އާސެނަލް ބަލިކޮށްލައި ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކޮށްފި

May 31, 2026, 12:29 AM
ޕީއެސްޖީގެ ކުޅުންތެރިން ޖެހިޖެހިގެން ދެ ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ.

ޕީއެސްޖީގެ ކުޅުންތެރިން ޖެހިޖެހިގެން ދެ ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ.

ބުޑަޕެސްޓް, ހަންގޭރީ (މެއި 31) - ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން އާސެނަލް ބަލިކޮށްލައި، ޕީއެސްޖީން ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާާރާތް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ވަނީ ދިފާއުކޮށްފައި.

އާސެނަލުން މުބާރާތުގެ ފައިނަލަށް ދެ ފަހަރު ދިޔައިރު، ދެ ފަހަރު ވެސް ވަނީ ބަލިވެފަ އެވެ. މީގެ 20 އަހަރު ކުރިން، 2006 ވަނަ އަހަރުގެ ފައިނަލުގައި ވެސް އާސެނަލުން ފުރަތަމަ ލީޑުނެގި ނަމަވެސް ބާސެލޯނާ އަތުން 2-1 އިން ބަލިވީ އެވެ. މިރޭ، ޕީއެސްޖީ ކައިރީގައި ވެސް ލީޑުނެގިއިރު، މެޗު އެއްވަރުވެ، ޕެނަލްޓީގައި ވަނީ ބަލިވެފަ އެވެ. ޕީއެސްޖީން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލުގައި 5-0 އިން އިންޓަ މިލާން ބަލިކޮށްފަ އެވެ. 

ހަންގޭރީގެ ޕުސްކަސް އެރީނާގައި މިރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި އާސެނަލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ޕީއެސްޖީގެ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން ޖަރުމަނުގެ ފޯވާޑް، ކައި ހަވާޓްޒް އެވެ. މިއީ، ހަވާޓްޒްގެ ކެރިއަރުގައި ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ޖެހި ދެ ވަނަ ގޯލެވެ. މީގެ ފަސް އަހަރު ކުރިން ޗެލްސީން މެންޗެސްޓާ ސިޓީ ބަލިކޮށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލަނޑު ޖެހީ ހަވާޓްޒް އެވެ. 

Advertisement
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ހަވާޓްޒް އުފާފާޅުކުރަނީ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ހަވާޓްޒް އުފާފާޅުކުރަނީ.

ލީޑު ލިބުމާ އެކު، އާސެނަލުން ފަހަތަށް ޖެހިގެން ރަނގަޅަށް ޑިފެންސް ކުރަމުންދިޔަ އެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ޓެސްޓްކޮށްލެވޭ ވަރުގެ ރަނގަޅު ހަމަލާއެއް ފޮނުވާނުލެވުނެވެ. އެކަމަކު، ދެ ވަނަ ހާފު ފަށައިގެން ޕީއެސްޖީން ލިބޭ ފުރުސަތުތަކުގައި ކުރިއަށް ބޯޅަ ހިފައިގެން ގޮސް އާސެނަލަށް ނުރައްކާ ކުރަން ފެށި އެވެ. 

ޕީއެސްޖީން އެއްވަރުކުރީ 65 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އޮސްމާން ޑެމްބެލޭ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ ދޭން ނިންމީ އާސެނަލްގެ ޑިފެންޑަރު، ކްރިސްޓިއަން މޮސްކޭރާ، އެ ޓީމުގެ އޭރިއާތެރެއިން ޕީއެސްޖީގެ ކްވިޗާ ކްވަރަޝްކޭލިއާ އަށް ކުރި ފައުލަކަށެވެ. ފައުލު ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ބެލުމަށް ފަހު އެވެ. 

މެޗުގެ ފުރިހަަމަ ވަގުތުގެ ތެރޭގައި، މޮޅުވާން ދެ ޓީމުން ވެސް މަސައްކަތްކުރިއިރު، ޕީއެސްޖީގެ މިޑްފީލްޑަރު، ވިޓީނިއާ އޭރިއާ ރޮނގުކައިރިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އާސެނަލުން ވެސް ބަދަލުތަކެއް ގެނެސްގެން އެޓޭކަށް ބޯޅަ ހިފައިގެންދިޔަ ނަމަވެސް މާ ރަނގަޅު އެޓޭކްތަކެއް ކުރެވޭ ގޮތެއްނުވި އެވެ. 

