Advertisement

ބޮޑުންގެ ހައިސިއްޔަތު ނުވަތަ ކަމުވޮށީން

27 ޖަނަވަރީ 2023 - 06:14 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

ވިލިމާލޭގައި ދެ މީހަކު ބައިސްކަލް ދުއްވާފައި ދަނީ. -- ފޮޓޯ: އަދަދު


ބޮޑުންގެ ހައިސިއްޔަތު ނުވަތަ ކަމުވޮށީން

27 ޖަނަވަރީ 2023 - 06:14 0

އިންސާނީ ތޮބީއަތް ނިޔާކުރާ ގޮތަކީ ތިން މީހުންގެ ޖަމާއަތެއްގައި ވެސް ކަންކަމުގައި އިސްނަގާ މީހަކު ހުރުމެވެ. ގިނަ ފަހަރަށް ތިން މީހުންގެ ޖަމާއަތެއްގައި ވެސް ކަންކަމުގައި ގޮތް ނިންމައި، އެންމެން އެކީ އުޅުމުގައި ކުރިޔަށް ދަނީ ކޮންމެވެސް އެކަކު އެއީ ބޮޑެއް ކަމުގައި ބަލައިގެން ދެން ތިބި ދެ މީހުން އެމީހާއާއެކު ކުރާ މަޝްވަރާއެއްގެ މަތީންނެވެ. ތިން މީހުންނަށް ތިން މީހުންނަކީ ވެސް އެންމެ ބޮޑު މީހާ ކަމަށް ނިންމޭ ހިސާބުން ތިން މީހުންނަށް އެކީ ކުރިޔަށް ނުދެވި، ހަނގުރާމަ ފެށެ އެވެ.

އިންސާނީ ތޮބީއަތް ނިޔާކުރި ގޮތުން، ވަކި ކަމެއްގެ ސަބަބުން ޖަމާއަތެއް އުފެދޭ އެންމެ އާންމު އަދި ދުނިޔެ ފެށުނީއްސުރެ އޮންނަ އުސޫލަކީ އާއިލީ ގުޅުމެވެ. އާއިލާއެއް ފެށެނީ މަންމައަކާއި ބައްޕައެއްގެ ޒަރީއާއިން ކަމަށްވީ ހިނދު، މަންމަ އިސްކޮށް ބަލަހައްޓާ ކަންކަމުގައި މަންމަގެ ބަސް، ބައްޕަ އިސްކޮށް ބަލަހައްޓާ ކަންކަމުގައި ބައްޕަގެ ބަސް ގަދަވެފައި އެޔަށް ހުރިހާ ދަރީން ތަބާވުމަކީ ވަރަށް ތޮބީއީ ހަމައެކެވެ. ދަރީންގެ އުމުރުން ދުވަސްވެ ބޮޑެތިވުމުން، ޒަމާނުގެ ދައުރުވުމާއެކު، މައިބަފައިން މުސްކުޅިންނަށް ބަދަލުވުމުން، މައިންބަފައިންނަށް އާއިލާގައި އެ އޮންނަ ބާރު ދަރިންނަށް ލިބެ އެވެ. ގިނަ ފަހަރަށް އެބާރު ތޮބީއީ ގޮތުން އެނބުރިގެން ދަނީ، ދަރިންގެ ތެރޭގައި ހުންނަ އެންމެ ހޭލުންތެރި ކުއްޖާއަށެވެ. ނުވަތަ އާއިލާ ބެލެހެއްޓުމުގެ ޒިންމާތައް ނެގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުއްޖާއަށެވެ. ގިނަ ފަހަރަށް ހުރިހާ ދަރިން އެއްގޮތެއް ނުވެ އެވެ. އެއް އާއިލާ ގިނަވެ އާއިލާތަކެއް ހިމެނޭ ޚާންދާނަކަށް ނުވަތަ ގަބީލާއަކަށް ވުމުން، މިދެންނެވުނު ތޮބީއީ ގޮތުން އުފެދިފައި ތިބޭ ބަސްކިޔޭ މީހުން އެއީ އެ ގަބީލާގެ ބޮޑުންނަށް ބަދަލުވެ އެވެ. އެތައް ގަބީލާތަކެއްގެ މައްޗަށް ހިމެނޭ ރަށްރަށުގައި ރަށު ފެންވަރުގައި ބަސް ވިކޭ މީހުން އުފެދެނީ ވެސް އެފަދަ މީހާގެ އަހުލާގާއި އުޅުމާއި އެހެން މީހުންނާ އޮންނަ ގުޅުމުގައި ތިމާގެ އަމަލުތައް ބަހައްޓާ ގޮތެއްގެ ސަބަބުންނެވެ.

ކޮންމެ ކޮންމެ މީހަކީ އޭނާގެ ބަސް، އަނެއް މީހުން ގަބޫލުކުރާ މީހަކަށް ނުވާކަމާއި، ބައެއް މީހުންގެ ބަސް އާދަޔާ ހިލާފު ގިނަ މީހުން ގަބޫލުކުރާކަމީ ދުނިޔެއިން ހާމައަށް ފެންނާން އޮތް ހަގީގަތެކެވެ. މި ޒަމާނުގެ ޑިމޮކްރަސީ އެ މައްޗަށް ބިނާވާ އެންމެ އަސާސީ އެކަތި ކަމަށްވާ ކޮންމެ މީހަކަށް ވެސް ލެވެނީ އެއް ވޯޓު ކަމަށް ބުނާ ފަލްސަފާއަކީ މިއާ ކުޑައިކޮށް އިދިކީލި ފަލްސަފާއަކަށް ވިޔަސް، ކަންކަން ނިމިގެން ދާއިރު ކަންވެ ނިމިގެންގޮސްފައި އޮންނަނީ ބޮޑުން ބޭނުންވާ ގޮތަށެވެ.

ގިނަ މީހުން ވަކި މީހަކަށް ނުވަތަ ވަކި ކަމަކަށް ވޯޓެއް ދޭއިރު ލަފާ އަހަނީ އޭނާ އިތުބާރުކުރާ، ގާތުގައި އުޅޭ ބަސް ވިކޭ ފާޑު ބޮޑުންގެ ކައިރީގަ އެވެ. ވަރަށް ގިނަ މީހުން އެ މީހެއްގެ އާއިލާގައި ހުންނަ، ކުރިން ފާހަގަކުރި ގޮތަށް ތޮބީއީ ގޮތުން ބޮޑުންނަށްވެފައި ތިބޭ މީހުންގެ މަޝްވަރާ އަހަ އެވެ. އާއިލާއެއްގައި އެއްވަރަކަށް ނުފޫޒު އޮތް ދެ މީހަކު ތިބި ނަމަ އެ އާއިލާއެއްގެ ޖުމުލަ ވޯޓު ބައިވެގެންދަނީ ހަމަ އެ ނުފޫޒެއް އޮތް މިންވަރެއްގެ މައްޗަށެވެ. ރަށްރަށުގެ ޖުމުލަ ވޯޓުގެ ނަތީޖާ ނުކުމުވެފައި އޮންނަނީ ހަމަ އެ ރަށްރަށުގެ ނުފޫޒު ހުރި ބޮޑެތި މީހުންކުރެ ގިނަ މީހުން އަރާ ކޮޅަކަށެވެ. އަޅުގަނޑަށް ފެނުނު ތާނގައި ފެނުނު ވޯޓުތަކުގެ ނަތީޖާ ހުރީ މިދެންނެވި ގޮތަށެވެ. ވަރަށް ކައިރިން މިސާލެއް ދައްކާނަމަ، އަހަރެމެންގެ ވެރިކަންކުރާ ޕާޓީގެ ޕްރައިމަރީގެ ވޯޓުގެ ނަތީޖާ ނުކުންނާނެ ގޮތެއް މާބޮޑުކޮށް ތަސައްވުރުކޮށްލާން ނޭނގިގެން އުޅެނީ، ބޮޑުންނަށް ތިބި މީހުން ދެ ކެންޑިޑޭޓުންނަށް ބެހިފައިވާލެއް ހަމަބޮޑުކަމުންނެވެ.

