ދިމިޝްކު، ސީރިއާ (މޭ 3) - ސީރިއާގެ ދާހިލީ ހަނގުރާމަ ފެށިތާ 12 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިރާނުގެ ދައުލަތުގެ ވެރިޔަކު އެ ގައުމަށް ދަތުރު ކުރައްވައިފި އެވެ.
ބުދަ ދުވަހު އިރާނުގެ ރައީސް އިބްރާހިމް ރައިސީ ވަޑައިގެންނެވުމުން ދިމިޝްކު އެއާޕޯޓުގައި ހޫނު މަރުހަބާއެއް ދެންނެވި އެވެ. އެމަނިކުފާނު ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރައްވާނެ އެވެ.
ސީރިއާގެ ދާހިލީ ހަނގުރާމައިގައި އަސަދުގެ ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ގައުމަކީ އިރާނެވެ. ސީރިއާ އާއި އަރަބި އެހެން ގައުމުތަކާ ދެމެދު މަޝްރަހު ރަނގަޅު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ވެސް އިރާނުން ބައިވެރިވެ އެވެ.
ރައިސީއާ އެކު އިރާނުގެ މިނިސްޓަރުންގެ ވަފުދެއް ސީރިއާއަށް ވަޑައިގެންނެވި އެވެ. ދެ ގައުމުގެ މެދުގައި ސިޔާސީ އަދި އިގުތިސާދީ ކަންކަމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ. ސަނާ ނިއުސް އެޖެންސީން ބުނީ މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ވަގުތު ސީރިއާގެ ވެރިރަށް ދިމިޝްކުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އެންމެ ފަހުން ސީރިއާއަަށް ދަތުރު ކުރެއްވި އިރާނުގެ ރައީސަކީ މަހްމޫދު އަހްމަދިއްނިޖާދެވެ. އެމަނިކުފާނު ވަޑައިގެންނެވީ 2010 ގަ އެވެ.










