ލަންޑަން (ޖޫން 22) - ޗެލްސީ އަށް ކުޅެމުންދިޔަ ޖަރުމަންގެ މިޑްފީލްޑަރު ކައި ހަވާޓްޒް އާސެނަލް އަށް ވިއްކާލުމަށް އެ ކްލަބުން އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި ޖަރުމަންގެ ގައުމީ ޓީމަށް ކުޅެމުންދާ ހަވާޓްޒް ،23، ގެ ޓްރާންސްފާ ފީގެ ގޮތުގައި އާސެނަލް އިން ޗެލްސީ އަށް 65 މިލިއަން ޕައުންޑް (75 މިލިއަން ޑޮލަރު)ގެ އަގެއް ދޭނެ އެވެ. ޖަރުމަންގެ ބަޔާ ލޭވަކޫސަން އިން ހަވާޓްޒް ޗެލްސީ އަށް 2020 ވަނަ އަހަރު ބަދަލުވީ 71 މިލިއަން ޕައުންޑް (88 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގަ އެވެ.
ހަވާޓްޒްގެ ޓްރާންސްފާ ގުޅޭގޮތުން ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކާ ހަމައަށް އާދެވުމާ އެކު، މިހާރު ކުރިއަށް ދަނީ ހަވާޓްޒްއާ އެކު އާސެނަލް އިން ވާންޖެހޭ އެއްބަސްވުންތަކާއި މެޑިކަލްގެ ކަންތައްތައް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
ޗެލްސީން ހަވާޓްޒް ވިއްކާލަން ނިންމީ އެ ކްލަބުން ދޫކޮށްލަން ބޭނުންވާ ކަމަށް އޭނާ ވެސް ބުނެފައިވަނިކޮށެވެ. ޗެލްސީގައި ތިން އަހަރު ހޭދަކުރި ހަވާޓްޒް އަކީ ޗެލްސީގެ ތާރީހުގައި ހާއްސަ ޖާގައެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. ޗެލްސީން 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލްގައި ހަވާޓްޒް ޖެހި ލަނޑަކުންނެވެ.
ރެއާލް މެޑްރިޑުން 2019 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކްރޮއޭޝިއާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީ އަށް އެ ކްލަބުން ވިއްކާލަން އެއްބަސްވެފައިވަނީ 30 މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު) އަށެވެ.
ކޮވަސިޗް އަކީ ވެސް 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޗެލްސީގެ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. ކޮވަސިޗް، ސިޓީއާ ގުޅުމާ އެކު، ސިޓީގެ ޖަރުމަން މިޑްފީލްޑަރު އިލްކޭ ގުންޑޮގާން ވަނީ ބާސެލޯނާ އަށް ބަދަލުވާން ނިންމައިފަ އެވެ.
މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އާ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތްތައް ޗެލްސީން ކުރަމުންދާއިރު، އެ ކްލަބުން ގިނަ ކުޅުންތެރިންތަކެއް މި ވިއްކާލަނީ ޓްރާންސްފާ ބަޖެޓް އިތުރުކުރުމަށެވެ. އެގޮތުން ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ވެސް ވަނީ ސައުދީ އަލް އިއްތިހާދަށް ދޫކޮށްލައިފަ އެވެ.












