މާޒިޔާ ބަލިކޮށް އޮޑިން ތާރީހީ ޕްރެޒިޑެންޓްސް ކަޕްގެ ތަށި އުފުލާލައިފި

Feb 24, 2026, 7:19 PM
މާޒިޔާ ބަލިކޮށް އޮޑިން ތާރީހީ ޕްރެޒިޑެންޓްސް ކަޕްގެ ތަށި އުފުލާލައިފި

ޕެނަލްޓީގައި 6-5 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިރޭގެ މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓި ޖަހާށެވެ. މިއީ، 2012 ވަނަ އަހަރަށް ފަހު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލެއް ޕެނަލްޓީ އަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ ފަަހަރުގެ ފައިނަލުގައި، ޕެނަލްޓީގައި ވިކްޓަރީ އަތުން މޮޅުވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. މި ފަަހަރުގެ ޕްރެޒިޑެންޓްސް ކަޕް ސެމީގައި ޕެނަލްޓީ އަށް ގޮސްގެން މާޒިޔާ އިން ވަނީ ނިއު ބަލިކޮށްފަ އެވެ. އެކަމަކު، މިރޭގެ ފައިނަލުގައި، 5-4 އިން ޕެނަލްޓީގައި މާޒިޔާ ބަލިކޮށް އޮޑިން ޗެމްޕިއަންކަން ހޯދީ އެެވެ.

މިއީ، އެންމެ ފުރަތަމަ 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި، މާޒިޔާ އިން މި މުބާރާތުގެ ފައިނަލުގައި ޖެހިޖެހިގެން ކުޅުނު ތިން ވަނަ ފަހަރެވެ. އަނެއްކޮޅުން، އޮޑިން އެ ކްލަބުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ ސީޒަނުގައި މި ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ފުރުސަތު ހޯދައި، ޗެމްޕިއަންކަން ވެސް ހާސިލްކޮށް ތާރީހީ ކާމިޔާބެއް ހޯދައިފަ އެވެ.

މާޒިޔާ އިން 2021 ވަނަ އަހަރު ރ. އަލިފުށީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލުން ވަނީ 2-1 އިން ކްލަބް ވެލެންސިއާ އަތުން ބަލިވެފަ އެވެ. އެކަމަކު، 2023 ވަނަ އަހަރު ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި 2-0 އިން ކްލަބް އީގަލްސް ބަލިކޮށް ތަށި އުފުލާލި އެވެ. އެކަމަކު، މިރޭގެ ފައިނަލުގައި އޮޑި ކައިރިން ކުރި ނުހޯދުނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލު ފަށައިގެން ހަތަރު ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުނެގި އެވެ. މިއީ، މާޒިޔާގެ ފުލްބެކް، ހުސެއިން ސިފާއު (ކުރޯ) މަތިން ނަގައިދިން ބޯޅައަކަށް އޮޑި އޭރިއާތެރެއިން އަރައި، އެއް ފަހަރުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން ނާއިޒު ހަސަން (ދާދު) ޖެހި ގޯލެކެވެ.

މާޒިޔާ އަށް ލީޑުގައި އޮވެވުނީ 10 މިނިޓެވެ. އޮޑިން ވަނީ މާޒިޔާގެ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ނަތީޖާ ހަަމަހަމަކޮށްފަ އެވެ. އެ ގޮތުން، އޮޑީގެ އިނގިރޭސި ފޯވާޑް، ކިއާނޫ މާޝް-ބްރައުން އަށް ލިބުނު ބޯޅައެއް ފޮނުވާލިއިރު، ގޯލަށް ވަނީ މާޒިޔާ ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.

ދެ ވަނަ ފަހަރަށް މާޒިޔާ އަށް ލީޑުނަގައިދޭން އޭރިއާތެރެއިން ދާދު އަށް ލިބުނު ފުރުސަތުގައި ރަނގަޅަށް ފޮނުވާނުލެވުނުއިރު، އޮޑީގެ ބްރައުން އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ޝޮޓް މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް ވަނީ މަތަކޮށްފަ އެވެ.

އޮޑިން ވަނީ ދެ ވަނަ ހާފު ފެށިގެން އެ ޓީމުގެ އެޓޭކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، ދެ ވަނަ ހާފުގެ ފުރަތަމަ 10 މިނިޓް ތެރޭ ލިބުނު ދެ އެޓޭކުގައި އޮޑީގެ ބިދޭސީ ދެ ޑިފެންޑަރުން ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، 50 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން އޮޑީގެ އަހުމަދު އައިހަމް (އައިހު) ހުރަސްކޮށްލި ބޯޅައަކަށް އަރައި، ނައިޖީރިއާގެ ޑިފެންޑަރު، އަޓަންޑާ އޮގުންބޭ ބޮލުން ފޮނުވާލި ބޯޅަ ނުރައްކާކޮށްދިޔައިރު، އެ ޓީމުގެ މިސްރު ޑިފެންޑަރު، އިސްލާމް ފެކްރީ ބޮލުން ޖެހި ބޯޅަ ކީޕަރު ހުސެއިން ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން، އޮޑީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބޮލުން ޖެހި ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެ އެެވެ.

