މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން ބޭންޑް އެ ޓީމުގެ އެއް ވަނަ ޑިފެންޑަރު، ސަމޫހު އަލީ (ސަމުއްޓެ) އަށް ދީފި އެވެ.
ފާއިތުވި އަށް ސީޒަނުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައިވަނީ އަސަދުﷲ އަބްދުﷲ (އަސަކޮ) އެވެ. އަސަކޮ ވަނީ 11 އަހަރަށް ފަހު މާޒިޔާ ދޫކޮށްލައިފަ އެވެ. އަސަދުﷲ އަށް ފަހު މާޒިޔާގެ ކެޕްޓަނެއްގެ ޒިންމާ އުފުލާނީ، އޭނާއާ އެއް ރަށެއް ކަމަށްވާ އދ. މަހިބަދޫ އަށް ނިސްބަތްވާ އިތުބާރު ޑިފެންޑަރު ސަމުއްޓެ، 26، އެވެ.
މާޒިޔާގެ ވައިސް ކެޕްޓަނުންނަކީ، މުހައްމަދު އިރުފާން (އިރޭ)، ހަސަން ޝިފާޒް (ޑުންގާ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މި ތިން ކުޅުންތެރިންނަކީ ވެސް މާޒިޔާ އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ކުޅުންތެރިންނެވެ. އިރޭ، މާޒިޔާ އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. ހަމްޕު މާޒިޔާއާ ގުޅުނީ 2019 ވަނަ އަަހަރު އެވެ. އަދި ޑުންގާ އަންނަނީ 2009 ވަނަ އަހަރުން ފެށިގެން މާޒިޔާ ޓީމަށް ކުޅެމުންނެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުން 2014 ވަނަ އަަރު ފުރަތަމަ ޑިވިޝަނަށް ތައާރަފްވި ސަމުއްޓެ ކްލަބް ލެވަލްގައި ވަރުގަދަ ޑިފެންޑަރެއްގެ ގޮތުގައި ގަވާއިދުން ފެންނަން ފެށީ 2016 ވަނަ އަހަރު މާޒިޔާއާ ގުޅުނު ހިސާބުންނެވެ. ސަމުއްޓެ ވަނީ އެ އަހަރު ގައުމީ ޓީމުން ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ގަތަރާއި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.
މާޒިޔާ އިން ފާއިތުވި އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގައި ސަމުއްޓެ އިސް ރޯލެއް ކުުޅެފައިވެ އެވެ. ސަމުއްޓެ ވަނީ މާޒިޔާގެ ބައެއް މެޗުތަކުގައި ކެޕްޓަން ބޭންޑް އަޅައިގެން ވެސް ކުޅެފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗު، މެލޭޝިއާ އާއި ސިންގަޕޫރު އަދި ޕާކިސްތާންއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ގައުމީ ކެޕްޓަންކަން ވެސް ކުރީ ސަމުއްޓެ އެވެ. ގައުމީ ކެޕްޓަނެއްގެ ގޮތުގައި ހުރި އަކްރަމް އަބްދުލް ގަނީ (އަކޫ) އަންނަނީ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ.
ސަމުއްޓެ އަކީ ރަސްމީކޮށް ގައުމީ ކެޕްޓަންގެ ގޮތުގައި އިއުލާނުކޮށްފައިނުވި ނަމަވެސް ފީފާ ބެސްޓް އެވޯޑްސްގައި ރާއްޖޭގެ ކެޕްޓަނެއްގެ ހައިސިއްޔަތުން ވޯޓު ލާފައިވަނީ ސަމުއްޓެ އެވެ.
ސަމުއްޓެ، ރަސްމީކޮށް މާޒިޔާގެ ކެޕްޓަނެއްގެ ގޮތުގައި ނުކުންނާނެ ފުރަތަަމަ މެޗަކީ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މިރޭ 22:00 ގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗެެވެ.










