Advertisement

ޚިލާފަތެއްގެ ފެށުން

20 ޖަނަވަރީ 2023 - 16:08 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ޚިލާފަތެއްގެ ފެށުން

20 ޖަނަވަރީ 2023 - 16:08 0

މާތް ނަބިއްޔާ ދުނިޔޭގައި ހުންނެވިއިރު، އިތުރު އެކަލޭގެފާނަކީ މުސްލިމުންގެ ވެރިމީހާ އެވެ. ނަމަވެސް, އިތުރު އެކަލޭގެފާނު ވެރިޔެއްކަމުގައިވަނީ، މުސްލިމުންގެ ނަބިއްޔާ އަދި މާތް ﷲ މިއުންމަތަށް ކައުކުރެއްވި އެކަލާނގެ ރަސޫލާގެ ހައިސިއްޔަތުންކަމަށްވީހިނދު، އެއީ ބަހުގެ ގޮތުންނާއި ފަންނީ ގޮތުން ބެއްޔަސް ތަފާތު ހައިސިއްޔަތެއް ލިބިވަޑައިގެންވި ވެރިއެކެވެ. އާދޭހެވެ. އިތުރު އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެންމެހާ މުސްލިމްތަކުންގެ ލީޑަރެއް ކަމުގައި އިތުރު އެކަލޭގެފާނު ވެވަޑައިގަންނަވަނީ، ނަބިއްޔެއް އަދި ވަޙީބާވާލެއްވޭ ރަސޫލެއްގެ ހައިސިއްޔަތާއެކު އެވެ. އިތުރު އެކަލޭގެފާނުގެ ކޮންމެ ބަސްފުޅަކީ އެޔަށް ތަބާވުން އަމުރުވެވިގެންވާ ވަޙީ އެވެ. އިތުރު އެކަލޭގެފާނުގެ ކޮންމެ އަމަލުފުޅަކީ އެއިން ނަމޫނާ ލިބިގަތުން ޝަރުޢީގޮތުން ވާޖިބުވެފައިވާ ދީނީ ޙުކުމްތަކާ ގުޅިލާމެހިފައި އޮތް ކަމެކެވެ.

މާތް ނަބިއްޔާ ވެރިއެއްގެ ހައިސިއްޔަތުން ކުރެއްވި ކޮންމެ ކަމެއް ވެސް ގުޅިފައިއޮތީ ދީނީގޮތުން ކަމެއް އޮތްގޮތް ބަޔާންކުރެއްވުމާ ކަމަށްވީހިނދު، އެކަމުގެ ފަލްސަފާ ގުޅިފައި އޮތީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންގަތުމުގެ މަންހަޖާ އެވެ. އިތުރު އެކަލޭގެފާނު ހަނގުރާމަތަކަށް ނިކުންނަވައި، މުސްލިމުންގެ ސަފުތައް ރުކުރުވާލުމުގައި ވެރިޔެއްގެ ދައުރު އަދާކުރެއްވި އެވެ. ދޭދޭ މީހުންގެ މެދުގައި ދިމާވާ މައްސަލަތައް ހައްލުކުރައްވައި ނިޔާކަނޑައެޅުއްވުމުގައި ޤާޟީއެއްގެ ދައުރު އަދާކުރެއްވި އެވެ. އެހެނިހެން އުންމަތްތަކާ މުއާމަލާތުކޮށް އެހެން ދީންތަކުގެ އަހުލުވެރިންނާ މުއާމަލާތު ކުރެއްވުމުގައި މުސްލިމުންގެ ވެރިއެއްގެ ދައުރު އަދާކުރެއްވި އެވެ. މުސްލިމުންގެ ކަންކަން ހިންގަވައި އިސްލާމީ މުޖުތަމައު ތަރުތީބުކުރެއްވުމުގައި ވެރިޔެއްގެ ދައުރުއަދާކުރެއްވި އެވެ. އެހެނެއްކަމަކު އެއީ އެއްވެސް ކަމެއް ކުރެއްވި ގޮތާ މެދު އެއްވެސް މުސްލިމަކަށް ކުޑަ ނަމަވެސް ޝައްކެތްކުރުމުގެ ޖާގަ ނެތްފަދައިން މާތް ﷲ ގެ ހަޒުރަތުން ވަޙީބާވާލެއްވޭ ރަސޫލާގެ ހައިސިއްޔަތުންނެވެ.

އިތުރު އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވީ މީލާދީ ސަނަތުން، 633 ވަނަ އަހަރުގެ ޖޫން މަހުން 8 ވީ ދުވަހު އެވެ. މީލާދީ ސަނަތުން ތާރީޚް މި ގެނެސްދެނީ، ކިޔުންތެރިންގެ ހިތްތަކަށް އަހަރާއި ތާރީހު ވިސްނައިގަތުން ފަސޭހަކޮށްދިނުމުގެ ބޭނުމަށެވެ. ހިޖުރީ ތާރީޚުން އެއީ އެގާރަ ވަނަ އަހަރެވެ. ސީދާ ދުވަހަކާމެދު ޚިލާފެއް ހުއްޓަސް ސުވަރުގެ ވަޑައިގެންނެވި އަހަރާއި މަހާއި މެދު ޚިލާފެއް އެނގޭކަށް ނެތެވެ.

އިތުރު އެކަލޭގެފާނަކީ ނަބިއްޔެއް އަދި ރަސޫލެކެވެ. ވެރިކަމެއް ކުރެއްވި ރަސްކަލެއް ނޫނެވެ. އިންތިޚާބުކުރެވުނު ރައީސެއް ވެސް ނޫނެވެ. ވާރުތައިން ބާރު ލިބިވަޑައިގެންނެވި ޕްރިންސެއް ނުވަތަ ވަލީ ޢަހުދެއްވެސް ނޫނެވެ. އެހެންނެއް ނޫނެވެ. މާތް މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްއަކީ، މާތް ﷲ އެކަލާނގެ ރިސާލަތައިގެން އިޚްތިޔާރުކުރެއްވި ނަބިއްޔާ އެވެ. އެހެންކަމާއެކު އިތުރު އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމުގެ ކުރިން، އިތުރު އެކަލާގެފާނަށްފަހު އުންމަތުގެ ވެރިކަން އޮންނާންވީ ކާކަށްކަން ބަޔާންކުރައްވައި ހައްދަވާފައި ނުވެއެވެ. އިތުރު އެކަލާގެފާނު ސުވަރުގެވަޑައިގެންނެވީ، އިތުރު އެކަލޭގެފާނު ދޫކުރެއްވި މާތް ﷲ ގެ ފޮތާއި އިތުރު އެކަލޭގެފާނު އުޅުއްވި ގޮތުގައި ހިފައިފިނަމަ، މަގުފުރެދިގެން ނުދާނޭކަން އުންމަތަށް އަންގަވައި ބަޔާންކޮށްދެއްވުމަށްފަހު އެވެ. އަދި އިސްލާމްދީނުގެ ރިސާލަތު އިންސާނުންނަށް ފޯރުކޮށްދީ ފުރިހަމަކޮށްދެއްވުމަށްފަހުގައެވެ. އެފޮތާއި ގޮތުގައި ދުނިޔަވީ ދިރިއުޅުމުގެ ފުރިހަމަ ނިޒާމު ބަޔާންކުރެވިފައިވާހިނދު، ވެރިން އިޚްތިޔާރުކުރުމާއި ވެރިކަމުގެ ނިޒާމު ބައްޓަންވާންވީ ގޮތް ބަޔާންވެފައި އޮންނާނެކަމާމެދަކު ޝައްކެތް ނެތެވެ. ނިސާއު ސޫރަތުގެ 59 ވަނަ އާޔަތް މިދެންނެވި ހުރިހާ ވާހަކައެއްގެ ދަލީލަކަށް ފުދެ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ!" މިއާޔަތުގެ ސާފު ދަލީލުން، މާތް ރަސޫލާގެ އިތުރުން މުސްލިމުންގެ ތެރޭގައި ވެރިކަމުގެ ހައިސިއްޔަތު ލިބިފައިވާ ބަޔަކު ތިބޭންވާނެކަމަށް ދަލީލުކުރެ އެވެ. އަދި އިތުރު އެކަލޭގެފާނަށް އޮތް ރަސޫލުކަމުގެ ހައިސިއްޔަތު ނިޔާކުރަނީ، ދެބަސްވެވޭކަންކަމުގައި އިތުރު އެކަލޭގެފާނަކީ ދަލީލު ނެގުމުގެ މަސްދަރެއްގެ ގޮތުގައި އޮތުމަށެވެ.

އިތުރު އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވުމާއެކު، ހުރިހާ މުސްލިމުންނަށް ކުއްލިއަކަށް އެބައިމީހުންގެ ވެރިޔެއްކަމުގައި އަބޫބަކުރުގެފާނު އިޚްތިޔާރުކުރުމަށް އެއްބަސްވެވުނީކީ ނޫނެވެ. އެހިސާބަށް ދެވުނީ ތަފާތު އެކި މަޖިލިސްތަކުގައި ކުރެވުނު އެކި މަޝްވަރާތަކަށްފަހުގައެވެ. އާދޭހެވެ. މުއުމިނުންގެ އެންމެ މަތިވެރި އެއްސިފަކަމުގައި ކީރިތި ޤުރުއާނުގައި އަންގަވައި ބަޔާންކުރައްވާފައިވާ، "އެބައިމީހުންނަކީ އެބައިމީހުންގެ ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް މަޝްވަރާކޮށްގެން ކަންކަން ކުރާ ބަޔެކެވެ." އޮތް ބަސްފުޅުގެ ނަމޫނާ މިސާލެއް ފަހުތިބީންނަށް ދައްކަވަމުންނެވެ.

އިތުރު އެކަލާގެފާނު ސުވަރުގެ ވަޑައިގަތުމާއެކު، މަދީނާގެ އަހުލުވެރިންގެ ތެރެއިން ބޮޑުންނާއި ކަމުވޮށިގެންވާ މީހުން އެބައިމީހުން މަޝްވަރާކުރުމަށް އެފަދަ ކަންކަމުގައި އެއްވާ މައިދާނަށް ޖަމާވެ މަޖިލިސްކުރަން ފެށި އެވެ. ދެން ހަދާނެ ގޮތަކާއި މުސްލިމުންގެ ވެރިޔަކު އިޚްތިޔާރުކުރާނެ ގޮތަކާމެދުގަ އެވެ. މަދީނާގެ އަހުލުވެރިން ނުވަތަ އަންޞާރިއްޔަ ބޭކަލުންނެވެ. އާދޭހެވެ. މާތް ނަބިއްޔާ ސުވަރުގެ ވަޑައިގެންނެވީ މަދީނާގައިކަމަށްވީއިރު، މަދީނާގެ އާބާދީގައި ކަމުވޮށިގެންވާ ބޭބޭކަލުން ކެޓަގަރީ ކުރެވޭނެ އެއްގޮތަކީ މަދީނާގެ އަސްލު އަހުލުވެރިން (ނަބިއްޔާއަށް ނަޞްރުދިނުމުގެ ސަބަބުން އަންޞާރިއްޔަ ބޭކަލުންގެ ގޮތުގައި ނަންކުރެވޭ) ބޭކަލުންގެ ތެރެއިން ކަމުވޮށިވެގެންވާ ބޭކަލުންނާއި، މާތް ނަބިއްޔާގެ އަރިހުގައި މަދީނާއަށް ހިޖުރަކުރެއްވި، އަސްލު މައްކާގެ ނުވަތަ އެހެން ސަރަހައްދުތަކުގެ ބޭބޭކަލުންކުރެ ބޮޑެތި ބޭކަލުންނެވެ. ދެންނެވުނު މަޖިލީހަށް މިއެއްވި ބޭކަލުންގެ ތެރޭގައި އުސޫލެއްގެ ގޮތުން މަދީނާގެ އަހުލުވެރިން ފިޔަވައި އެހެން ބޭކަލުން ހިމެނިވަޑައިނުގަންނަވައެވެ. މިބޭކަލުންގެ މިސައްލާއާއި މަޝްވަރާގެ ޚަބަރު އަބޫބަކުރުގެފާނަށާއި ޢުމަރުގެފާނަށް ލިބިވަޑައިގަތުމާއެކު އެމަޖިލިހަށް ވަޑައިގެން އެމަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތެވެ.

އަޅުގަނޑު ހުށަހަޅައިދެމުން މިގެންދަނީ ކުރުކޮށްފައި ވަރަށް ކުރުކޮށް ހުލާސާއެކެވެ. ވިސްނައި ފިކުރުކުރާ މީހަކަށް އަލި މަގެއް ދައްކާލަދިނުމަށެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ދެންނެވުނު މަޖިލީހަށް ވަޑައިގެންނެވިއިރު، މަދީނާގެ އަހުލުވެރިންގެ މަޝްވަރާއިން މުސްލިމުންގެ ވެރިއެއްގެ ގޮތުގައި އިޚްތިޔާރުކުރުމަށް އެބޭކަލުން ގާތްގަނޑަކަށް އެއްބަސްވެވަޑައިގަންނަވަމުން ގެންދެވީ، މަދީނާގެ ނުފޫޒުހުރި ބޮޑުންގެ ތެރޭގައި ހިމެނުނު މާތް ޞަޙާބީއެއްކަމުގައިވާ ސަޢުދު ބުން ޢުބާދާއެވެ.

އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ އިތުރުން އެހެން މުހާޖިރު ބޭކަލުން އެމަޖިލީހަށް ވަޑައިގެން މަޝްވަރާގައި ބައިވެރިވެވަޑައިގަތެވެ. އަބޫބަކުރުގެފާނުގެ ހުށަހެޅުއްވުމަކަށްވީ، މާތް ޞަޙީބީއެއްކަމުގައިވާ އަބޫ ޢުބައިދާ ބުނުލް ޖައްރާޙް ނުވަތަ ޢުމަރުގެފާނުގެ މުސްލިމުންގެ ވެރިޔެއްގެ ގޮތުގައި ޢައްޔަންކުރުމެވެ. އެހެންނަމަވެސް، ޢުމަރުގެފާނާއި އަބޫޢުބައިދާގެ ހުށަހެޅުއްވުމަކަށްވީ، އަބޫބަކުރުގެފާނު މުސްލިމުންގެ ވެރިޔެއްގެ ގޮތުގައި ޢައްޔަންކުރެއްވުމެވެ. މަދީނާގެ އަހުލުވެރިން ނުވަތަ އަންޞާރިއްޔަ ބޭކަލުންގެ ހުށަހެޅުމުގެ ޚުލާޞާ އިސްވެދިޔައީއެވެ. ކޮންމެއަކަސް މި ހުށަހެޅުއްވުންތަކާމެދު ވަރަށް ގިނަ ބަހުސް ހިނގިއެވެ. ވެރިކަން އޮންނާންވާނީ ޤުރައިޝް ވަންހައިން އަންނަ ބޭކަލަކަށް ކަމަށް އޮންނަ ރިވާޔަތުން އެކި ބޭކަލުން ދަލީލު ނެންގެވިއެވެ. މާތް ނަބިއްޔާގެ ޙަޔާތްޕުޅުގައި އިތުރު އެކަލޭގެފާނާ އެންމެ އަރިސް ބޭކަލެއްކަމުގައި ވެފައިވީ އަބޫބަކުރުގެފާނުކަމަށް ބައެއް ބޭކަލުން ދަލީލު ދެއްކެވިއެވެ. އިތުރު އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި، މުސްލިމުން އިމާމްކުރައްވައި ޖަމާއަތުގައި ނަމާދުކުރެއްވުން އަބޫބަކުރުގެފާނާ ހަވާލުކުރެއްވި ކަންމައްޗަށް ވެސް ބޭބޭކަލުން ވާހަކަފުޅުދެއްކެވިއެވެ.

ކޮންމެއަކަސް އެމަޖިލީހުގެ މަޝްވަރާއިން ނިމުނީ، އަބޫބަކުރުގެފާނު އުންމަތުގެ ވެރިއެއްގެ ގޮތުގައި މުސްލިމުންގެ ޚަލީފާގެ ނަމުގައި ޢައްޔަންކުރުމަށެވެ. އާދޭހެވެ! އެމަޖިލީހުން ބަލައިގަތީ އެގޮތަށެވެ. އިސްލާމީ ފިޤުހުގައި އެޔަށް ކިޔުނީ މުސްލިމުންގެ ޚަލީފާކަމަށް އަބޫބަކުރުގެފާނަށް ބައިޢަތު ހިފުމެވެ. އެމަޖިލީހުގައި ތިއްބެވީ ކަމުވޮށިވެގެންވާ ބޮޑުންނެވެ. ހުރިހާ މުސްލިމުންނެއް ނޫނެވެ. އެމަޖިލީހުގައި ބައިޢަތު ހިފެވުނު ގޮތަށް، ފަހުން އެންމެހާ މުސްލިމުން، އަންހެނުންނާއި ފިރިހެނުން ބޮޑެތި މީހުންނާއި ކުޑަކުދިން އަބޫބަކުރުގެފާނަކީ މުސްލިމުންގެ ޚަލީފާކަމަށް ބައިޢަތު ހިފުން ހިނގީ އޭގެ ފަހަށެވެ. އެންމެހާ މުސްލިމުން ކަމަށް ތާރީޚްގައި ކިޔަނީ ގިނަ މީހުންނަށެވެ. ބައެއް ބައެއް ބޭކަލުން އަބޫބަކުރުގެފާނަށް ބައިޢަތު ނުހިއްޕަވާ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އެކަމަށް އަލިއަޅުވާލަންޖެހޭ މައުޟޫއެކެވެ. ސަޢުދު ބުން ޢުބާދާއަކީ މަތިވެރި ޞަޙާބީއަކަށްވާއިރު، އަބޫބަކުރުގެފާނުގެ ޚަލީފާކަމަށް ބައިޢަތު ނުހިއްޕެވި ސަބަބަކީކޮބާތޯއެވެ؟ އެކަމުގައި ނަންހިނގާ އެހެން ޞަޙާބީންވެސް ބައިވެރިވީތޯއެވެ؟ އިސްވެ ދަންނަވާލެވުނު މަޖިލީހަށް އެއްވި ނަންހިނގާ ބޮޑުންނަށް އޮތް ހައިސިއްޔަތަކީ ކޮބާތޯއެވެ؟ ކަމުވޮށިވެގެންވާ މީހުންކަމުގައި އިސްލާމީ ފިޤުހުގައި ކިޔާ ކަމުވޮށިގެންވާ މީހުންގެ ހައިސިއްޔަތަކީ ކޮބާތޯއެވެ؟ މިސުވާލުތަކުގެ އަލީގައި ފިކުރު ހިންގައި ވާހަކަދެއްކުމަށް ގަސްދުކުރަނީ އެހެން ލިޔުމެއްގައެވެ.