ދިވެހިރާއްޖޭގައި ފުލުހުންގެ ހިދުމަތް ފެށިތާ 90 އަހަރު ފުރުމުގެ މުނާސަބަތުގައި ފުލުހުންގެ މައި މަރުކަޒު, ޝަހީދު ހުސެއިން އާދަމް އިމާރާތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފި އެވެ.
ރޭ 12:00 ގައި ބޭއްވި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެލެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މިނިސްޓަރުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޑެޕިއުޓީ ކޮމިޝަނަރުން އަދި ފުލުހުންގެ އިސް ވެރިންގެ އިތުރުން ފުލުހުންގެ ގިނަ އޮފިސަރުންނާއި އެ އިދާރާގެ އާންމު މުވައްޒަފުން ބައިވެރިވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ފުލުހުންގެ އަޒުމް ކިޔުމާއި އަހަރީ ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ވަނީ ކޮށްފަ އެވެ.
ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސިޓީތަކާއި ރަށްރަށުގައި ގާއިމުކޮށްފައިހުރި ފުލުހުންގެ މަރުކަޒުތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ރޭ ކުރިއަށް ގެންގޮސްފައިވެ އެވެ.
ފުލުހުންގެ ތާރީހު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލުހުންގެ ހިދުމަތެއް އުފެދިގެންދިޔައީ 1933 ގައި ރާއްޖޭގައި އޭރު ހުންނެވި ރަސްކަލުން ސުލްތާން މުހައްމަދު ޝަމްސުއްދީން ތިން ވަނަ، ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ. އެ ގާނޫނު އަސާސީގެ ތެރޭގައި އެކުލެވުނު ފުލުހުންނާ ބެހޭ ގާނޫނުން ބާރު ލިބިގެންނެވެ.

އެއާއެކު މާލޭގެ ހަތަރު އަވަށުން ބަޔަކު ހޮވާލެވިގެން ރާއްޖޭގެ ފުރަތަމަ ފުލުހުންގެ ފައުޖު އެކުލަވާލި އެވެ. އެ ފައުޖުގައި ހިމެނުނީ ޖުމްލަ 120 ފުލުސް އޮފިސަރުންނެވެ. އަދި 1933 ގައި ފުލުހުން ޔުނީފޯމުގެ ގޮތުގައި ބޭނުންކޮށް އުޅުނީ ހުދުލިބާހާއި މުންޑެވެ. ލިބާހުގެ އަތުކުރީ ފޮތިގަނޑާއި ގިރުވާނު ހުންނަނީ ރަތް ކުލައިންނެވެ. ބޮލުގައި ކަޅު ތާކިހަލެކެވެ. އުނަގަނޑުގައި ކަމަރެއް އަޅާފައި އޮވެއެވެ.
އެއަށްފަހު 2004 އާއި ހަމައަށް ފުލުހުންނާއި ސިފައިން މަސައްކަތްކުރަމުންދިޔައީ އެއް ފުރާޅެއްގެ ދަށުގަ އެވެ. ނަމަވެސް 2004 ގައި ފުލުހުންނަކީ މަދަނީ ބައެއްކަން ނިންމާ މިހާރު އެ ފެންނަ ނޫ ކުލަ ފުލުހުންގެ ރަސްމީ ކުލަޔަށް ބަދަލުވެގެންދިޔަ އެވެ.













