Advertisement

ޚަޒްރަޖް ވަންހައިގެ ޒައީމް

10 ފެބުރުވަރީ 2023 - 08:08 1

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

މަދީނާ


ޚަޒްރަޖް ވަންހައިގެ ޒައީމް

10 ފެބުރުވަރީ 2023 - 08:08 1

މައްކާގައި މާތް ނަބިއްޔާ އިސްލާމީ ދައުވަތައިގެން މަސައްކަތް ކުރެއްވިއިރު، މުސްލިމުންނަށް ނުހަނު ނިކަމެތިކަމާއި އަނިޔާ ތަހައްމަލުކުރަންޖެހުނެވެ. އަދި މައްކާގެ ބޮޑުންގެ ގިނަ މީހުން ހިޔާރުކުރީ ކާފިރުކަމުގެ މަގެވެ. މާތް ނަބިއްޔާ މައްކާއިން މަދީނާއަށް ހިޖުރަކުރައްވަން ޖެހުނު ސަބަބަކީ އެއީ އެވެ. އަދި މައްކާގައި ތިއްބެވި މާތް ނަބިއްޔާގެ ޞަޙާބީން ވެސް މައްކާއިން މަދީނާއަށް ހިޖުރަކުރަން ޖެހުނު ސަބަބަކީ އެއީއެވެ. މައްކާއިން މަދީނާއަށް މާތް ނަބިއްޔާ ހިޖުރަކުރެއްވީ އިސްލާމީ ދައުވަތުގެ މަސައްކަތް ދިހަ އަހަރު ދުވަހު ކުރެއްވުމަށް ފަހުގަ އެވެ.

އެކަމަކު މަދީނާގެ ހާލަތު ތަފާތެވެ. މަދީނާގެ ނުފޫޒުހުރި އެންމެ ބޮޑު ދެ އާއިލާގެ ބޮޑުން އިސްލާމްވުމާއެކު މަދީނާގައި އިސްލާމްދީން ފެތުރިގެންދިޔައީ މައްކާގައި ތިބި މުސްލިމުންނަށް މަރުހަބާ ކިޔުމުގެ ރޫހާއެކު އެވެ. މާތް ނަބިއްޔާ އަށާއި އިތުރު އެކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން، މަދީނާއަށް ހިޖުރަކުރެއްވި ޞަޙާބީންނަށް މަދީނާގެ އަހުލުވެރިން މަރުހަބާކީ ގޮތާއި މިންވަރަށްވުރެ ފުރިހަމައަށް ރަށެއްގެ އަހުލުން އެހެން ރަށެއްގެ އަހުލުންނަށް މަރުހަބާ ކީ ހަމަ އެއްވެސް ހާދިސާއެއް އިންސާނީ މުޅި ތާރީހުން ވެސް ފެންނާކަށް ނެތެވެ. އަލްޙަޝްރު ސޫރަތުގެ ނުވަ ވަނަ އާޔަތުގައި ވަނީ "އަދި ހިޖުރަކުރި މީހުންނަށްވުރެ ކުރީގައި މަދީނާގައި ވަޒަންވެރިވެ، އީމާންވެގެންތިބެ ނަސްރު ދިން މީހުން، އެމީހުންގެ ގާތަށް ހިޖުރަކުރި މީހުންދެކެ ލޯބިވެ އެވެ. އަދި އެގޮތުން ނަސްރު ދިން މީހުން ހިޖުރަ ކުރި މީހުންނަށް ދިން އެއްޗެހި ދިނީ އެއްވެސް އެދުންވެރިކަމެއް ނެތި އެވެ. އަދި ދިން އެއްޗެއްސަކީ ނަސްރު ދިން މީހުންނަށްވެސް އެތަކެތީގެ ބޭނުން ޖެހިފައިވާ ތަކެތިކަމަށް ވިޔަސް، އެމީހުންގެ އަމިއްލަ ނަފުސުތަކަށްވުރެ ހިޖުރަކުރި މީހުންނަށް އެމީހުން އިސްކަންދެއެވެ. އެމީހެއްގެ އަމިއްލަ ނަފުސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހުންނަކީ ހަމަ ދިންނަވާނެ މީހުންނެވެ."