އާއިލާތަކުގައި ނުވަތަ ރަށްރަށުގައި ނުވަތަ ގައުމުތަކުގައި މި ދެންނެވުނު ތޮބީއީ ބޮޑުންނަށް މީހުން ވާ ގޮތުގައި ތަފާތު ސަބަބުތަކެއް ހުރެދާނެ އެވެ. ބައެއް މީހުން ކަންކަމުގައި އިސްވެ ހަރަކާތްތެރިވެ ޒިންމާ ނަގާ އުޅޭ ގޮތުގެ ސަބަބުން އެކަން އެހެން ވުމަށް މެދުވެރިވެ އެވެ. ބައެއް މީހުން ވަކި ދާއިރާއެއްގައި އެހެން އެކަކަށް ވުރެ ބޮޑަށް އިލްމު ލިބިފައި އޮތްނަމަ އެމީހަކީ ވެސް ބަސް ވިކޭ މީހަކަށް ވެގެންދެ އެވެ. ހާއްސަކޮށް އެ އިލުމަކީ އެބަޔަކަށް މުހިންމު އިލުމަކަށް ވެފައި އޮންނަ ބަޔަކު ތެރޭގައި އެ އިލުމެއް އެބަޔަކަށް މުހިންމުވާ މިންވަރެއްގެ މައްޗަށް އޭނާގެ ބޮޑުކަން މަދުވުމާއި އިތުރުވުން ގުޅިފައި އޮވެ އެވެ.

އިސްލާމްދީނަކީ ފިތުރަތުގެ ދީނެވެ. ތޮބީއަތާ އިދިކީލި ކަމެއް ނެތްދީނެވެ. އިސްލާމްދީން ގެނެސްދިނީ ތޮބީއީ އިންސާނީ ދިރިއުޅުން ތަރުތީބުކޮށްދިނުމުގެ ނިޒާމެކެވެ. ދެންނެވުނު ފިތުރަތުގެ އުސޫލު އިސްލާމްދީން ބަލައިގަނެފައިވާކަން އެނގޭ އެންމެ ވަރުގަދަ ދަލީލަކީ ނިސާއު ސޫރަތުގެ 59 ވަނަ އާޔަތެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ!" ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވުމާއެކު އަދި ރަސޫލާ ދުނިޔޭގައި ހުންނަވަނިކޮށް، ކިޔަމަންތެރިވާންޖެހޭ ބައެއްގެ ގޮތުގައި ކަންކަމުގައި ވެރިންގެ ގޮތުގައި ތިބޭ މީހުން މިއާޔަތުގައި ކަނޑައަޅާފައިވަނީ މުހިންމު އިރުޝާދެއް އިންސާނިއްޔަތަށް ދެއްވުމުގެ ގޮތުންނެވެ.

އިސްރާއު ސޫރަތުގެ 16 ވަނަ އާޔަތަށް ނަޒަރުކުރުމުންވެސް ދަންނަވަމުން މިއައި ވާހަކައަށް ބާރު ލިބިގެންދާނެއެވެ. "އަދި ރަށެއް ހަލާކުކުރެއްވުމަށް ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެރަށެއްގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް (ކިޔަމަން ގަތުމަށް) ތިމަން ރަސްކަލާނގެ އަމުރުކުރައްވަމެވެ. ދެން އެ މީހުން އެ ރަށުގައި ފާސިދު އަމަލުކޮށް ކިޔަމަންތެރިކަމުން ބޭރުވެގަނެ އެވެ. ދެން ކޯފާގެ ބަސްފުޅު އެ މީހުންގެ މައްޗަށް ހައްގުވެދެ އެވެ. ދެން ތިމަންރަސްކަލާނގެ އެރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ." އާދޭހެވެ! ގައުމެއްގެ އިސްލާހާއި ފަސާދަ ގުޅިފައި އޮންނާނީ، އެގައުމެއްގެ ބޮޑުންގެ ހުރި އުޅުމަކާއި އަހުލާގެއްގެ މައްޗަށެވެ.

