައި ނެރުނު ކަހަލަ ހިތްވަރެއް ޓީމުން ނެރެން ޖެހޭ ކަަމަށެވެ.
"މިދިޔަ މެޗުން ބަލިވިޔަސް މާޔޫސް ނުވާ ސަބަބަކީ އަހަރުމެން ރަނގަޅަށް ކުޅުނޭ އެންމެން ބުނުން. އެ މެޗުގައި ފަހު 10 މިނެޓު ކޮންސެންޓްރޭޝަން ދަށްކޮށް ދިޔައީ. އެކަން ރަނގަޅު ކުރަން ޖެހޭނެ މި މެޗަށް." ކެޕްޓަން ޖަމާލް ބުންޏެވެ.
ބަންގްލަދޭޝް އާއި ރާއްޖެ ވާދަކުރާ މެޗުން ބަލިވެއްޖެ ނަމަ ބަންގްލަދޭޝް ކަޓާއިރު މި މެޗުން މޮޅެއް ހޯދައި ރާއްޖެ އަށް ސެމީގެ ޖަގާ ޔަގީން ކުރެވޭނެ އެވެ. މި މެޗު އެއްވަރުވެ، ނުވަތަ ބަންގްލަދޭޝް މޮޅުވެއްޖެ ނަމަ ދެ ޓީމް ވެސް ސެމީގެ ޖާގައެއް ހޯދަން ގްރޫޕްގެ ފަހު މެޗުތަކުގައި ނަތީޖާ އަށް ކުޅެން ޖެހޭނެ އެވެ.













