އިސްތަންބޫލް، ތުރުކީ (މޭ 27) - ތުރުކީގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓާ ދިމާކޮށް މި ހަފުތާ ބަންދުގައި ރައްޔިތުންނަށް ފޮނުވި ޓެކްސްޓް މެސެޖެއް ބްލޮކްކުރި ކަމަށް އިދިކޮޅު ލީޑަަރު ކެމާލް ކިލިޗްދަރޯލޫ ތުހުމަތު ކުރައްވައިފި އެވެ.
އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް ތައްޔިބް އުރުދުގާން އާއި ކިލިޗްދަރޯލޫ އެވެ.
ހުކުރު ދުވަހހު ކިލިޗްދަރޯލޫ ތުހުމަތު ކުރެއްވި ގޮތުގައި ރައްޔިތުންނަށް ފޮނުވި ޓެކްސްޓް މެސެޖެއް އިދާރާތަކުން ބްލޮކް ކުރީ އުރުދުގާންގެ އެންގެވުމަށް ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުންނެވެ.
ކިލިޗްދަރޯލޫގެ ކެމްޕެއިން ޓީމުން ބުނީ ހުކުރު ދުވަހުގެ ރޭ އެމަނިކުފާނުގެ ޓީވީ އިންޓަވިއުއެއް އޮންނާނެކަން އަންގާ ރައްޔިތުންނަށް ޓެކްސްޓް މެސެޖް ފޮނުވި ކަމަށެވެ. އެކަމަކު އެ މެސެޖު އެއްވެސް ބަޔަކަށް ނުލިބޭ ކަމަށް އެ ޓީމުން ބުންޏެވެ.
އެ ޓީމުގެ ތުހުމަތާ ގުޅޭ ގޮތުން ތުރުކީގެ އިދާރާތަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުން އުރުދުގާންއަށް ލިބުނީ 49 ޕަސެންޓު ވޯޓެވެ. ގާނޫނު އޮންނަ ގޮތުން އިންތިހާބު ކާމިޔާބު ވާނީ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިގެންނެވެ. އެހެންވެ، ދެ ވަނަ ބުރު ކުރިއަށް ދަނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގަ އެވެ.
އާދީއްތަ ދުވަހު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނަ އިރު، އުރުދުގާންއަށް ކާމިޔާބު ލިބޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވެ އެވެ. އެއީ ފުރަތަމަ ބުރުގައި ތިން ވަނައަށް ދިޔަ ކެންޑިޑޭޓުގެ ތާއީދު ވެސް އުރުދުގާންއަށް ލިބިވަޑައިގެންފައި ވާތީ އެވެ.