އިތުރު ވަގުުތުގެ ދެ ހާފު ނަތީޖާ ނެރުމަށްޓަކައި ކުޅުނު ނަމަވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، 10 އަހަރު ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލެއް ވަނީ ޕެނަލްޓީ އަށް ގޮސްފަ އެވެ.

ޕީއެސްޖީ އަށް އެއްވަރުކޮށްދިން ޕެނަލްޓީ ޖެހުމަށް ފަހު ޑެމްބެލޭ އުފާފާޅުކުރަނީ
ޕީއެސްޖީ އަށް އެއްވަރުކޮށްދިން ޕެނަލްޓީ ޖެހުމަށް ފަހު ޑެމްބެލޭ އުފާފާޅުކުރަނީ

އެ ގޮތުން، ޕެނަލްޓީގައި، ޕީއެސްޖީގެ ގޮންޒާލޯ ރާމޯސް އާއި ޑެޒެއާ ޑުއޭ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއިރު، އާސެނަލުން ފުރަތަމަ ޕެނަލްޓީ، ވިކްޓަ ޔޯކެރޭޝް ވައްދާލި ނަމަވެސް ދެ ވަނަ އަށް ޕެނަލްޓީ ފޮނުވާލި އެބެރޭޗީ އެޒޭ ޖެހި ޕެނަލްޓީ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އެކަމަކު، ޖެހިގެން އައި ޕެނަލްޓީ ޕީއެސްޖީގެ ނޫނޯ މެންޑޭސް، ފޮނުވާލިއިރު، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ އެ ޕެނަލްޓީ ހުއްޓުވައިފަ އެވެ. އޭގެ ފަހުން، އާސެނަލްގެ ޑެކްލަން ރައިސް އާއި ގަބްރިއެލް މާޓިނެލީ ޕެނަލްޓީތައް ކާމިޔާބުކުރި އެވެ. އަދި، ޕީއެސްޖީން އަޝްރަފް ހަކީމީ އާއި ލޫކަސް ބެރާލްޑޯ ޕެނަލްޓީ ވައްދާލިއިރު، އާސެނަލްގެ ފަސް ވަނަ ޕެނަލްޓީ ފޮނުވާލި ގަބްރިއެލް މަގާޅައެސް އަށް ގޯލާ ސީދާކޮށް ބޯޅަ ފޮނުވާނުލެވި، އެ ޓީމު މެޗުން ބަލިވީ އެވެ. 

މިއާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 22 އަހަރު ފަހުން މި ސީޒަނުގައި ހޯދި އާސެނަލުން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގެއް ހޯދަން ކުރާ އިންތިޒާރު ދިގުލީ އެވެ. މި ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި އާސެނަލް މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުން ކެޓީ ސެމީ ފައިނަލުގައި ޕީއެސްޖީ އަތުން ބަލިވެގެންނެވެ. އާސެނަލަކީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗު ކުޅެ އެ މުބާރާތް ކާމިޔާބު ނުވެ އޮތް ހަމައެކަނި ޓީމެވެ. މިއީ، ޗެމްޕިއަންސް ލީގުގައި އާސެނަލްގެ 226 ވަނަ މެޗެވެ. 

ޕީއެސްޖީ އަކީ ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރި ނުވަ ވަނަ ޓީމެވެ. މީގެ ކުރިން، އެކަން ހާސިލްކުރި ޓީމުތަކަކީ، ރެއާލް މެޑްރިޑް ދެ ފަހަރަށާއި ލިވަޕޫލް، އޭސީ މިލާން، ބަޔާން މިއުނިކް، އިންޓަ މިލާން، ބެންފީކާ، އަޔަކްސް އަދި ނޮޓިންހަމް ފޮރެސްޓް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox