ގައުމީ ފެންވަރުގައި ވިޔަސް ދުނިޔޭގެ ފެންވަރުގައި ވިޔަސް ކުޅިވަރަކުން ކާމިޔާބީ ހޯދަން ބަލާއިރު ރަނގަޅު ވަސީލަތްތަކަކާ އެކު ރަނގަޅު ތަމްރީންތަކެއް ލިބުން މުހިންމެވެ. މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާއިރު, ރާއްޖޭގެ ގިނަ ކުޅިވަރުތަކުން ބޮޑެތި ކުރިއެރުން ހޯދައި ކާމިޔާބީތައް ހޯދާފައިވަނީ ފެންވަރު ރަނގަޅު ތަމްރީންތަކެއް ލިބެން ފެށުމުންނެވެ. އޭގެ ކުރިންވެސް ލިބުނު ކާމިޔާބީތައް ހޯދުމުގެ މައިގަނޑު ސިއްރަކީ މުބާރާތްތަކުގެ ކުރިން ލިބުނު ރަނގަޅު ތަމްރީންތަކެވެ.
މިހާތަނަށް ރާއްޖެ އިން ހޯދި ބޮޑެތި ކާމިޔާބީތަކަށް ބަލާއިރު އެކަން ވަރަށް ބޮޑަށް ސާފެވެ. އެ ގޮތުން. 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދުމުގެ ކުރިން ގައުމީ ޓީމް މެލޭޝިއާގައި ތަމްރީން ހެދި އެވެ. އޭގެ ފަހުން 2018ގައި އެ ތަށި ހޯދީ ގަތަރުގައި ދޮޅުމަސް ދުވަހު ތަމްރީން ހަދައިފަ އެވެ.
ބޮޑެތި ކުޅިވަރު ގޭމްސްތަކަށް ބަލާއިރު، 2015 ގައި ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދީ ޖެމެއިކާގައި ހެދި ފެންވަރު ރަނގަޅު ތަމްރީންތަކާ އެކުގަ އެވެ. އޭގެ ފަހުން، ސާއިދު ހޯދި އެހެން ކާމިޔާބީތަކުގައި ވެސް އޭނާ ގައުމުން ބޭރުގައި ހެދި ތަމްރީންތައް ބޮޑު ދައުރެއް އަދާކުރި އެވެ. އެ އަށް ފަހު، 2019 ގެ އައިއޯއައިޖީ އާއި އެހެނިހެން މުބާރާތްތަކުން ޒުވާން ތަރި ފާތިމަތު ދީމާ އަލީ ހޯދި ކާމިޔާބީތަކުގެ އެންމެ ބޮޑު އެއް ސިއްރަކީ ޗައިނާ، ތައިލެންޑް އަދި ސްރީ ލަންކާގައި އޭނާ ހެދި ތަމްރީންތަކެވެ.
ކަން މިހެން އޮތުމާ އެކު ސަރުކާރުންނާއި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ރާއްޖޭގެ އުއްމީދީ ޒުވާން އެތުލީޓުންނަށް ތަމްރީން ހެދުމަށް ފުރުސަތުތައް ހޯދުމުގެ މަސައްކަތްތައް އަންނަނީ އަބަދުވެސް ކުރަމުންނެވެ. އެ ގޮތުން ޒުވާނުންގެ މިނިސްޓްރީން ކުރިއަށްގެންދާ "އަރުތަ" ޕްރޮގްރާމްގެ ތެރެއިން ގިނަ ކުދިންތަކަކަށް އެ ފުރުސަތު އަންނަނީ ތަނަވަސްކޮށްދެމުންނެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އެހީތެރިކަމާ އެކު ދުނިޔޭގެ އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ސްކޮލާޝިޕްތަކެއް ވެސް އެކި ކުޅިވަރުތަކުގެ އެތުލީޓުންނަށް އަންނަނީ ލިބެމުންނެވެ. މީގެ އިތުރުން ދާދި ފަހުން ގައުމީ ބެންކް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ތެރެއިން ހަތް އެތުލީޓަކަށް މަތީ ފެންވަރުގައި ތަމްރީން ފުރުސަތު ފަހިކޮށްދީފަ އެވެ.
މި ހުރިހާ ފުރުސަތެއް ލިބުނު ގޮތާއި ލިބުނު އެތުލީޓުންނަށް ބަލާއިރު މުޅިންވެސް ތިބީ އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެތުލީޓުންނެވެ. މިގޮތުން ޓޭބަލް ޓެނިހުގެ އަންހެން ތިން ކުޅުންތެރިއަކާއި (ދީމާ، ފާތިމަތު ރަފާ ނާޒިމް، މިޝްކާ އިބްރާހިމް)، ފިރިހެން ތިން ކުޅުންތެރިއަކާއި (ޝައްފާން އިސްމާއިލް، ޒީކް ހަސަން ލަތީފް، ތާބިން ސުޖާއު)، ޓެނިހުގެ އަންހެން ދެ އެތުލީޓަކާއި، (އާރާ އާސާލް އާޒިމް، ނަބާ ނިޝާން)، ބެޑްމިންޓަން ދެ ބެއިން ކަމަށްވާ ފާތިމަތު ނަބީހާ އާއި އާމިނަތު ނަހާބާ، ބީޗްވޮލީބޯޅަ ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އަދި ދުވުންތެރިޔާ އިބާދުﷲ އާދަމް އަށް މިހާތަނަށް ސަރުކާރުގެ އަރުތަ ޕްރޮގްރާމުން ވަނީ ތަމްރީން ފުރުސަތު ހުޅުވައިދީފަ އެވެ.
އެމްއޯސީއާއި ގުޅިގެން އައިއޯސީން ދެމުން އަންނަ އޮލިމްޕިކް ސްކޮލާޝިޕް ލިބުނީ ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން، ސާފަރު އިސްމާއިލް ރަޝީދު (ސްމައިލީ)، ބެޑްމިންޓަން ތަރި ނިބާލް އަހުމަދު، ޝޫޓިން އިން ޒިޔާން ޒިޔާން އަދި ޓީޓީގެ ދީމާ އަށެވެ.
ދާދި ފަހުން ބެންކުން ހުޅުވާލި ފުރުސަތުގައި އެޕްލައިކުރި ކުދިންގެ ތެރެއިން ސްކޮލާޝިޕް ހަތް އެތުލީޓަކަށް ދިނެވެ. އެއީ ދެ ދުވުންތެރިން ކަމަށްވާ މަރިޔަމް ރޫޔާ އަލީ އާއި މުހައްމަދު މިންހަލް ޝާމިން، ބެޑްމިންޓަން އިން ޝުބާ މުހައްމަދު ޝަރީފް އާއި މުހައްމަދު ސާލިމް އަބްދުލް ސަމަދު، ޓޭބަލް ޓެނިހުން ފާތިމަތު ޖުމާނާ ނިމާލް އާއި މޫސާ މުންސިފް އަހުމަދު އަދި ޓެނިހުން ލަޔާން މުހައްމަދު ޝާމިން އަށެވެ.
މި ހުރިހާ ފުރުސަތެއް ވެސް ލިބުނު އެތުލީޓުންނަށް ބަލާއިރު ފާހަގަވަނީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގުގެ ގިނަ ތަރިންނަކަށް ފުރުސަތު ލިބިފައިވުމެވެ. އެއީ ހަމަ ޔަގީނުންވެސް ކުޅިވަރުގެ އަނެއް ހަރުފަތަށް ދާން ކުރާ މަސައްކަތުގައި ލިބޭނެ ބޮޑު ހިތްވަރަކަށްވާނެ އެވެ.
އެކަމަކު ދެން ފާހަގަވާ ކަމަކީ ހުރިހާ ފުރުސަތެއް ވެސް އިންޑިވިޖުއަލް ކުޅިވަރުގެ އެތުލީޓުންނަށް ލިބުމެވެ. ސަރަހައްދީ ލެވެލްގައި ކާމިޔާބީ ހޯދަމުން އަންނަ ކުޅިވަރު ޓީމްތައް ރާއްޖޭގައި އެބަތިއްބެވެ. އެ ޓީމްތަކުގައި ޒުވާން އުއްމީދީ ހުނަރުވެރި ކުޅުންތެރިން ވެސް ގިނަ އެވެ. އެކަމަކު، އެކުދިންނަށް އެއްވެސް ދިމާލަކުން ތަމްރީން ފުރުސަތު ނުލިބުމަކީ ޓީމް ކުޅިވަރުތަކަށް ލިބޭނެ މާޔޫސް ކަމެކެވެ. އަންނަ ހުސްކަމެކެވެ.
ގިނަ ފަހަރަށް ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދަން ފުރުސަތުދެނީ އެ ކުޅިވަރުގެ ރަނގަޅު ވަސީލަތްތައް ރާއްޖޭގައި ނެތްކަމަށް ބުނެ އެވެ. އެހެން ކަމަށް ވާނަމަ ވޮލީ އަށް ހާއްސަ އިންޑޯ ކޯޓެއް ރާއްޖޭގައި ނެތެވެ. ބާސްކެޓްގެ ހާލަތަކީވެސް މިއީ އެވެ. ފުޓްބޯޅަ ދަނޑު އެބަހުއްޓެވެ. އެކަމަކު، ގައުމީ ޓީމްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން ގައުމުން ބޭރުގެ މަތީ ލެވަލްގައި ވާދަކުރާ ކުލަބަކަށް ކުޅުނު ކުޅުންތެރިއަކަށް ހުރީ އަލީ އަޝްފާގު (ދަގަނޑޭ) އެކަންޏެވެ. ފެންވަރު ނެތީއެއް ނޫނެވެ. ހަރަދަށް ބަލާއިރު އެއީ ބޮޑު ހަރަދެކެވެ. ބޮޑު ގުރުބާނީ އެކެވެ.
ފަހަރުގައި ޓީމް ކުޅިވަރުތަކަށް ފުރުސަތު ލިބެނީ މި ސަބަބާ ހުރެކަމަށް ވެދާނެ އެވެ. ޓީމަކަށް ނުވަތަ ޓީމު ކުޅިވަރެއްގައި އުޅޭ އެތުލީޓަކަށް ކުރަން ޖެހޭ ހަރަދު އެހެން ކުޅިވަރުތަކާ ބަލާއިރު ބޮޑުވީމަކަމަށް ވެދާނެ އެވެ. ސްކޮލާޝިޕާއި ސްޕޮންސާޝިޕް ދިނުމުގައި ޓީމް ކުޅިވަރުތައް ލިސްޓުގެ ފަހަތަށް ދާ ސަބަބަކީ މިއީ ކަމަށްވުން އެކަށީގެންވެ އެވެ.
ފަހުގެ ތާރީހަށް ބަލާއިރު އިންޑިވިޖުއަލް ކުޅިވަރުތަކުން ކާމިޔާބީތައް ހޯދި މިންވަރު ގިނަ އެވެ. އެކަމަކު، އެކަން އެ ގޮތަށް ވެފައިވަނީ އިންޑިވިޖުއަލް ކުޅިވަރުތަކަށް ފޯކަސްކޮށްގެން ދެވުނު ތަމްރީންތަކާއި ފުރުސަތުތަކުގެ ސަބަބުންނެވެ. ޓީމް ކުޅިވަރުތަކަށް މީގެ ކުރިން ހޯދި ކާމިޔާބީތައް މިހާރު ނުހޯދެނީ އެ ފުރުސަތު ނުލިބޭތި ކަމަށް ބެލެވިދާނެ އެވެ. ޖުމްލަކޮށް ކުޅިވަރަށް ކުރާ ހޭދަ ބޮޑުވި ނަމަވެސް ކުޅުންތެރިންނަށް ކުރާ ހޭދަ ފެންނަނީ އެހެން ކުޅިވަރުތަކާ ހިލާފަށް ކުޑަކޮށެވެ.
ރާއްޖޭގެ ކުޅިވަރުގެ ކުރީގެ ވަރުގަދަ ލެޖެންޑުންނަކީ ގިނައިން ޓީމު ކުޅިވަރުތަކުން ފާހަގަވި ތަރިންނެވެ. މިހާރު އެ މަންޒަރު މަޑު މަޑުން ބަދަލުވެ ޓީމު ކުޅިވަރުތަކުގެ ތަރިންގެ ބަދަލުގައި މުޅި ފޯކަސް އިންޑިވިޖުއަލް ކުޅިވަރުގެ ތަރިންނަށް ބަދަލުވާން ފަށައިފި އެވެ. މިއީ އެ ތަރިން ޕްރޮމޯޓްކޮށް އެ ކުޅުންތެރިންނަށް އާންމުންގެ ސަމާލުކަން ހޯދައިދޭން އިންޑިވިޖުއަލް ކުޅިވަރުތަކުންނާއި އެކި އެކި ފަރާތްތަކުން ކުރި މަސައްކަތުގެ ނަތީޖާ އެވެ. އެއްގޮތުން ބަލާއިރު މިއީ ރަނގަޅު ފާލެކެވެ. އެހެން ކުޅިވަރުތަކުގެ މަގުބޫލުކަން އިތުރުވެ އެ ކުޅިވަރުގެ ކުރިއެރުން މިނެ ކިރާލެވޭނެ ކަމެކެވެ.
ނަމަވެސް މިއީ ޓީމް ކުޅިވަރުތަކަށް ލިބެން އޮތް ހައްގު ގެއްލެންވީ ކަމެއް ނޫނެވެ. ނުވަތަ އެ ކުޅިވަރުތަކުގެ ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތަށް ފަރުވާކުޑަކޮށްލަން ޖެހޭ ކަމެއްވެސް ނޫނެވެ.
މި އަހަރަކީ ކުޅިވަރުގެ ބޮޑު އަހަރެކެވެ. ރާއްޖެ އިން އެންމެ ގިނަ އެތުލީޓުން ވާދަކުރާ ގޭމްސްތައް އޮންނަ އަހަރެވެ. އައިއޯއައިޖީ އާއި އޭޝިއަން ގޭމްސް އެވެ. އޭގެ ފަހުން އޮތީ ސައުތު އޭޝިއަން ގޭމްސް އެވެ. މި ގޭމްސްތަކުގައި ޓީމް ކުޅިވަރުތަކުން މީގެ ކުރިން ހޯދި ކާމިޔާބީ ހޯދަން ބަލާއިރު މިހާރު ސުރެ އެ ކުޅިވަރުތަކަށް ސަމާލުކަން ދިނުން މުހިންމެވެ. އެސޯސިއޭޝަންތަކުންނާއި ސަރުކާރުން ވެސް އެކަމަށް މަޝްވަރާތައް ފެށުން މުހިންމެވެ.
ޔޫތު މިނިސްޓްރީން ތަނަވަސްކޮށްދިން ފުރުސަތެއްގައި ގައުމީ ވޮލީ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަ ކޮށްފަ އެވެ. ދާދި ފަހުން، ސައުދީ އަރަބިއްޔާގައި ވެސް ޓްރެއިނިން ކޭމްޕް ފުރިހަަމަ ކުރި އެވެ. މިއީ، ހަރަދަށް ބަލާއިރު، ބުރަ ބޮޑު ކަމެކެވެ. އެކަމަކު، މިނިސްޓްރީން މުޅި ޓީމު އެއްކޮށް، ބޭރަށް ފޮނުވީ މުބާރާތަކާ ދިމާކޮށް ތަމްރީން ހެދުމަށެވެ. މިހާރު ވެސް ގިނަ ޓީމު ކުޅިވަރުތަކަށް މުބާރާތްތަކަށް ތައްޔާރުވާން ކޭމްޕް ޖެހުމުގެ ފުރުސަތު މިނިސްޓްރީން ފަހިކޮށްދެ އެވެ. ދެން ވިސްނަންވީ، ދެމެހެއްޓެނިވި ގޮތެއްގައި މި ފަދަ ޓްރެއިނިން ފުރުސަތު ޓީމަކަށް ދެވޭނެ ގޮތެއްގެ ޕްލޭނެއް ހެދުމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކުން ޓީމު ކުޅިވަރު ކުރިއަރުވަން ބަލާއިރު، ކަންކުރަމުން އަންނަ އެއް ގޮތަކީ، އެލީޓް ޕޫލްތައް ވަކިން ޑިވެލޮޕް ކުރުމެވެ. މާނަ އަކީ ވޮލީން ރަނގަޅު ތިން ކުޅުންތެރިއަކު ނޫނީ ފުޓްބޯޅައިން ރަނގަޅު ފަސް ކުުޅުންތެރިއަކު ކަހަލަ ގޮތަކަށް އެކުގައި ޓްރެއިނިން ފުރުސަތު ހޯދައިދެވޭނެ ކަަހަަލަ ފޯމިއުލާއެއް ނެރުމެވެ.
ޓީމު ކުޅިވަރުތަކުގައި ހިމެނޭ ބައެއް ކުޅުންތެރިން އަންނަނީ އަމިއްލަ ހަރަދުގައި ބޭރުގެ ޓްރެއިނިން ކޭމްޕްތައް ފުރިހަމަ ކުރަމުންނެވެ. ބައެއް ފަހަރު، ކުޅުންތެރިންނަށް ބޭރުގެ ޓީމުތަކުން ޓްރަޔަލް ލިބުމުން ޓްރެއިނިން އަށް ދާ ކުޅުންތެރިން ވެސް އެބަތިބި އެެވެ.
ދީމާ، ނަބާ އަދި ސާއިދު މިދިޔަ އަހަރުތަކުގައި ހޯދި މެޑަލްތައް މިފަހަރުވެސް އެ ކުޅުންތެރިން މިއަހަރުވެސް ހޯދާނެ ކަމުގެ އުއްމީދު ބޮޑެވެ. ސްކޮލާޝިޕްތަކުގައި އެ ކުޅުންތެރިން މިހާރުވެސް ތަމްރީން ހަދަނީ އެެވެ. އެކަމަކު އެ މެޑަލްތަކަށް ވޮލީބޯޅަ، ބާސްކެޓްބޯޅަ، ފުޓްބޯޅަ އަދި ހޭންޑްބޯޅަ ކަހަލަ ކުޅިވަރުތަކުން ހޯދާ މެޑަލްތައް އިތުރުވެއްޖެ ނަމަ ރާއްޖޭގެ ހުރިހާ ކުޅިވަރަކަށް ބޮޑު ކާމިޔާބީއެއް ލިބުނީ އެވެ. ގިނަ ބަޔަކަށް ކާމިޔާބު ގޭމްސް އެއްގައި ބައިވެރިވެ ކާމިޔާބީތަކުގައި ބައިވެރިވެވުނީ އެވެ. އޭރުން ގޭމްސް ނިންމާފައި މެޑަލް ހިފައިގެން އަންނައިރު ކުރިން ޖުމްހޫރީ މައިދާނުން ނުފެންނަ ވަރުގެ ބޮޑު މަރުހަބާއެއް އެތުލީޓުންނަށް ކިޔާނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.













