ނިއު ކަޓުވާލައި މާޒިޔާ ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް

މިރޭގެ މެޗުގައި މާޒިޔާގެ ދެ ގޯލު ޖަހައިދިން އައިހަމް އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މިރޭގެ މެޗުގައި މާޒިޔާގެ ދެ ގޯލު ޖަހައިދިން އައިހަމް އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 6-5 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޕްރެޒިޑެންޓްސް ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވި މި މެޗުގައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ އިން ޕެނަލްޓީގައި މޮޅުވީ 6-5 އިންނެެވެ.

އެންމެ ފަހުން، ނިއު އާއި މާޒިޔާ، މިރޭގެ މެޗުގެ ކުރިން، ޕްރެޒިޑެންޓްސް ކަޕްގައި ބައްދަލުކޮށްފައިވަނީ، މީގެ 10 އަހަރާއި ހަތަރު މަސް އަދި 16 ދުވަސް ކުރިން، 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގަ އެވެ. އެ ދުވަހު، އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި، ކުޅުނު ފައިނަލުގައި މާޒިޔާ އިން 3-1 އިން ނިއު ބަލިކޮށް ތަށި ހޯދިއިރު، އެ ދުވަހު މާޒިޔާ އަށް ގައުމީ ތަށި ފުރަތަމަ ފަހަރަށް ހޯދައިދިން ކޯޗު، އަލީ ސުޒޭން މިރޭ ހުންނާނީ ނިއުގެ ކޯޗަކަށެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ނިއުގެ ހާފުގައި ބޯޅަ ހިފަހައްޓައިގެން މާޒިޔާ އިން ކުޅެން ފެށި އެވެ. މެޗުގެ ފުރަަތަމަ ހަމަލާ މާޒިޔާ އިން ފޮނުވާލިއިރު، އޭރިއާތެރެއިން، އައިޝަމް އިބްރާހިމް ޖެހި ބޯޅަ ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. ނިއުގެ ނައިޖީރިއާ ފޯވާޑް، އަލް ހާޖީ ގޭރޯ، ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ބޮލުން ޖެހި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.

މާޒިޔާ އިން ލީޑުނެގީ 27 ވަނަ މިނިޓްގައި އަހުމަދު އައިހަމް (ފަތޯ) ޖެހި މޮޅު ގޯލަކުންނެވެ. މިއީ، ނިއުގެ އޭރިއާތެރެއިން، މާޒިޔާގެ ނާއިޒު ހަސަން (ދާދު) ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު، ދިން ބޯޅައަކުން، މުހައްމަދު އިލާން ތަނަވަސްކޮށްދިން ފުރުސަތެއްގައި، އައިހަމް ޖެހި ގޯލެކެވެ. ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، އައިހަމް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.

މެޗުގެ 40 ވަނަ މިނިޓްގައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ދެ ވަނަ ލަނޑު ޖެހީ ވެސް އައިހަމް އެވެ. މިއީ، ހަސަން ނަޒީމް (ޗޯޓު) ފޮނުވާލި ބޯޅައެއް އޭރިއާތެރޭގައި ހުސްކޮށް ހުރެފައި، ކޮންޓްރޯލް ކުރުމަށް ފަހު، އައިހަމް ޖެހި ލަނޑެކެވެ.

ނިއު އަށް މި މެޗުގައި ލަނޑު ޖަހައިދިން ދަގަނޑޭ (ވ) އާއި ގޭރޯ އުފާފާޅުކުރަނީ.

މާޒިޔާ އިން ފުރަތަމަ ހާފު ދެ ގޯލުގެ ލީޑެއްގައި ނިންމާލުމާ އެކު، ދެ ވަނަ ހާފަށް ނިއު އިން ނުކުތީ، ހަސަން ރާއިފް އަހުމަދު (ހަންނަ)ގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ކުޅެން އަރުވައިގެންނެވެ. ނިއު އިން ދެ ވަނަ ހާފު ފަށައިގެން 15 ސިކުންތު ތެރޭގައި، ފުރަތަމަ އެޓޭކުކުރިއިރު، ފަސް މިނިޓް ތެރޭ ލަނޑެއް ޖެހި އެވެ. އޭރިއާ ރޮނގުކައިިރިން ގޭރޯ ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް އަތްދަށުން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ނިއު އިން އޭގެ ފަހުން ބަދަލަކަށް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އެރުވިއިރު، މާޒިޔާ އިން ވަނީ ހަމްޒާ މުހައްމަދު (ހަމްޕު) ކުޅެން އަރުވައިފަ އެވެ.

މެޗުގެ 63 ވަނަ މިނިޓްގައި، މާޒިޔާގެ އޭރިއާތެރެއިން ނިއުގެ ސެންޓޭ ފޮނުވާލި ބޯޅައެއް ކީޕަރު ހުސެއިން ވަނީ މަތަކޮށްފަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން، ދަގަނޑޭ އަށް މާޒިޔާ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ނިއު އިން ނަތީޖާ ހަމަހަމަކުރި އެވެ.

ކައުންޓަ އެޓޭކުގައި ނިއުގެ ދަގަނޑޭ އަށް އޭރިއާތެރެއިން ސެންޓޭ ދިން ބޯޅަ ތަންކޮޅެއް ބާރުވުމުން ކީޕަރު ހުސެއިން ވަނީ އެ ބޯޅަ އަތަށް ނަގައިފަ އެވެ. އަދި، މެޗުގެ 89 ވަނަ މިނިޓްގައި، މާޒިޔާގެ ހަމްޕު އޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަަތަކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ނިއުގެ ފުރަތަމަ ޕެނަލްޓީ ގޭރޯ ވަނީ ކާމިޔާބުކޮށްފަ އެެވެ. މާޒިޔާ އިން ހަމްޕު ވެސް ވަނީ އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ވައްދާލައިފަ އެވެ. ނިއު އިން ދެ ވަަނަ ޕެނަލްޓީ ސިއެރަ ލިއޯންގެ މިޑްފީލްޑަރު، ޔާޔާ ބިލިޓީ، ފޮނުވާލިއިރު، ކީޕަރު ހުސެއިން ވަނީ މަތަކޮށްފަ އެވެ. ޕެނަލްޓީގައި މާޒިޔާ އަށް ލީޑުނަގައިދޭން އަޒަރުބައިޖާންގެ ޑިފެންޑަރު، ނާޒިމް މަމަދްޒާދާ ވަނީ ދެ ވަނަ ޕެނަލްޓީ ވައްދާލައިފަ އެވެ. ނިއުގެ ތިން ވަނަ ޕެނަލްޓީ، ސެންޓޭ ވަނީ ކާމިޔާބުކޮށްފަ އެވެ.

މާޒިޔާގެ ތިން ވަނަ ޕެނަލްޓީ އައިސަމް އަތުން ވަނީ ބޭކާރުވިއިރު، ނިއުގެ ހަތަރު ވަނަ ޕެނަލްޓީ ދަގަނޑޭ ފޮނުވާލި ބޯޅަ ކީޕަރު ހުސެއިން ވަނީ މަތަކޮށްފަ އެވެ. އެއާ އެކު، ޕެނަލްޓީގައި މާޒިޔާ އަށް އިތުބާރު ބޮޑުކޮށްދޭން މާޒިޔާގެ ހަތަރު ވަނަ ޕެނަލްޓީ އައިހަމް ވަނީ ގޯލަށް ވައްދާލައިފަ އެވެ. ނިއުގެ ފަސް ވަނަ ޕެނަލްޓީ އަހުމަދު ހުސާމް (ހުސާންކޮ) ވަނީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު، މާޒިޔާގެ ފަސް ވަނަ ޕެނަލްޓީ ރެެގެން އޮބެން ކާމިޔާބުކުރުމާ އެކު، އެ ޓީމު މެޗުން މޮޅުވީ އެވެ.

މެއި މަހު، ލީގު ކަޕްގައި މާޒިޔާ އިން 5-1 އިން ނިއު ބަލިކުރި އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި، 2-1 އިން ނިއު އަތުން ފަހަތުން އަރައި މާޒިޔާ އިން މޮޅުވި އެވެ. އެކަމަކު، ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި ދަގަނޑޭ ޖެހި ޕެނަލްޓީން ނިއު އިން 2-2 އިން މާޒިޔާއާ އެއްވަރުކުރި އެވެ. އަދި، މިރޭ ވެސް ނިއު އިން ފަހަތުން އަރައި އެއްވަރުކޮށްފައިވަނިކޮށް މާޒިޔާ އިން މޮޅުވީ އެވެ.

އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި، މާޒިޔާ އިން ކުޅޭނީ ދެ ވަނަ ސެމީ ފައިނަލުގައި މާދަމާރޭ އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox