ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ޓާގެޓަށް ވާސިލްވާން ބަންގްލަދޭޝަށް ދެން އޮތް ހަމައެކަނި ފުރުސަތަކީ ރާއްޖެ އާއި ބޫޓާން ބަލިކުރުން ކަމަށް ބަންގްލަދޭޝްގެ ކޯޗު ސްޕެއިނުގެ ހަވިއޭ ކަބްރޭރާ ބުނެފި އެވެ.
ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި ލެބަނަން އިން މެޗުގެ ފަހު ވަގުތު ޖެހި ދެ ގޯލުން ބަންގްލަދޭޝް ވަނީ 2-0 އިން ބަލިވެފަ އެވެ. މި ގްރޫޕްގެ ދެ ވަނަ މެޗުގައި މިރޭ ރާއްޖެ އާއި ބޫޓާން ބަލިކުރާނެ އެވެ.
ބަންގްލަދޭޝް އިން މި ފަހަރުގެ ސާފަށް ކުރިމަތިލިއިރު، ޓާގެޓް ކުރީ 18 އަހަރަށް ފަހު މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށެވެ. އެކަމަކު، މިއަދު ލެބަނަން އަތުން ބަލިވުމުން އެ ޓާގެޓަށް ދާން ކުރަން ޖެހޭ މަސައްކަތް އުނދަގޫވެފައިވާ ކަމަށް ކޯޗު ކަބްރޭރާ ވެސް ވަނީ އެއްބަސްވެފަ އެވެ.
ކަބްރޭރާ ބުނީ މުބާރާތަށް ނުކުތްއިރު ވެސް އެންމެ އުނދަގޫވާނީ ލެބަނަން މެޗުކަން އެނގޭ ކަމަށާއި އެ ޓީމު އަތުން ބަލިވީ މެޗުން ކޮންމެވެސް ކަމެއް ހާސިލްކުރެވޭ ވަރަށް ފުރުސަތު ލިބިފައި ކަމަށްވާތީ އެއީ ހިތާމައެއް ކަމަށެވެ.
"ދެން އޮތް ދެ މެޗުން (ރާއްޖެ އާއި ބޫޓާން މެޗުން) މޮޅުވާން ޖެހޭނެ. އެއީ ހަމައެކަނި އޮތް ގޮތަކީ، އެ ނޫން ގޮތަކަށް މުބާރާތުން ކުރިއަށް ދެވޭނެ ކަމަށް ނުފެނޭ،" މިއަދުގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކަބްރޭރާ ބުންޏެވެ.
ކަބްރޭރާ ބުނީ މެޗަށް ނުކުތްއިރު ވެސް ވިސްނުމަކީ ފުރަތަމަ ލެބަނަންގެ ކުޅުން ކުރިއަށްދާ ގޮތަށް ބަލާފައި ލިބޭ ފުރުސަތުގައި ކުރިއަށް ދިއުން ކަމަށެވެ. އެ ޕްލޭނުގައި ވަރަށް ރަނގަޅަށް ކުރިއަށްދިއުމަށް ފަހު، 1-0 އިން ކުރިހޯދަން ވެސް ބަންގްލަދޭޝަށް ފުރުސަތު ލިބުނު ކަމަށާއި، އެ ފަހުން، މެޗުގެ ނަތީޖާ 1-1 އިން އެއްވަރުކޮށްލަން ވެސް ފުރުސަތު ލިބި ބަލިވެެގެން ފައިބާން ޖެހުމުން އެއީ މާޔޫސްކަމެއް ކަމަށް ކަބްރޭރާ ވަނީ ބުނެފަ އެވެ.
އެކަމަކު، މުޅި މެޗުގައި ބަންގްލަދޭޝްގެ ކުޅުންތެރިންގެ އެޓިޓިއުޑް ފެނުނު ގޮތުން ކުރިއަށް އޮތް ދެ މެޗަށް އުންމީދުތަކެއް ކުރެވޭ ކަމަށް ކަބްރޭރާ ބުންޏެވެ.
"ލެބަނަން އަކީ ދުނިޔޭގެ ގަދަ 100ގެ ތެރޭގައި އޮތް ގައުމެއް، އެ ޓީމާ ދެކޮޅަށް ދެއްކި ކުޅުމަށް ބަލާއިރު، އަހަރެމެން މި ދަނީ ރަނގަޅު މިސްރާބަށް ކަން އެބަފެނޭ. އަހަރެމެން ކޮޅަށް މި މެޗުގައި ގޯލު ވަން ގޮތެއް ނޫން މުހިންމީ، މިސްޓޭކެއް ހެދުމަކީ އެއީ ޓީމު މިސްޓޭކެއް، ކާމިޔާބެއް ލިބުމަކީ އެއީ ޓީމު ކާމިޔާބެއް،" ކަބްރޭރާ ބުންޏެވެ.
ލެބަނަންގެ ކޯޗު އަލެކްސަންޑަ އިލިކް ބުނީ ފުރަތަމަ ހާފުގައި އޭނާގެ ޓީމަށް ނުކުޅެވުނު އެއް ސަބަބަކީ ގިނަ ބަދަލުތަކެއް ގެނެސްގެން މެޗު ފެށުން ކަމަށެވެ.
އެކަމަކު، ދެ ވަނަ ހާފުގައި އާންމުކޮށް ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިން އަރުވައިގެން ކުޅެން ފެށުމާ އެކު ނަތީޖާ ނެެރެވުނީ ކަމަށް އިލިކް ވަނީ ބުނެފަ އެވެ.
"ތެދެއް، ވަރަށް ބޮޑު ތަފާތެއް އެބައޮތް މި ޓީމުތަކާ ލެބަނަންއާ (ރޭންކިންގައި އޮތް ތަފާތު). އެކަމަކު، އަހަރެން ބުނާނީ އޭޝިއާ ފުޓްބޯޅަ މި ދަނީ ކުރިއަށޭ. މިހެން ބާއްވާ މުބާރާތްތަކުގައި ކޮލިޓީ އެބަފެނޭ، ޓީމުތަކުން ހޯދާ ކުރިއެރުން ވެސް އެބަފެނޭ،" ލެބަނަން އަށް ބަންގްލަދޭޝް ކޮޅަށް ފުރަތަމަ ގޯލު ޖެހުނީ 80 ވަނަ މިނިޓްގައި ކަމަށްވާތީ އެ ކަމާ މެދު ދެކެނީ ކިހިނެއްތޯ އެހުމުން އިލިކް ބުންޏެވެ.
މުބާރާތް ކާމިޔާބުކުރަން ފޭވަރިޓަކީ ކޮބައިތޯ އެހުމުން އިލިކް ބުނީ އަދި އެ ވާހަކަ ދައްކަން އަވަސް ކަމަށާއި ގިނަ ކަންތައްތަކެއް މެޗުތަކުގައި ހިނގާނެ ކަމަށެވެ.