އިސްވެ ބަޔާންކުރެވުނު ނިސާއު ސޫރަތުގެ 59 އާޔަތުގައި އޮތް ވެރިން އަރަބި ބަހުގައި އޮތީ "އުލުލްއަމްރި" ކަމަށެވެ. ބަހުގެ ގޮތުން މާނައަކީ ކަމުގެ ވެރިޔާ އެވެ. ނުވަތަ ކަމުގެ އަހުލުވެރިޔާ އެވެ. ތަފްސީރު އިލުމުވެރިން މިލަފުޒު މާނަކުރުމުގައި މަޝްހޫރު ދެ ޖަމާއަތަކަށް ބެހިފައިވެ އެވެ. ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި އާޔަތުގައި ކިޔަމަންވުން ލާޒިމުކުރައްވާފައިވާ އުލުލްއަމްރުގެ މާނައަކީ އިލްމުވެރިންނެވެ. އެހެން ބޭކަލުން ވިދާޅުވާ ގޮތުގައި، އޭގައި އިލުމުވެރިންގެ އިތުރުން ވެރިންގެ ގޮތުގައި ތިބޭ އެންމެހާ ވެރިން ވެސް ހިމެނޭނެ އެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި މި ދެ ޖަމާއަތުގެ ބޭކަލުންގެ މެދުގައި ހަގީގަތުގައި ހިލާފެއް ނެތެވެ. އެހެނީ އިލްމުވެރިންނަކީ ހަމައެކަނި ދީނީ އިލްމުވެރިންކަމަށް އަޅުގަނޑަށް ނުވިސްނޭތީ އެވެ. ކަމެއްގައި ވެރިއެއްގެ ގޮތުގައި ހުރެވޭނީ އެ މީހެއްގެ ކިބައިގައި ކޮންމެވެސް ކަމެއްގެ އިލްމެއް ހުރެގެން ކަމަށް ވީހިނދު، ކޮންމެވެރިއަކީ ކޮންމެވެސް ބާވަތެއްގެ އިލްމުވެރިއަކަށް ނުވާނެ އަންނާނީ އެންމެ ހާލަތެކެވެ. އެއީ ކަމަށް ގާބިލު ނޫން މީހުން ވެރިންގެ މަގާމުތަކުގައި ތިބޭ ހާލަތެވެ. އެހާލަތާ ގުޅިގެންވެސް ދީނީ އިލްމުވެރިން ފަތުވާދެއްވާފައި އޮންނަނީ ފާސިގު ވެރިންނަށްވެސް ކިޔަމަންތެރިވުން ލާޒިމުވާނެ ކަމަށެވެ. އެއީ ތަނުގެ ސުލްހަ މަސަލަސްކަން ގެއްލިދިޔަ ނުދިއުމަށް ކަމަށާއި، ސުލްހަ މަސަލަސްކަން ހިފެހެއްޓުމަކީ އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅާ ކަމަކަށް ވާތީ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.

