ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުތައް ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ، ގެލެކްޓިކޯސް އަދި އާރްޖީބީ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ފެށި މުބާރާތުގައި މިހާތަނަށް ކޮންމެ ގްރޫޕެއްގެވެސް އެއް މެޗު ވަނީ ކުޅެފަ އެވެ. އިއްޔެ ކުޅުނީ އަންހެން ޑިވިޝަންގެ ދެ މެޗަކާއި ފިރިހެން ޑިވިޝަންގެ މެޗެކެވެ.
ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގައި އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި ފިއުޗާ އެކަޑެމީ ވާދަކުރި މެޗު ކާމިޔާބުކުރީ ފިއުޗާ އިންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ފިއުޗާ އިން މި މެޗު ކާމިޔާބުކުރީ 44-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފިއުޗާގެ އަހުމަދު ސައިފް ނައީމް އެވެ.
އައިލެންޑާސް ހޯޕުން ވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗުގައި ފިއޮންތީ ސްޕޯޓްސް ކުލަބު އަތުން މޮޅުވެފަ އެވެ.
އަންހެން ޑިވިޝަންގައި އިއްޔެ ހަވީރު ކުޅުނު މެޗު ކާމިޔާބުކުރީ އާރްޖީބީ ސްޕޯޓްސް އެކަޑެމީ އެވެ. ޒެފްރޯލް އާ ދެކޮޅަށް ކުޅުނު ފޯރިގަދަ އަދި ވާދަވެރި މެޗު އާރްޖީބީ ކާމިޔާބުކުރީ 16-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާރްޖީބީގެ އައިޝަތު ވިރާޝާ އެވެ.
އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ ގެލެކްޓިކޯސް ސްޕޯޓްސް ކުލަބެވެ. ޒެނިތާ ވާދަކޮށް ގެލެކްޓިކޯސް މޮޅުވީ 24-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ގެލެކްޓިކޯސްގެ ހުސްނާ މުހައްމަދު އެވެ.
ޒެނިތު ވަނީ އަންހެން ޑިވިޝަންގެ ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗުގައި ތުޅާދޫ ޔަންގް އީގަަލްސް ސްޕޯޓްސް އަތުންވެސް ބަލިވެފަ އެވެ.
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި މިއަދުވެސް ތިން މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ ފިރިހެން ޑިވިޝަންގެ މެޗުގައި ދިވެހި ސިފައިންގެ ކުލަބު ނިކުންނާނީ ބޮންތި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިރޭ ކުޅޭނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ރެޑްހޯކްސް އާއި ބޮންތި ވާދަކުރާއިރު ފަހު މެޗުގައި އޮރިކްސް ނިކުންނާނީ ޕާލްސްއާ ދެކޮޅަށެވެ.
ހަ ވަނަ ހޭންޑްބޯޅަ މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖޫން ހަތަރެއް، ފަހެއް އަދި ހަތް ވަނަ ދުވަހު އެވެ. ދެ ޑިވިޝަންގެ ވެސް ފައިނަލް އޮންނާނީ ޖޫން ނުވަ ވަނަ ދުވަހު އެވެ.
މިދިޔަ އަހަރު ފިރިހެން ބައިގެ ފައިނަލުގައި ފިއުޗާ ސްޕޯޓްސް އެކަޑެމީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބެވެ. އަންހެން ބައިގެ ފައިނަލުގައި ރެޑް ހޯކްސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ އޮރިކްސް ހޭންޑްބޯޅަ ކުލަބެވެ.












