ޚަލީފާ ޢުމަރު އައްޔަންކުރެވުނު ގޮތް؛ ސިޔާސީ އެތައް ފިލާވަޅެއް

ޚަލީފާ ޢުމަރު އައްޔަންކުރެވުނު ގޮތް؛ ސިޔާސީ އެތައް ފިލާވަޅެއް

އިންތިހާބުގެ ވާހަކަ ބާރަށް ދެކެވޭ މިދުވަސްވަރުގައި، އިސްލާމީ ތާރީހުގައި އަހަރެމެންގެ އިސްވެދިޔަ އެންމެ ހެޔޮ ޖީލުގެ މީހުން އެބައިމީހުންގެ ވެރިންނަށް ބޭބޭކަލުން އައްޔަންކުރި ގޮތާއި، ވެރިންގެ ގޮތުގައި މުސްލިމުން ވަކި ވަކި ބޭބޭކަލުން ބަލައިގަންނަމުންދިޔަ ގޮތް، އޭގެ ތާރީހާއި މާޒީ، އެބޭކަލުން ކަންކުރެއްވި ގޮތާއި އަމަލުކުރި މަންހަޖާއި އޭގެ ތަފުސީލުތައް ދެނެގަތުމަކީ، މުހިންމުކަމެއްކަމުގައި ފެނެއެވެ. އެހެނީ އެއީ އަހަރެމެން އެބަޔަކު ނަމޫނާކަމުގައި ދުށުން އެންމެ އައުލާވެގެންވާ މުސްލިމުންގެ އެންމެ މާތް ޖީލެވެ.

މުސްލިމުންގެ ފުރަތަމަ ޚަލީފާއެއްގެ ގޮތުގައި، އަބޫބަކުރުގެފާނު އައްޔަންކުރެވި، ފަހުން ގިނަ މުސްލިމުން އިތުރު އެކަލޭގެފާނަށް ބައިއަތުހިފި ގޮތުގެ ތަފުސީލުތައް މީގެ ކުރީ ހަފުތާތަކުގައި ބަޔާންކޮށްލާފައިވާނެއެވެ. (ޚިލާފަތެއްގެ ފެށުން، ބޮޑުންގެ ހައިސިއްޔަތު ނުވަތަ ކަމުވޮށީން، ޚަޒްރަޖް ވަންހައިގެ ޒަޢީމް) މި ލިޔުންތަކުގައެވެ. އަބޫބަކުރުގެފާނު ޚަލީފާކަމަށް އައްޔަންކުރެވުނު ގޮތާއި، ޢުމަރުގެފާނު ޚަލީފާކަމަށް އިސްކުރެވުނު ގޮތުގައި ތަފާތުތަކެއް ހުރިކަމުގައި ފެނެއެވެ. އެއްގޮތް ސިފައަކީ ކަމުވޮށިގެންވާ ބޭބޭކަލުންގެ މަޝްވަރާއާއެކު އެކަން ނިމިފައި އޮތުމެވެ. އެކަމަކު މަޝްވަރާކުރެއްވި ގޮތާއި ކަން ހިނގައިދިޔަ ގޮތުގައި ތަފާތުތަކެއް ހުރީތީ، މިކަހަލަ ހުކުރު ދުވަހެއްގައި، އިސްލާމީ ވަގުތުކޮޅެއް ހޯދާލައި، ފިކުރު ހިންގާލަން މިއީ ވެސް ހަމަ ރަނގަޅު މައުލޫއެކެވެ.

ފުރަތަމަ އެކަން ހިނގައިދިޔަ ގޮތްކަމަށް އިސްލާމީ ތާރީހުގައި ބަޔާންކުރެވޭ މުއުތަބަރު ރިވާޔަތް ވިދާޅުވާށެވެ. ޚަލީފާ އަބޫބަކުރުގެފާނު ހިޖުރައިން ތޭރަވަނަ އަހަރުގައި ޖެހިވަޑައިގަތް އާލާސްކަންފުޅަކުން ބަލިހާލުކޮޅު ބޮޑުވުމުން މީސްތަކުން އެއްކުރައްވާފައި ވިދާޅުވިއެވެ. "އަހަރެންނަށް ޖެހިފައިވާ ބަލިހާލު ތިޔަބައިމީހުންނަށް ފެންނާނެއެވެ. އަދި މިބަލީގައި އަހަރެން މަރުނުވެ ނުދާނޭކަމަކަށް ހީއެއް ނުވެއެވެ. އެހާރުން ތިޔަބައިމީހުން އަހަރެންނަށް (ކިޔަމަންގަތުމަށް) ކޮށްފައިވާ ހުވައިން ތިޔަބައިމީހުންގެ ދޫތައް މިނިވަންވެ، (ބައިއަތު) ގެ ގޮށް މޮހިގެންދާނެއެވެ. އަދި އެކަމުގައި ގޮތެއް ނިންމުން އަލުން ތިޔަބައިމީހުންނަށް އެނބުރި ލިބުނީއެވެ. ފަހެ ދެން ތިޔަބައިމީހުންގެ މައްޗަށް ވެރިއަކުކަމުގައި ތިޔަބައިމީހުން އެދޭ މީހަކު ވެރިކުރާހުށިކަމެވެ. އެކަމަކު ތިޔަބައިމީހުން އެކަންކުރަނީ އަހަރެން ދިރިހުރި ހާލުގައިނަމަ، އަހަރެން މަރުވުމަށްފަހު، އެކަމައިގެން ތިޔަބައިމީހުން ދެބަސްވާން ނުޖެހުމާ ގާތެވެ."

މިގޮތަށް އަބޫބަކުރުގެފާނު ވިދާޅުވީމާ، މުހާޖިރުންނާއި އަންސާރުން، އެކަމުގެ މަޝްވަރާތައް ފައްޓަވައިފިއެވެ. މުހާޖިރުންނަކީ މައްކާއިން ރަސޫލާ އަރިހު މަދީނާއަށް ހިޖުރަކުރެއްވި އިތުރު އެކަލޭގެފާނުގެ އެކުވެރިންނެވެ. އަންސާރުންނަކީ މައްކާއިން ހިޖުރަކުރި މުސްލިމުންނަށް މަރުހަބާ ކިޔައި ނަސްރުދިން މަދީނާގެ އަހުލުވެރިންނެވެ. އިސްލާމީ ވެރިކަން ފެށިގެން އައިއިރު، މުހާޖިރުންނާއި އަންސާރުން ހާއްސަކޮށް އޭގެ ތެރެއިން ކަމުވޮށިވެގެންވާ ބޮޑުން އެއްވުމުން، ކަމުވޮށީން އޮންނާނީ ހަމަވެފައިކަމުގައި ފެނެއެވެ. މިބޭކަލުން އެކިއެކި މަޝްވަރާކުރެއްވުމަށްފަހު، ނިންމެވީ އަލުން ޚަލީފާގެ އަރިހަށް ވަޑައިގެންނެވުމަށެވެ. އެއަށްފަހު އަބޫބަކުރުގެފާނުގެ އަރިހުގައި އެބޭކަލުން އެއްއަޑަކުން ދަންނަވައިފިއެވެ. "އޭ ﷲ ގެ ރަސޫލާގެ ޚަލީފާއެވެ! އަހަރެމެންގެ ވިސްނުމަކީ ކަލޭގެފާނުގެ ވިސްނުންފުޅެވެ." އެހިނދު އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ﷲ އާއި އެކަލާނގެ ދީނާއި އެކަލާނގެ އަޅުތަކުންނަށްޓަކައި ވިސްނުމަށް ތިޔަބައިމީހުން އަހަރެންނަށް ވަގުތުކޮޅެއް ދެއްވާށެވެ!

އަބޫބަކުރުގެފާނު ފުންކޮށް ވިސްނާ ފިކުރު ހިންގެވުމަށްފަހު، މާތް ސަހާބީ ޢަބްދުއްރަޙްމާން ބިން ޢައުފް ގެންނަވާފައި ވިދާޅުވިއެވެ. އުމަރުގެފާނާ ބެހޭގޮތުން ކިޔައިދީބަލާށެވެ! ދެން ޢަބްދުއްރަޙްމާން ބިން ޢައުފް ދެންނެވިއެވެ. އެކަމަކާ ބެހޭގޮތުން ތިމަންނާއަށްވުރެ ކަލޭގެފާނަށް މާރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަކާ ބެހޭގޮތުން މެނުވީ ކަލޭގެފާނު ސުވާލުކުރައްވާކަމުގައި ނުވެއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. އެހެންވިޔަސްވެހެވެ. ދެން ޢަބްދުއްރަޙްމާން ބިން ޢައުފް ވިދާޅުވިއެވެ. ﷲ ގަންދެމެވެ. ކަލޭގެފާނު އެކަލޭގެފާނާމެދު ތިޔަ ހީކުރައްވާވަރަށްވުރެވެސް އެކަލޭގެފާނު ރަނގަޅެވެ.