މިދެންނެވުނު ތަފްސީރު އިލުމުވެރިން އެގޮތަށް ދެ ޖަމާއަތަށް ބެހިވަޑައިގަތް ސަލަފުންގެ ދުވަސްވަރު، ހަމަ ޔަގީނުން ބޮޑެތި ދީނީ އިލްމުވެރިންގެ ގޮތުގައި ބަލާ މީހުންނަކީ ހަމައެކަނި ދީނީ އިލްމުގެ އިތުރުން، އެހެނިހެން ބައިވަރު ރޮނގުތަކުން އަރާ ތިއްބެވި މާހިރުންނެވެ. އޭރު އެ ޒަމާނުގައި އިލްމުވެރިންގެ ގޮތުގައި މަޝްހޫރުވި ގިނަ ދީނީ ދަންނަބޭކަލުންނަކީ ބޭސްކުރަން ދަންނަ މޮޅު ހަކީމުންވެސްމެ އެވެ. ދަތުރުކުރަން ދަންނަ ތަރިތަކާއި ޖައްވާއި ފަޒާ ދަންނަ ބޭކަލުންވެސްމެ އެވެ. ބަހާއި އަދަބު ދެނެވަޑައިގަންނަވާ ޝާއިރުންނާއި އަދީބުންވެސްމެ އެވެ.

ހުރިހާ އިލްމުވެރިންގެ ވާހަކަތައް އެއްކޮށް ކިޔާލާއިރު، އާޔަތުގައި އޮތް ވެރިންނަކީ ދެންނެވުނު ތޮބީއީ ބާރުވެރިކަމުގެ އަހުލުވެރިންނެވެ. އެހެނީ އެމީހުންގެ ބަހަށް އެމީހުންނަށް އާންމުކޮށް ތަބާވެ އުޅޭ މީހުން ދެކޮޅު ހަދާ ހާލަތަށް ވުރެ ތަނުގައި ފިތުނަފަސާދަ ބޮޑުވާ އެހެން ހާލަތެއް އަންނަ ކަމަކަށް ނުފެނެ އެވެ. ފާސިގުވެރިންނަށް ވެސް ކިޔަމަންވާންޖެހޭ ކަމަށް އިލްމުވެރިން ބަޔާންކުރައްވާ މައިގަނޑު ސަބަބަކީ ތަނުގެ ސުލްހަ މަސަލަސްކަމާއި އަމާންކަމެވެ. އެކަން ނެތި ހަމަ އެހެން އެއްވެސް ކަމެއް ކުރިޔަށް ނުގެންދެވޭނެ ކަންތަކެވެ.

ނިސާއު ސޫރަތުގެ 59 ވަނަ އާޔަތުގައި އޮތް ވެރިންގެ މާނަ ކައުއިތުރު ނަބިއްޔާގެ މާތް ސަހާބީން ކުރެއްވި ގޮތަކީ ކޮބައިކަން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ޚަލީފާކަމަށް އިސްކުރެވުނު ހާދިސާއިން ސާފުކޮށް އެނގެ އެވެ. އުންމަތުގެ އާންމުން އެކަލޭގެފާނަކީ ޚަލީފާކަމަށް ގަބޫލުކުރީ (ބައިޢަތު ހިފީ) ފަހުންނެވެ. ސަޤީފަތު ބަނީ ސާއިދާއޭ ކިޔުނު ތަނުގައި ބޭއްވުނު މަޖިލީހުން ނިންމުނު ގޮތަށެވެ. އެ މަޖިލީހަށް އެއްވީކީ ހުރިހާ މުސްލިމުންނެއް ނޫނެވެ. އަދި މަދީނާގެ ހުރިހާ އަހުލުވެރިންނެއް ވެސް ނޫނެވެ. އަދި މާތް ނަބިއްޔާގެ އެންމެހާ ސަހާބީންނެއް ވެސް ނޫނެވެ. މަދީނާގެ އަހުލުވެރިން ނުވަތަ އަންޞާރިއްޔަ ސަހާބީ ބޭކަލުންކުރެ ބޮޑުންގެ ގޮތުގައި ބެލެވޭ މީހުންނާއި މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވި ބޭކަލުންގެ ތެރެއިން ބޮޑުންގެ ގޮތުގައި ބެލެވޭ ސަހާބީ ބޭކަލުންގެ އިސްބޭކަލުންގެ ޖަމާއަތެކެވެ.

އެތަނަށް ހާޒިރުވެ ވަޑައިގެންނެވި ބޭކަލުންނަކީ ކަމުވޮށިގެންވާ މީހުން ނުވަތަ ކަމުގެ އަހުލުވެރިން ނުވަތަ ހައިސިއްޔަތެއް އޮތް ބަޔަކަށްވީ، އަޅުގަނޑު ކުރިން ދެންނެވި ތޮބީއީ ހަމަތަކެއްގެ މަތީންނެވެ. އާދޭހެވެ. ޝަރުއީ އަހުކާމްތަކުން އެ ތޮބީއީ އުސޫލުތަކުގެ އަލީގައި އެ ބޭކަލުންގެ ހައިސިއްޔަތަށް ޝަރުއިއްޔަތު ލިބުނީ އެގޮތުގެ މަތީންނެވެ. މިސާލަކަށް މަދީނާގައި އޭރު އޮތް އެންމެ ނުފޫޒު ހުރި ބޮޑު ދެ ގަބީލާއަކީ، އައުސް ދަރިކޮޅާއި ޚަޒްރަޖު ދަރިކޮޅެވެ. ދެ ދަރިކޮޅުގެ ބޮޑުން އެމަޖިލީހަށް ހާޒިރުވުމުގެ ހައިސިއްޔަތު އުފަންވި ހަމައެކަނި ސަބަބަކީ މާތް ނަބިއްޔާގެ ސަހާބީންނަށް ވުމެއް ނޫނެވެ. އެކަން އެހެންވެފައި އޮތުމުގެ އިތުރަށް ގަބީލާގައި ބަސް ވިކޭ ބޮޑުންގެ ގޮތުގައިވެސް ވެފައިތިބުމެވެ. މުހާޖިރުން ނުވަތަ މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވި ބޭކަލުންކުރެ އަބޫބަކުރުގެފާނާއި އުމަރުގެފާނު އެ މަޖިލީހަށް ހާޒިރުވުމުގެ ހައިސިއްޔަތަކީ ވެސް ހަމައެކަނި މާތް ނަބިއްޔާގެ ސަހާބީންނަށްވުމުން ލިބިވަޑައިގެންނެވި ހައިސިއްޔަތެއް ނޫނެވެ. އަބޫބަކުރުގެފާނަކީ ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވީ ކަލޭގެފާނެވެ. މާތް ނަބިއްޔާގެ ހިޖުރައިގެ ބައިވެރިޔާއެވެ. އެންމެ ގާތް ސާހިބާއެވެ. އުމަރުގެފާނަކީ މުޝްރިކުންގެ ގޮތުގައި ހުރިއިރުވެސް މައްކާގެ ޒައީމެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމާއެކު އިސްލާމީ އުންމަތަށް ލިބުނު ގަދަފަދަ ކަން ނިސްބަތްވަނީ އެކަލޭގެފާނުގެ ތޮބީއީ ބާރުވެރިކަމަށް ނޫންތޯ އެވެ.

މިމައުޟޫގައި އިސްލާމީ ފިގުހުގައި ކިޔޭ އެންމެ މުހިންމު ލަފުޒަކީ "އަހުލުލްޙައްލު ވަލްޢަޤްދު" މިއެވެ. މޮހުމާއި ބަނުމުގެ އަހުލުވެރިންނެވެ. އަޅުގަނޑު ދަންނަވާ ހިތް އޮތީ މަށް ދިވެހި ބަހުން އޭގެ މާނައަކީ، ކަމުވޮށިވެގެންވާ މީހުންކަމަށެވެ. ކުރުކޮށްލާފައި "ކަމުވޮށީން" ކަމަށެވެ. އާދޭހެވެ. އުލުލްއަމުރަކީ ވެސް ކަމުވޮށީންނެވެ. އުންމަތާއި އުންމަތުގެ ހިސާބުތަކާއި ތަންތަނުގެ ވެރިންނަށް މީހުން އައްޔަންކުރުމާއި އެފަދަ އެންމެހާ ބޮޑެތި ކަންކަމުގައި ގޮތް ނިންމާނީ އެތަނެއްގެ ކަމުވޮށީންނެވެ.

އުންމަތަށް ޚަލީފާއިން އިސްކުރުމުގައި އިސްލާމީ ތާރީހު ދައްކައިދީފައި އޮތް ހަގީތަކީ ކަމުވޮށިގެންވާ މީހުން ފުރަތަމަ ގޮތެއް ނިންމުމެވެ. އަބޫބަކުރުގެފާނަށް ބައިއަތު ހިފެވުނީ އެގޮތުގެ މަތީންނެވެ. ކަމުވޮށިގެންވާ މީހުން ނުވަތަ އަހުލުލްޙައްލު ވަލްޢަޤްދުގެ ލަފުޒަކީ އިސްލާމީ ފިގުހު ފޮތްތަކުގައި ވަރަށް އާންމު ލަފުޒެކެވެ. ހާއްސަކޮށް ދައުލަތް ހިންގުމުގެ އިސްލާމީ މައުލޫތަކުގައެވެ. މިޒަމާނުގައި މިހިންގޭ ވޯޓަކީ އެޔާ މުޅިން އިދިކީލި ކަމެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. އެހެނީ ވޯޓަކީ ހަމަ ޔަގީނުންވެސް އާންމުންގެ މަޝްވަރާގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ. މުއުމިނުންގެ ކަންކަން ނިންމަންވާނީ މަޝްވަރާގެ މަތީންނެވެ. ވޯޓުގެ ނަތީޖާ ގިނަ ފަހަރަށް ނިމެނީ އެތަނެއްގެ ކަމުވޮށިގެންވާ މީހުން އަރާ ކޮޅަކަށް ނަމަވެސް، ވޯޓުން ލިބޭ ނަތީޖާއަކީ، ބަލިވާކޮޅުގައި ހިމެނޭ ކަމުވޮށިގެންވާ ބޭފުޅުންނަށް އާންމުން ދޭ މަތިވެރި އިރުޝާދެއްކަން ޔަގީނެވެ.

އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ. އަހުލުލްޙައްލި ވަލްޢަޤްދި ނުވަތަ ކަމުވޮށިގެންވާ މީހުންނަކީ، އިލުމުވެރިންނާއި ބޮޑުންނާއި މީސްތަކުން އެބައިމީހުންނަށް ޖެހޭ ކަންކަމުގައްޔާއި އާންމު މަސްލަހަތުތަކުގައި އެބަޔެއްގެ ގާތަށް ގޮސްއުޅޭ މީހުންނެވެ.

އިމާމް ނަވަވީގެ އެބަސްކޮޅުގައި ހިމަނުއްވާފައިވާ ތިން ކެޓަގަރީއަށް ބަލާލަމާހެއްޔެވެ؟ އިލުމުވެރިންގެ ގޮތުގައި މީހުން ބަލައިގަންނަ ސަބަބުތައް ތަފާތެވެ. މިޒަމާނުގައި ނަމަ ގިނަ މީހުން އިލްމުވެރިންނަށްވަނީ ސެޓްފިކެޓެއްގެ މައްޗަށެވެ. އެކަމަކު އެއް ދަރަޖައިގެ ސެޓްފިކެޓް އޮންނަ އެތައް ހާސް އިލުމުވެރިންނެއްގެ ތެރެއިން މުފްތީ މެންކާއި ކުރީގެ ސުއޫދީ އަރަބިއްޔާގެ މުފްތީ އިބްނު ބާޒާއި، މިސްރުގެ ޑރ ޔޫސުފުލްޤަރަޟާވީ ފަދަ ބޭބޭކަލުން މުޅި އުންމަތް ބަލައިގަތް މިންވަރާއި ދަރަޖަ ވަރަށް ތަފާތެވެ. މީސްތަކުން އެބައިމީހުންނަށް ދިން ނުފޫޒާއި ބާރުވެރިކަން ތަފާތެވެ.

ބައެއް މީހުން ބޮޑުންނަށްވަނީ އާއިލީ ވާރުތައިންނެވެ. އަނެއް ބައި މީހުން ބޮޑުންނަށްވަނީ އެބައިމީހުންގެ ހުންނަ ހުނަރެއްގެ ސަބަބުންނެވެ. އާދޭހެވެ. ކޮންމެ ބޮޑެއްގެ ބާރުވެރިކަން އަނެއް ބޮޑަކާއި ވެސް ތަފާތެވެ. ކުރީގެ ލީބިޔާގެ ޒައީމް މުއައްމަރުލް ގައްޒާފީ އޭ ބުނީމާ އޭރުގެ ހުރިހާ މުސްލިމުންނަށް އެނގިފައި، މިހާރުގެ ލީބިޔާގެ ވެރިޔަކީ ކާކުކަން ގިނަ މުސްލިމުންނަށް ނޭނގޭކަމުގެ ސަބަބަކީ އެއީ ނޫންތޯ އެވެ. އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ވެސް އެފަދަ އެވެ. އެ ވެރިންނަކީ ސޯލިހު ވެރިންތޯ ނުވަތަ ފާސިދު ވެރިންތޯ އެއީ އަދި އެހެން މައުލޫއެކެވެ. އާންމު މަސްލަހަތުތަކުގައި މީސްމީހުން އެބައިމީހުންގެ ގާތަށް ގޮސްއުޅޭ މީހުންނަކީ ކަމުވޮށިގެންވާ މީހުންކަމުގައި އިމާމް ނަވަވީ އެ ވިދާޅުވަނީ، މީސްމީހުން އެބައިމީހުންގެ ގާތަށް ގޮސްއުޅޭ ކަމުން އެކަނި އެބައިމީހުންނަށް މުޖުތަމައުން ދީފައި އޮތް ބާރާއި ހައިސިއްޔަތު ހާމަޔަށް ފެންނާން އޮންނާތީއެވެ.

އާދޭހެވެ! އާއިލާތަކާއި ގަބީލާތަކާއި ރަށްރަށާއި ގައުމުތަކާއި ގައުމުތަކެއްގެ މައްޗަށް ހިމެނޭ ޖަމާއަތްތަކުންވިޔަސް އަދި އެބައިމީހުންގެ ކަންކަން ނިންމުމުގައި ކޮންމެ ފަދަ ވޯޓިންގެ ނިޒާމެއް އޮތަސް ކަންވެ ނިމިގެންދަނީ، ކަމުވޮށިވެގެންވާ މީހުން ނިންމާ ގޮތެއްގެ މައްޗަށެވެ. އެއްޗެއްގައި ލިޔެވިފައި އޮތަސް އަދި ނެތަސް އެކަން އޮންނާނީ އެމަގަށެވެ. އިސްލާމްދީން ތަރުހީބު ދެނީ އެނިޒާމު ބަދަލުކުރުމުގެ ބަދަލުގައި، ކަމުވޮށިވެގެންވާ މީހުން އިސްލާހުވެގެންދިއުމަށެވެ. ތިމާ އަނެކާއާމެދު އެމީހާއަކީ ބޮޑެއްކަމުގައި ގަބޫލުކުރުމުގައި ތިމާ (އާންމު މީހާ) ބަލާއުޅޭ މިންގަނޑުތަކުގެ ކޮލިޓިއާއި އަހުލާގު މަތިވެރިކުރުމަށެވެ.