އަންކާރާ، ތުރުކީ (ޖޫން 10) - ތުރުކީގައި ރޮކެޓާއި ގޮވާ ތަކެތި އުފައްދާ ފެކްޓްރީއެއްގެ ތެރޭގައި ހިނގި ގޮވުމެއްގައި ފަސް މީހުން މަރުވެއްޖެ އެވެ.
އެ ގޮވުމާ އެކު ފެކްޓްރީ ގާއިމްކޮށްފައި ހުރި އިމާރާތް ބިމާ ހަމަވި އެވެ. މަރުވި ފަސް މީހުންނަކީ އިމާރާތުގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ.
ވެރިރަށް އަންކާރާ ކައިރީގައި ހުންނަ ދައުލަތުގެ މެކޭނިކަލް އެންޑް ކެމިކަލް އިންޑަސްޓްރީ ކޯޕޮރޭޝަން ފެކްޓްރީގައި އެ ހާދިސާ ހިނގީ ހޮނިހިރު ދުވަހު ހެނދުނު އެވެ.
އޮފިޝަލުން ބުނީ އެ ހާދިސާ ހިނގީ ޑައިނަމައިޓް އުފެއްދުމުގެ ތެރޭގައި ހިނގި ކެމިކަލް ރިއެކްޝަނެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ހާދިސާ ހިނގި ގޮތް ޔަގީންކޮށް ދެނެގަންނަން ތަހުގީގެއް ވަނީ ފަށައިފަ އެވެ.
ގޮވުމުގެ ބާރުގަދަކަމުން ކައިރި ހިސާބުތަކުގައި ހުރި އެހެން އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބިއްލޫރިތައް ވެސް ތަޅައިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.