އެއަށްފަހު ޢުޘްމާންގެފާނާއި އުސައިދު ބިން ޙުޟައިރު، އަދި ސަޢީދު ބުން ޒައިދު ފަދަ އެތައް ބޭބޭކަލުންނަކާ މަޝްވަރާކުރެއްވިއެވެ. މިހުރިހާ ބޭކަލުންވެސް ޢުމަރުގެފާނަކީ އެންމެ އެކަށީގެންވާ ފަރާތްކަމުގައި ވިދާޅުވެ އުމަރުގެފާނަށް ހެޔޮބަސްރައްދުކުރެއްވިއެވެ. އެންމެ ބޭކަލަކު ފިޔަވައެވެ. އެއީ ޠަލްޙާ ބިން ޢުބައިދިﷲ އެވެ. މިޞަޙާބީ އުމަރުގެފާނު ހަލީފާކަމަށް ގެންނެވުމާމެދު ހިތްހަމެނުޖެހުން ފާޅުކުރައްވައި ފާހަގަކުރެއްވި މައިގަނޑު ކަމަކީ އުމަރުގެފާނުގެ ހަރުކަށިކަމެވެ.

މިމަޝްވަރާތަކަށްފަހު އަބޫބަކުރުގެފާނު އަހުދުކަށަވަރެއް ލިޔުއްވި އެވެ. އޭގައިވަނީ "އޯގާވަންތަ އޯގާތެރި ﷲ ގެ އިސްމުފުޅުން ފަށަމެވެ. މިއީ، އަބޫޤަޙާފާގެ ދަރި އަބޫބަކުރު، އޭނާ ދުނިޔެ ދޫކުރަމުން، ދުނިޔޭގެ އެންމެ ފަހުކަމެއްގެ ގޮތުގައި، އަދި އެވަގުތުގައި ކާފަރުންވެސް އީމާންވާ، އަދި ނުލަފާމީހުންވެސް ގަބޫލުކުރާ، ދޮގުކުރާމީހުންވެސް ތެދުކުރާ ވަގުތުކަމަށްވާ، އާޚިރަތާ ކުރިމަތިލަމުން، އެކަމުގެ އެންމެ އިސްކަމެއްގެ ގޮތުގައި، އަހުދުވާ ކަންތަކެވެ. ތިޔަބައިމީހުންގެ މައްޗަށް އަހުރެންނަށްފަހު ވެރިއަކުކަމުގައި ޚައްތާބުގެ ދަރި އުމަރު ކަނޑައަޅައިފީމެވެ. ފަހެ ތިޔަބައިމީހުން އޭނާއަށް އަޑުއަހައި ކިޔަމަންގަންނާށެވެ! ހަމަޔަގީނުން ﷲ އާއި އެކަލާނގެ ރަސޫލާއާއި އެކަލާނގެ ދީނާއި އަހަރެންގެ ނަފުސާއި ތިޔަބައިމީހުންނާމެދު ހެޔޮގޮތް ހޯދައިގަތުމުގައި އަހަރެން ފަރުވާކުޑައެއްނުކުރަމެވެ. ފަހެ އޭނާ އަދުލުވެރިވެއްޖެނަމަ، އެއީ އަހަރެން އޭނާއާމެދު އުންމީދުކުރި އަދި އޭނާ އަހަރެން ދަންނަ ގޮތެވެ. އެކަމަކު އޭނާ ބަދަލުވެއްޖެނަމަ ފަހެ ކޮންމެ މީހަކަށް އެމީހަކު ކުރިކަމެކެވެ. ހެޔޮގޮތްވުން މެނުވީ އަހަރެން ނޭދެމެވެ. ފަހުންވާނެ ގޮތުގެ އިލްމެއް އަހުރެންގެ ނެތެވެ. "ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެމީހުން އެނބުރިދާނީ ކޮން ތަނަކަށްކަން އެނގޭނެއެވެ."-އައްޝުޢަރާއު 223-

އިތުރަށްވެސް މިކަމުގައި މީސްތަކުންނަށް އަރާފާނެ އޮޅުމެއް އޮތަނުދިނުމަށްޓަކައި، އަބޫބަކުރުގެފާނު ސީދާ އެކަލޭގެފާނުގެ ދޫފުޅުން މީސްތަކުންނަށް އިއުލާނުކުރައްވައި ވިދާޅުވި އެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ވެރިއަކުކަމުގައި ހެދި މީހާއާމެދު ތިޔަބައިމީހުން ރުހެމުހެއްޔެވެ؟ ފަހެ ހަމަކަށަވަރުން ﷲ ގަންދެމެވެ. ވިސްނާފިކުރުކޮށް ސީދާމަގު ހޯދައިގަތުމަށް މަސައްކަތްކުރުމުގައި އަހަރެން ފަރުވާކުޑަކޮށްފައިނުވާނެ އެވެ. އަދި އަހަރެން ތިޔަބައިމީހުންގެ މައްޗަށް ވެރިމިކުރަނީ އަހަރެންގެ ތިމާގެ މީހެއް ނޫނެވެ. ތިޔަބައިމީހުންގެ މައްޗަށް އުމަރު ބުނުލްޚައްޠާބް ވެރިކޮށްފީމެވެ. ފަހެ އޭނާއަށް އަޑުއަހައި ކިޔަމަންތެރިވާށެވެ." މީސްތަކުން އެއްއަޑަކުން ދެންނެވިއެވެ. "އަހައިފީމެވެ. ކިޔަމަންވެއްޖައީމެވެ."

އެއަށްފަހު އަބޫބަކުރުގެފާނު މާތް ﷲ އަށް ދުޢާދެންނެވިއެވެ. އަދި ޢުޘްމާންގެފާނަށް އަބޫބަކުރުގެފާނުގެ އަހުދު މީސްތަކުންނަށް އިއްވުން ހަވާލުކުރައްވައި ލިޔެވިފައިވާ އަހުދު މީސްތަކުންނަށް އިއްވަވައިދެއްވިއެވެ. އެތަނަށް އެއްވެ ތިބިހާ ބޭކަލުން އެކަމުގެ މައްޗަށް ރުހުންދެއްވިއެވެ. އެހިސާބުން ކަމުވޮށީގެންގެ އިއްތިފާގުން ކަހަލަ ގޮތަކަށް އުމަރުގެފާނު ޚަލީފާކަމަށް ބައިއަތު ހިފެވި ނިމުނީއެވެ. ޚަލީފާގެ ރަސްމީ ޒިންމާތައް އަދާކުރައްވަން ފެއްޓެވީ އަބޫބަކުރުގެފާނު ދުނިޔެ ދޫކުރެއްވުމަށްފަހުގައިކަމަށްވީނަމަވެހެވެ.

މުޅި ހާދިސާއަށް ބަލާއިރު، ވެރިޔަކު އިޚްތިޔާރުކުރުމުގައި ފިތުނަވެރިކަމާއި ބައިބައިވުން އުފެދުން އެންމެ ކުޑަވާނެ ގޮތަކަށް އެކަން ކުރެއްވުމަށް އަބޫބަކުރުގެފާނު އަހަންމިއްޔަތުކަން ދެއްވި މިންވަރު ވަރަށް ބޮޑަށް ފާހަގަކުރެވޭނެ އެވެ. އޭގެ ސަބަބުތައް މިލިޔުމުގައި އަޅުގަނޑު ހަވާލާދިން އެހެން ލިޔުންތައް ވިދާޅުވުމުން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އަދި ދިވެހި މުޖުތަމައު ކޮންމެ ފަސް އަހަރަކުން އެއްފަހަރު މިއޮއްގެން ފެންނަ މަންޒަރުތަކަށް ބެލުމުންވެސް އޭގެ ސަބަބުތައް ސާފުވާނެ އެވެ.