ކޮންމެއަކަސް މުސްލިމުންނަކީ އުންމަތެއްގެ ސިފައިގައި ނުވަތަ ޖަމާއަތެއްގެ ސިފައިގައި އެބައިމީހުންގެ ދީނާއި އަގީދާގެ ހިމާޔަތުގައި ދިފާއުވުމަށް ހަނގުރާމަކުރުމުގެ ބާރުވެރިކަން ހުރި ބަޔަކުކަމުގައިވުމަށް މާތް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅު ނިޔާކުރެއްވި ގޮތަކީ އެއީ އެވެ. އެ ޝަރަފުވެރިކަން މަދީނާގެ އަހުލުވެރިންނަށް ލިބިގެންދާނެ ގޮތުންނެވެ. އިސާހިތަކު މުސްލިމުންނަކީ އަރަބީންގެ ގަބީލާތަކާއި އަރަބީންގެ ރަށްތައް ޖެހިލުންވާފަދަ އަދި ފަހުން މުޅި ދުނިޔޭގެ ބޮޑެތި ބާރުތައް ޖެހިލުންވާފަދަ ބާރަކަށްވެގެން އައުމުގެ ފެށުމަކީ، މަދީނާގެ އަހުލުވެރިން ހާއްސަކޮށް އައުސް ހާންދާނާއި ޚަޒްރަޖް ހާންދާނުގެ ދައުރެވެ. މަދީނާގެ ޞަޙާބީންނަށް އަންޞާރިއްޔަ ބޭކަލުންގެ ގޮތުގައި ނަންދެވި އެއީ އަންޞާރުން ކަމުގައި ނަން ދެވުނީ މިހެންވެގެންނެވެ. އާދޭހެވެ! ނަސްރު ދިން މީހުންނެވެ. ޞަޙާބީންކުރެ އަންޞާރިއްޔަ ބޭކަލުންނޭ ކިޔެނީ މަދީނާގެ މިދެންނެވުނު އަހުލުވެރިންނަށެވެ. މުހާޖިރުންނޭ ކިޔަނީ މައްކާއިން ހިޖުރަކުރި ޞަޙާބީންނަށެވެ.

ކަންމިހެން އޮތުމާކު، މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަތުމާއެކު، މުސްލިމުންގެ ޚަލީފާއަކު އަންނާންވާނީ މަދީނާގެ އަހުލުވެރިންގެ ތެރެއިންކަމަށް ބައެއް ޞަޙާބީންނަށް ހާއްސަކޮށް މަދީނާގެ އަހުލުވެރިންނަށް އެގޮތަށް ވިސްނިގެން މާތް ޞަޙާބީ ސައުދު ބުން ޢުބާދާ ޚަލީފާއަކުކަމުގައި ހައްދަވަން ކުރެއްވި މަސައްކަތަކީ ވަރަށް ތަބީއީކަމެކެވެ. އަބޫބަކުރުގެފާނަށް ބައިއަތު ހިފެވުނު މަޖިލީހުގައި ސައުދު ބުން ޢުބާދާ ދެއްކެވި ވާހަކަފުޅުން ވެސް އެކަން ސާފުވެއެވެ. އެވާހަކަފުޅުގެ ހުލާސާގައި ފާހަގަކުރައްވާފައިވާ މައިގަނޑު ކަންކަމަކީ، އިސްލާމީ އުންމަތް މަތިވެރިވެދިއުމުގައި މާތް ނަބިއްޔާއަށް ނަސްރު ދިނުމުގައި މަދީނާގެ އަހުލުވެރިން އިސްވެ އަދާކޮށްފައިވާ ދައުރެވެ.

އެ ދުވަހުގެ މަޖިލީހުގައި އަބޫބަކުރުގެފާނު ޚަލީފާކަމަށް ގެންނަން އެމަޖިލީހުގެ ގިނަ ބޭކަލުންނަށް ފެނިވަޑައިގަތީ މާތް ނަބިއްޔާގެ ހަދީސް ބަސްފުޅެއް އެކަމުގައި އޮތުމުންނެވެ. އެބަސްފުޅުގެ މުރާދުގައި އޮންނަނީ ވެރިން ވަނީ ޤުރައިޝްވަންހައިން ކަމަށެވެ. އެމަޖިލީހުގައި އަބޫބަކުރުގެފާނު ވާހަކަފުޅު ދެއްކެވުމުގައި އެ ހަދީސް ބަސްފުޅަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދެއްކެވުމުގައި އެގޮތަށް މާތް ނަބިއްޔާ ހަދީސް ކުރެއްވީ ޚުދު ސައުދު ބުން ޢުބާދާ ހުންނެވި ތަނެއްގައިކަމަށް ވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް އެގޮތަށް ފާހަގަކުރައްވާފައި، ހުށަހެޅުއްވީ އަމިއްލަ ނަންފުޅެއް ނޫނެވެ. ޚަލީފާކަމަށް ގެންނަން އަބޫބަކުރުގެފާނު ހުށަހެޅުއްވީ އުމަރުގެފާނާއި އަބޫ އުބައިދާގެފާނާ ދެބޭކަލުންކުރެ އެ މަޖިލީހުގައި ތިބި އަންޞާރިއްޔަ ބޭކަލުން ރުހުންދޭ ބޭކަލެކެވެ. އެކަމަކު އެކަމަށް އިންކާރުކުރައްވައި އަބޫބަކުރުގެފާނުގެ ނަންފުޅު އެމަޖިލީހަށް ހުށަހެޅުއްވީ އުމަރުގެފާނެވެ. މަދީނާގެ އަހުލުވެރިންގެ ތެރެއިން ވެރިޔަކާއި، މައްކާގެ ނުވަތަ ހިޖުރަކުރި މީހުންގެ ތެރެއިން ވެރިޔަކާ ދެވެރިން ތިބޭ ގޮތަށް ހެދުމަށްވެސް އެމަޖިލީހަށް ހުށަހެޅި ބަހުސްކުރެވުނެވެ. ކޮންމެއަކަސް މަޖިލީހުގެ ނިމުން އައީ އަބޫބަކުރުގެފާނު ޚަލީފާކަމަށް އައްޔަންކުރެވިގެންނެވެ. ފަހުން ހުރިހާ މުސްލިމުން ތަބާވީ އެމަޖިލީހުގެ ނިންމުމަށެވެ.

އެނިންމުންތަކަށްފަހު ވެސް މާތް ޞަޙާބީ ސައުދު ބުން ޢުބާދާ އަބޫބަކުރުގެފާނުގެ ޚަލީފާކަން ގަބޫލުނުކުރައްވާ ކަމަށް އޮންނަ ރިވާޔަތަކީ، އެއީ އެކަމުގައި އޮތް އެންމެ ސައްހަ ރިވާޔަތްކަމަށް ތާރީހުގެ ވަރަށް ގިނަ އިލްމުވެރިން ވިދާޅުވެއެވެ. އަދި ފަހުން މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނަށް ވެސް ސައުދު ބުން ޢުބާދާ ބައިޢަތު ނުހިއްޕަވާ ކަމަށް އޮންނަ ރިވާޔަތް އެޔާ ހިލާފަށް ހުރި ރިވާޔަތްތަކަށްވުރެ ވަރުގަދަކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ސަޢުދު ބުން ޢުބާދާ އަވަހާރަވީ އުމަރުގެފާނުގެ ޚަލީފާކަމުގައެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަމާ ގުޅިގެން ވިސްނާލުން މުހިންމު ދެތިން ނުކުތާއެއް އެބައޮތެވެ. އެއް ކަމަކީ ވެރިކަން އޮންނަންވާނީ ޤުރައިޝް ވަންހައަށް ކަމަށް މާތް ނަބިއްޔާ އިޝާރާތްކުރައްވައި އެކަން އެގޮތަށް ޝަރުޢީ ގޮތުން ހަމަޖެހިފައި އޮތުމުގެ ބޭނުމާއި މަގުސަދަކީ ކޮބާތޯއެވެ؟ ދެވަނަ ކަމަކީ ސަޤީފަތު ބަނީ ސާއިދާއޭ ކިޔުނު މަޖިލީހުގެ ނިންމުމާ އެއްގޮތަށް ސައުދު ބުން ޢުބާދާ އަބޫބަކުރުގެފާނަށް ބައިއަތު ނުހިއްޕެވި ސަބަބަކީ ކޮބާތޯއެވެ. ތިން ވަނަ ކަމަކީ، ސައުދު ބުން ޢުބާދާއަކީ ނުފޫޒުގަދަ ޚަޒްރަޖް ހާންދާނުގެ ލީޑަރުކަމަށްވާއިރު، ޚަޒްރަޖް ހާންދާނު އެކީއެކަށް އަބޫބަކުރުގެފާނަށް ބައިޢަތު ހިއްޕެވުމުން ދޭހަވާ ކަންކަމަކީ ކޮބާތޯއެވެ؟

މިދިޔަ ހަފުތާގައި އަޅުގަނޑު ލިޔެފައިވާ ލިޔުމާއި މިލިޔުމުގެ ކުރީގައި ދެކެވުނު ވާހަކަތަކުގައި، އިސްލާމްދީނަށް ގަދަކަން ލިބި، އިސްލާމީ އުންމަތަށް ބާރުވެރިކަން ލިބުމުގައި މަދީނާގެ ނުފޫޒުހުރި އައުސް އަދި ޚަޒްރަޖް ހާންދާނުގެ ދައުރުގެ ބޮޑުކަން ފާހަގަކުރެވިފައިވާނެއެވެ. އެކަމަކު އެ ދެ ހާންދާނަށް ގަދަކަމާއި ބަދަހިކަން ލިބުމުގައި މާތްވެގެންވާ އިސްލާމްދީންގެ ދައުރު އެޔަށްވުރެ މާބޮޑެވެ. އެ ދެ ހާންދާނުގެ ބައެއް ބޮޑުން މައްކާއަށް ޙައްޖުވާން އައިސް ޢަޤަބާގައި މާތް ނަބިއްޔާއާ ދެމެދު އިސްލާމްދީނަށް ނަޞްރުދިނުމަށް އެއްބެސްވެ ބައިޢަތު ހިފިއިރު، އައުސް ހާންދާނާއި ޚަޒްރަޖް ހާންދާނާ ދެމެދު ހިނގި ބޮޑު ހަނގުރާމައެއް ނިމުނުތާ ތިން އަހަރު ކިރިޔާ ހަމަވީއެވެ. ނުވަތަ ހަމައެއް ނުވެއެވެ. ގަބަލީ ދެކޮޅުވެރިކަން ނައްތައި، އެބައިމީހުން އެއްބައިކުރުވީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތެވެ.

ނަމަވެސް ގަބަލީ ދެކޮޅުވެރިކަމުގެ ހުޅުކޮޅު ނިވިފައިވިޔަސް އެޔަށް ފުމެ އަލުން ރޯކުރާން މަސައްކަތްކުރި އަދާވާތްތެރިން އޭގެ ފަހަށްވެސް ފެނިފައިވެއެވެ. ޚުދު މާތް ނަބިއްޔާ ސުވަރުގެ ވަޑައިގަތުމުގެ ކުރީގައި، އެ ދެ އާއިލާގެ ދެ ޒުވާނެއްގެ ދެމެދުގައި ހިނގި ދެބަސްވުމެއް ބޮޑުވެ، ދެ ގަބީލާ ހަނގުރާމައަކަށް ދިއުމަށް ތައްޔާރުވިއެވެ. މާތް ނަބިއްޔާއަށް މި ހަބަރު ލިބިވަޑައިގަތުމާއެކު ހިޖުރިކުރި ސަހާބީންނާއެކު އެދެއާއިލާގެ މީހުން ކައިރިއަށް ވަޑައިގެން ޙަދީޘްކުރެއްވިއެވެ. "އޭ މުސްލިމުންނޭވެ! ﷲ އެވެ! ﷲ އެވެ! ތިމަންކެލޭގެފާނު ތިޔަބައިމީހުންގެ ތެރޭގައި ހުއްޓައި ވެސް ޖާހިލިއްޔަތުގެ ގޮވުންތަކުން ގޮވަނީހެއްޔެވެ؟ އިސްލާމްދީނަށް ތިޔަބައިމީހުންނަށް ހިދާޔަތު ލިބުމަށްފަހުގައެވެ. އެދީނުގެ ސަބަބުން ތިޔަބައިމީހުން މާތްކުރެވިފައިވަނިކޮށެވެ. އެދީނުގެ ސަބަބުން ތިޔަބައިމީހުންގެ ތެރެއިން ޖާހިލިއްޔަތު ނެތިފައިވަނިކޮށެވެ. ކާފިރުކަމުން ތިޔަބައިމީހުން ސަލާމަތްވެ އެދީނުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް އެކުވެރިވެފައިވަނިކޮށެވެ. ދެން ވެސް އޭގެ ފަހުގައި ކުރިން ތިބި ގޮތަށް އެނބުރި ކާފަރުންކަމުގައި ވެގަންނަނީހެއްޔެވެ؟" މާތް ނަބިއްޔާ މިގޮތަށް ހަދީސް ކުރައްވާން ފެއްޓެވުމުން އެބައިމީހުންނަށް އެއީ ޝައިތާނީ ވަސްވާހެއްކަން އެނގި، އެއްބޭކަލަކު އަނެއް ބޭކަލަކާ ކޮނޑާ ކޮނޑު ޖައްސާ ސަލާންކުރައްވަމުން މާތް ނަބިއްޔާގެ އަރިހަށް ކިޔަމަންތެރިވެގެން އަތުވެއްޖެއެވެ.

މިރިޔާވަތަށް ނަޒަރުކުރާއިރު، އިސްލާމްދީނުގެ މައި މަރުކަޒު ނުވަތަ އިސްލާމީ ދައުލަތުގެ މައިކިއްލާ ނުވަތަ ވެރިރަށުގެ ހަމަޖެހުން މާތް ނަބިއްޔާއަށްފަހު ދެމިއޮތުމަށްޓަކައި، އައުސް ދަރިކޮޅާއި ޚަޒްރަޖު ދަރިކޮޅުގެ ދެމެދުގައި ޤަބަލީ ވިސްނުން އުފެދި ނުދިއުމަށް ހުރި ހުރިހާ މަގުތަކެއް ކޮށިފައި އޮތުން މުހިންމެވެ. އިސްލާމީ އުންމަތުގެ ބަދަހިކަމާއި އެކުވެރިކަމަށްޓަކައި، އެކަން ނިޔާކުރަނީ، މާތް ނަބިއްޔާއާއެކު މައްކާއިން ހިޖުރަކުރި ބޭކަލުންކުރެ ބޭކަލެއް ވެރިއެއްގެ ގޮތުގައި ހުރުމެވެ. ގަބީލާތަކުގެ ދެކޮޅުވެރިކަމަށް ކޮށޭ މަގަކަށް އެހެން ހުރިހާ ގޮތެއްވުން ގާތެވެ. އެހެންވީމާ ޤުރައިޝް ވަންހައަށް އެބާރުވެރިކަން ޝަރުއީ ގޮތުން ލިބިފައިއޮތުމަކީ އޭގައި ފުރިގެންވާ ފައިދާހުރި ޙިކުމަތެއް އެކުލެވިފައި އޮތް ކަމެކެވެ.

ސައުދު ބުން ޢުބާދާ ފަހުންވެސް އަބޫބަކުރުގެފާނަށް ބައިއަތު ނުހިއްޕެވީ އެއީ ވެރިކަމުގެ ދަހިވެތިކަމުގައެއް ނޫނެވެ. އެހެނެއްކަމަކު އެއީ އިތުރު މާތް ޞަޙާބީއަށް ވިސްނިވަޑައިގެންނެވި އެންމެ ހެޔޮ ގޮތެވެ. މާތް ނަބިއްޔާގެ ބަސްފުޅުގައިވަނީ، އަލަށް އުފެދޭ ކަމެއްގައި ވިސްނައި ފިކުރުކޮށްގެން އެކަމުގައި އޭނާއަށް ވިސްނޭގޮތް ރަނގަޅުކަމުގައި ވެއްޖެނަމަ އެމީހަކަށް ދެ އަޖުރު ހުއްޓެވެ. އެކަމުގައި އިހްލާސްތެރިކަމާއެކު ވިސްނާފިކުރުކޮށްގެން އެމީހަކަށް ގޯސްހެދިއްޖެނަމަ ވެސް އަޖުރެއް ހުއްޓެވެ. އެހެންވީމާ މާތް ޞަޙާބީ ސައުދު ބުން ޢުބާދާއަށް ކުޑައިމީސްކުރާނެ ޖާގައެއް ނެތެވެ. އެހެނީ ވެރިކަމެއް ބޭނުންވެގެން އުޅުއްވި ބޭކަލެއް ނަމަ، ޚަޒްރަޖު ވަންހައިގެ އެހެން މީހުން އެކަލޭގެފާނުގެ ކޮޅަށް ހައްލައި ބައިގިނަކުރުމުގެ މަސައްކަތެއް ކުރެއްވިކަން ތާރީޚުން ފެންނާން އޮތީހެވެ. އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައި އިތުރު އެކަލޭގެފާނަށް ބައިޢަތު ނުހިއްޕަވާ މުރުތައްދުވެގަތް މީހުންނަކީ ވެސް ގިނަ ބަޔެކެވެ. އަދި އެބައިމީހުންނާ ދެކޮޅަށް މުސްލިމުންނަށް ގިނަގުނަ ހަނގުރާމަކުރާންޖެހުނެވެ. މިއިން ކަމެއްގައި ސައުދު ބުން ޢުބާދާ ބައިވެރިވެވަޑައިގެންފައި ނުވާތާނގައި އެފަދަ ކަމެއްގައި ޚަލީފާއާ ދެކޮޅަށް ހަމަ އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވެއެވެ. ސައުދު ބުން ޢުބާދާއަކީ، މަތިވެރި މާތް ޞަޙާބީއެކެވެ. އިތުރު އެކަލޭގެފާނުގެ ދީލަތިކަމާއި ހިތްވަރުގަދަކަމުން އިސްލާމްދީނަށް ނަސްރުދެއްވުމުގައި އެފަދަ ދެވަނައެއް ނެތި އިސްނަންގަވައި ކުރި ހޯއްދެވި މާތް ބޭކަލެކެވެ. "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ސަޢުދު ބުން ޢިބާދާގެ އާއިލާއަށް އިބަރަސްކަލާނގެ ޞަލަވާތާއި އިބަރަސްކަލާނގެ ރަޙްމަތް ދެއްވާފާނދޭވެ" މިގޮތަށް ދުޢާކުރެއްވީ އަހަރެމެންގެ މާތް ނަބިއްޔާއެވެ.

އާދޭހެވެ! ސައުދު ބުން ޢުބާދާ ނިންމެވި ގޮތަކީ އިސްވެ ދެންނެވި ގޮތްކަމަށްވިޔަސް ޚަޒްރަޖް ހާންދާން އެކީއެކަށް އަބޫބަކުރުގެފާނަށް ބައިޢަތު ހިއްޕެވިއެވެ. މިކަމުން އައުސްއާއި ޚަޒްރަޖް އަދި އެނޫންވެސް ގަބީލާތަކުގެ ދެމެދުގައި އޮތް ގަބަލީ ވިސްނުން އިސްލާމްދީން ބަދަލުކޮށްފައިވާކަން އަދި ގަބަލީ ވިސްނުން ދޫކޮށް މުސްލިމުންގެ ބޮޑުންނާއި ވެރިންނާއި އާންމުން ތިބީ ފުރިހަމަ އިސްލާމީ ހިދާޔަތުގެ މަތީގައިކަން ސާފެވެ. އަދި މުސްލިމުންގެ ވެރިޔަކު ހޮވުމުގައި ގަބަލީ ވިސްނުން އިސްކުރުމަކީ އިސްވެދިޔަ އަހަރެމެންގެ ސަލަފުއްޞާލިޙުން އެކަމާ ދެކޮޅު ހައްދަވައި ފުރިހަމަ ނަމޫނާ ދައްކަވާފައިވާ ކަމެއްކަންވެސް ސާފެވެ. މާތް ﷲ އެ އެންމެ ބޭކަލުންނަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ!.