މާޒިޔާގެ ގާނާ މިޑްފީލްޑަރު، ރެގޭން އޮބެން އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ބޭރަށް ދިޔައިރު، ދާދު އަށް ލިބުނު ބޯޅައެއް އަވަހަށް ގޯލަށް ފޮނުވާލަން މަސައްކަތްކުރިއިރު، ދިޔައީ ގޯލާ ސީދާނުވެ އެވެ.

މެޗުގެ 82 ވަނަ މިނިޓްގައި އޮޑީގެ އިއްބެ ނެގި ހުރަހެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މާޒިޔާގެ ކީޕަރު ހުސެއިން އަތުގައި ޖެހިފައި، އޮޑީގެ އަހުމަދު ބައްސާމް (ބައްކު) ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. އޭގެ ފަހުން ވެސް ދެ ޓީމަށް ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވެ، ނަތީޖާ ނެރެން ޕެނަލްޓީ އަށް ދާން ޖެހުނީ އެވެ.

ޕެނަލްޓީގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ކާމިޔާބުކޮށްފަ އެވެ. އޮޑީގެ ފުރަތަމަ ޕެނަލްޓީ ހަންގޭރީގެ މިޑްފީލްޑަރު ބާނަބާސް ވެސް ކާމިޔާބުކުރި އެވެ. މާޒިޔާގެ ދެ ވަނަ ޕެނަލްޓީ އަޒަރުބައިޖާންގެ ނާޒިމް މަމަދްޒާދާ ފޮނުވާލިއިރު، އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް)، އެ ބޯޅަ މަތަކުރީ ކުރިއަށް ނުކުމެ ކަމަށްވާތީވެ، އަލުން ޖަހަން ދިނެވެ. ދެ ވަނަ ފަހަރުން ލިބުނު ފުރުސަތުގައި އޭނާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. އޮޑީގެ ދެ ވަނަ ޕެނަލްޓީ އިއްބެ ފޮނުވާލިިއިރު، ކީޕަރު ހުސެއިން ވަނީ މަތަކޮށްފަ އެވެ. ޕެނަލްޓީގައި މާޒިޔާގެ ތިން ވަނަ ޕެނަލްޓީ މުހައްމަދު އިލާން ވަނީ ގޯލަށް ވައްދާލައިފަ އެވެ.

އޮޑީގެ ތިން ވަނަ ޕެނަލްޓީ މުހައްމަދު ރަޝީދު (ހޮކޭ) ފޮނުވާލުމުން ހުސެއިން އެ ބޯޅަ މަތަކުރީ ކުރިއަށް ނުކުމެ ހުރެ އެވެ. އެހެންވެ، ދެ ވަަނަ ފަހަރަށް ފޮނުވާލަން ދިނުމުން ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މާޒިޔާގެ ހަތަރު ވަނަ ޕެނަލްޓީ އައިސަމް ފޮނުވާލި ބޯޅަ ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ. އޮޑީގެ ހަތަރު ވަނަ ޕެނަލްޓީ ކިއާނޫ ވަނީ ކާމިޔާބުކޮށްފަ އެވެ. މާޒިޔާގެ ފަސް ވަނަ ޕެނަލްޓީ އަހުމަދު އައިހަމް ފޮނުވާލިއިރު، އެ ބޯޅަ ހުއްޓުވައި، ކީޕަރު ޝަފީއު އޮޑި އަށް އިތުބާރު ހޯދައިދިނެވެ. އޮޑީގެ ފަސް ވަނަ ޕެނަލްޓީ، އިސްލާމް ފޮނުވާލިިއިރު ގޯލަށް ވައްދާލައި އޮޑި އަށް އެއްވަރުކޮށްދިނެވެ.

މާޒިޔާ ހަ ވަނަ ޕެނަލްޓީ އޮބެން ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ. އޮޑީގެ ހަ ވަނަ ޕެނަލްޓީ އަޓަންޑާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. މާޒިޔާގެ ހަތް ވަނަ ޕެނަލްޓީ ކުރޯ އަތުން ބޭކާރުވިއިރު، އޮޑީގެ ހަތް ވަނަ ޕެނަލްޓީ އައިހު ކީޕަރު ހުސެއިން އަތުގައި ޖައްސާފައި ގޯލަށް ވައްދާލައި އެ ޓީމަށް ޗެމްޕިއަންކަން ހޯދައިިދިނެވެ.

މިއީ މި ސީޒަނުގައި މާޒިޔާ ބަލިވި ފުރަތަމަ މެޗެވެ. މި ސީޒަން ފެށުމުގެ ކުރިން ކުޅުނު އެފްއޭއެމް ލީގު ކަޕް ފައިނަލުގައި މާޒިޔާ އިން އޮޑި ބަލިކުރިއިރު، ދިވެހި ޕްރިމިއާ ލީގުގައި މި ދެ ޓީމު .ކުޅުނު ދެ މެޗުން ވެސް މާޒިޔާ މޮޅުވި އެވެ. އެކަމަކު، މިރޭގެ ފައިނަލުގައި އޮޑިން ހުރިހާ ގޮތަކުން ވެސް ހިތްވަރުގަދަ ކުޅުމެއް ދައްކައި، ގައުމީ މުބާރާތުގެ ޗެމްޕިއަންކަން، ފުރަތަމަ ޑިވިޝަނުގެ އަލަތު ސީޒަނުގައި ހާސިލްކުރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox