Advertisement

މާޒިޔާގެ ކާމިޔާބު ކެޕްޓަން އަސަދުﷲ 11 އަހަރަށް ފަހު ކްލަބާ ދުރަށް

3 މާރިޗު 2023 - 08:58 0

މާޒިޔާ އިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި 2006 އިން ފެށިގެން ވާދަކުރަމުން އަންނައިރު، އެ ޓީމުގެ ކޮންމެ ކާމިޔާބެއްގައި ވެސް އަސަދުﷲގެ ހިއްސާ އެބައޮތް.


މާޒިޔާގެ ކާމިޔާބު ކެޕްޓަން އަސަދުﷲ 11 އަހަރަށް ފަހު ކްލަބާ ދުރަށް

3 މާރިޗު 2023 - 08:58 0

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެންމެ ކާމިޔާބު ކެޕްޓަން، އަސަދުﷲ އަބްދުﷲ (އަސަކޮ)، 11 އަހަރަށް ފަހު އެ ޓީމު ދޫކޮށްލައިފި އެވެ.

ރާއްޖޭގެ މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް އެންމެ ފުރަތަމަ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކޮށް، އާ ކުޅުންތެރިންގެ ސޮއި ހޯދި ޓީމަކީ މާޒިޔާ އެވެ. މާޒިޔާ އިން ކްލަބްގައި ތިބި ކުޅުންތެރިންގެ އެއްބަސްވުން އާ ކުރިކަން އިއުލާނުކުރިއިރު، އެ ކުުޅުންތެރިންގެ ތެރޭގައި އަސަދުﷲ ނުހިމެނެ އެވެ.

އޭގެ އިތުރުން، މާޒިޔާ އިން ޕްރީ ސީޒަން ޕްރެކްޓިސް ފަށައި، އޭގެ ފަހުން، މިހާރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިދިން ފުރުސަތެއްގައި ސައުދީ އަރަބިއްޔާގައި ޕްރީ ސީޒަން ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަމުން އަންނައިރު، އަސަދުﷲ ޓީމުގައި ނެތްކަން ވަނީ ޔަގީންވެފަ އެވެ.

"މާޒިޔާއާ އެކު ދެން މިހާރު ކޮންޓްރެކްޓެއް ނެތް، އެހެންވީމަ، މާޒިޔާ އިން މި ސީޒަނުގައި ފެނުމުގެ ފުރުސަތެއް ނެތޭ ބުނެވޭނީ،" އަސަދު، 32، "އަދަދު" އަށް ބުންޏެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ކުރިއަށް އޮތް ސީޒަނުގައި ފެންނާނެތޯ އެހުމުން، އދ. މަހިބަދޫ އަށް އުފަން، އަސަދުﷲ ބުނީ ކްލަބްތަކަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ފުރަތަމަ ޑިވިޝަން ޓީމަކުން ފެންނާނީ،" މުސްތަގުބަލާ ގުޅޭގޮތުން އަސަދުﷲ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ގިނަ ކްލަބްތަކަކުން އަސަދުﷲގެ ސޮއި ހޯދަން ޝައުގުވެރިވެ އެވެ.

މިދިޔަ ސީޒަނުގައި ލީގުގެ ކުރުމަށް ފަހު އަސަދުﷲ ލީގުގެ ޝީލްޑާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މާޒިޔާ


އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އިން ފާހަގަވި އަސަދުﷲ، ދެން ބަދަލުވީ ކްލަބް ވެލެންސިއާ އަށެވެ. އަސަދުﷲ، މާޒިޔާއާ ގުޅުނީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން، އެ ކްލަބުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ހޯދި ހުރިހާ ކާމިޔާބެއްގައި އަސަދުﷲ ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ.

އަށް ވަރަކަށް އަހަރު މާޒިޔާގެ ކެޕްޓަނެއްގެ ޒިންމާ އަދާކޮށްފައިވާ އަސަދުﷲ، 11 އަހަރު ކޮށްފައި އެ ކްލަބް ދޫކޮށްލިިއިރު، އެއް ޓީމެއްގައި އެންމެ ދިގު މުއްދަތެއް ހޭދަކުރި މަދު ކުޅުންތެރިންގެ ތެރޭގައި އަސަދުﷲ ހިމެނޭނެ އެވެ.

މާޒިޔާ އަށް ފުރަތަމަ ޑިވިޝަނުގައި އެންމެ ގިނަ ގޯލު ޖަހައިދިން އަސަދުﷲ ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ރަން ބޫޓާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ.

އަސަދުﷲ ވަނީ މާޒިޔާއާ އެކު، ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހަތަރު ފަހަރާއި އެފްއޭ ކަޕް ތިން ފަހަރާއި ޕްރެެޒިޑެންޓްސް ކަޕް އެއް ފަހަރުގެ އިތުރުން ޗެރިޓީ ޝީލްޑް ހަތަރު ފަހަރު ހޯދުމުގެ އިތުރުން، މާލޭ ލީގުގެ ޗެމްޕިއަންކަން އެއް ފަަހަރު ހޯދައިފަ އެވެ.

މާޒިޔާގައި އެންމެ ފުރަތަމަ އަސަދުﷲ ކުޅެފައިވަނީ އިސްމާއިލް މަހްފޫޒް (އިންމަ)ގެ ކޯޗުކަމުގަ އެވެ. އަސަދުﷲގެ ކުޅުން އެންމެ ބޮޑަށް ފާހަގަވީ މާޒިޔާގެ ކޯޗުކަމާ 2014 ވަނަ އަހަރު އަލީ ސުޒޭން ހަވާލުވި ފަހުންނެވެ.

އަސަދުﷲގެ ކަކުލަށް 2020 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ މެޗުގެ ތެރެއިން އަނިޔާވެގެން ދަނޑުމަތީގައި.--- ފޮޓޯ: ޝުރާއު


އާދަޔާހިލާފު ރަނގަޅު ފޯމެއްގައި ދެތިން އަހަރު ކުޅުނު އަސަދުﷲ އަށް އެންމެ ފުރަތަމަ މައްސަލަ ދިމާވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު، ވާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ހެދި އެވެ. އެ ފަހަރު ނުވަ މަސް ފަހުން، ކުޅުމަށް އެނބުރި އައިސް 2018 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ތަށި އުފުލާލި ޓީމުގައި ކުޅުނެވެ.

އަސަދުﷲ އަށް އަނެއްކާ ވެސް ކުރިމަތިވީ އަނިޔާގެ މައްސަލަ އެވެ. އެ ގޮތުން 2020 ވަނަ އަހަރުގެ މާޗް މަހުގައި، އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން އަސަދުﷲގެ ކަނާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވެ، އޮޕަރޭޝަނެއް ކުރަން ޖެހުނުއިރު، އަލުން ކުޅުމަށް އެނބުރި އައިސް ފާއިތުވި ދެ އަހަރު މާޒިޔާގެ ގިނަ މެޗުތަކުގައި އަސަދުﷲ ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަސަދުﷲ ވަނީ ގައުމީ ޓީމަށް 45 މެޗުން 11 ލަނޑު ޖަހައިފަ އެވެ.