އަބޫބަކުރުގެފާނުގެ އާލާސްކަންފުޅާއެކު މީސްތަކުން އެއްކުރައްވައި ހަނދުމަކޮށްދެއްވީ ވަރަށް މުހިންމު އަސާސީކަމެކެވެ. ވެރިޔަކު އިޚްތިޔާރުކުރުމަކީ ރައްޔިތުންނަށް އޮތް ކަމެއްކަމެވެ. އެކަން ކުރުމުގެ ފުރިހަމަ ބާރުވެރިކަން އޮންނާނީ ރައްޔިތުންގެ ކިބައިގައިކަމެވެ. އެކަން އަބޫބަކުރުގެފާނު ބަސްފުޅުން ސާފެވެ. "...އެހާރުން ތިޔަބައިމީހުން އަހަރެންނަށް (ކިޔަމަންގަތުމަށް) ކޮށްފައިވާ ހުވައިން ތިޔަބައިމީހުންގެ ދޫތައް މިނިވަންވެ، (ބައިއަތު) ގެ ގޮށް މޮހިގެންދާނެއެވެ. އަދި އެކަމުގައި ގޮތެއް ނިންމުން އަލުން ތިޔަބައިމީހުންނަށް އެނބުރި ލިބުނީއެވެ." އެކަމަކު އެބައިމީހުން މަޝްވަރާކުރުމަށްފަހު އެބައިމީހުންނަށް ގޮތެއް ނިންމަވައިދެއްވުން އެދިގެން އަބޫބަކުރުގެފާނާ އެމައްސަކަތް ހަވާލުކުރެއްވީއެވެ. އަހަރެމެންގެ ވިސްނުމަކީ ކަލޭގެފާނުގެ ވިސްނުންފުޅުކަމުގައި ދަންނަވަމުންނެވެ. އެހިސާބުން ހަގީގަތުގައި އަބޫބަކުރުގެފާނު ބޭނުން ބޭކަލަކު އިހުތިޔާރުކުރެއްވުމުގެ ބާރުވެރިކަން ރައްޔިތުން އެކަލޭގެފާނަށް ދެއްވީއެވެ.

ނަމަވެސް އެކަލޭގެފާނު ދެންވެސް އިހުތިޔާރުކުރެއްވި މަގަކީ އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ބޭކަލަކުގެ ނަންފުޅު އެބައިމީހުންގެ ކުރިފުޅުމައްޗަށް ހުށަހަޅުއްވައިގެން މަޝްވަރާކުރެއްވުމެވެ. އެގޮތުން އުމަރުގެފާނު ވަގުތުން ކަނޑައެޅުއްވުމުގެ ބަދަލުގައި އުމަރުގެފާނާމެދު މަޝްވަރާކުރެއްވުމުން އެބައިމީހުންގެ ހުރިހާ ބޭކަލުން ކަހަލަ ގޮތަކަށް އުމަރުގެފާނާމެދު ވިދާޅުވީ ހެޔޮބަސްފުޅުތަކެވެ. ކަމުވޮށީގެންގެ މަޝްވަރާގެ މަތިވެރި އުސޫލުން ނިންމެވުމުން، އުމަރުގެފާނަށް ރަސްމީ ހައިސިއްޔަތު އަބޫބަކުރުގެފާނުގެ ދުނިޔޭގައި ދެއްވައި، އެކަން ނިންމެވި ގޮތުން، ދައުރެއް ނިމުމުގެ ކުރިޔަށް އައު ދައުރުގެ ވެރިކަމުގެ ކަންތައް ހަމަޖެހި ނިމިފައި އޮތުން މުހިންމުކަމުގެ މައްޗަށް އިރުޝާދުލިބެ އެވެ.

ވިސްނާ ފިކުރުކޮށް ފާހަގަކުރާން ލައްކަ ބައިވަރު ކަންތައް އެބަހުއްޓެވެ. ފަހު ކަމެއްގެ ގޮތުން އަބޫބަކުރުގެފާނުގެ އަންނަނިވި ބަސްފުޅަށް ކަޅިއެއް އެއްލަމާތޯ އެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ވެރިއަކުކަމުގައި ހެދި މީހާއާމެދު ތިޔަބައިމީހުން ރުހެމުހެއްޔެވެ؟ ފަހެ ހަމަކަށަވަރުން ﷲ ގަންދެމެވެ. ވިސްނާފިކުރުކޮށް ސީދާމަގު ހޯދައިގަތުމަށް މަސައްކަތްކުރުމުގައި އަހަރެން ފަރުވާކުޑަކޮށްފައިނުވާނެ އެވެ. އަދި އަހަރެން ތިޔަބައިމީހުންގެ މައްޗަށް ވެރިމިކުރަނީ އަހަރެންގެ ތިމާގެ މީހެއް ނޫނެވެ. ތިޔަބައިމީހުންގެ މައްޗަށް އުމަރު ބުނުލްޚައްޠާބް ވެރިކޮށްފީމެވެ. ފަހެ އޭނާއަށް އަޑުއަހައި ކިޔަމަންތެރިވާށެވެ."

މިއީ ވަރަށް ބައިވަރު ފިލާވަޅު ނޫންތޯއެވެ. ރައްޔިތުންނަށް ބާރުދީފައި ރައްޔިތުން ބޭނުން މީހަކު އިހްތިޔާރުކުރުމަށް ރައްޔިތުންނަށް އެންގެވީމާ އެބައިމީހުން ދެންނެވީ ތިމަންމެންގެ ވިސްނުމަކީ ކަލޭގެފާނުގެ ވިސްނުންފުޅުކަމަށެވެ. އެހިސާބުން ވެސް އުމަރުގެފާނުގެ ނަންފުޅާމެދު މަޝްވަރާކުރެއްވީއެވެ. މަޝްވަރާއިން އުމަރުގެފާނުގެ ނަންފުޅު ފާސްވީމާ، އުމަރުގެފާނު ހަލީފާކަމަށް އިސްކުރައްވާފައި، އަދިވެސް އެއައްސަވަނީ ރައްޔިތުންގެ ގާތުގައި ތިޔަބައިމީހުން ރުހެމުތޯ އެވެ؟ އާދޭހެވެ. ރައްޔިތުންގެ ރުހުމާ ނުލައި ރައްޔިތުންގެ މައްޗަށް ވެރިޔަކު އައްޔަންކުރުމަކީ އިސްލާމްދީނުގައި އޮތްކަމެއް ނޫނެވެ.

އެއަށްފަހު އުމަރުގެފާނަކީ އަހަރެންގެ ތިމާގެ މީހެއް ނޫނޭ ބުނެ އެހަނދާން ކޮށްދެނީ ވެރިކަމަކީ، ލޭގެ ގުޅުމުން ވާރުތަވާންވީ އެއްޗެއް ނޫންކަމެވެ. ވިސްނާފިކުރުކޮށްގެން އެންމެ ރަނގަޅު މީހާ ދެނެގަނެ އެމީހަކާ މަތިކުރާންވީ ކަމެއްކަމެވެ. އެއަށްފަހު، އަހާށޭ ކިޔަމަންވާށޭ އެއަންގަވަނީ ވެސް ކަމެއް ވެގެންނެވެ. ވެރިއަކު އައްޔަންކޮށް ނިމުމުން އޭނާ ވެރިކަމަށް ގެނައުމާ މެދު ބަހުސްކޮށް ނިމުނީއެވެ. ދެން އޭނާއަށް އަހައި ކިޔަމަންވާންވާނެއެވެ. އާދޭހެވެ. ވެރިކަން ހިންގިޔަދޭންވާނެ އެވެ.

އަބޫބަކުރުގެފާނު ދިރހުއްޓައި، ދެވަނަ ޚަލީފާގެ ގޮތުގައި އުމަރުގެފާނު އައްޔަންކުރެވުމުން އެނގިގެންދާ އަނެއް ހަގީގަތަކީ ވެރިކަމުގެ ދައުރު ނިމުމަކީ، ކޮންމެހެން ވެރިމީހާގެ މަރުވުމާ ގުޅިފައި އޮންނަން ޖެހޭ ކަމެއް ނޫންކަމެވެ. އާދޭހެވެ. ދައުރުގެ މުއްދަތު ކަނޑައެޅުމަށް އިސްލާމީ ތާރީހުން އިރުޝާދުލިބެ އެވެ.

އުމަރުގެފާނު ހަލީފާކަމަށް އައްޔަންކުރެވުނު އިޖުރާއާތުތައް ނުވަތަ ޕްރޮސީޖާތައް އަދި އެއްފަހަރު ވިދާޅުވެފައި، ހިނދުކޮޅަކަށް ވިސްނާފިކުރު ހިންގަވާލައްވާށެވެ! އަޅުގަނޑު ލިޔެފައި ނުވާ ކިތަންމެ އިރުޝާދަކާއި ފިލާވަޅެއް ލިބިވަޑައިގަންނަވާނެ އެވެ!

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox