މުޖުތަމައުގައި ހިނގާ ކުށްތައް މަދުކޮށް އަމާން ވެއްޓެއް ގާއިމު ކުރެވޭނީ އަވައްޓެރި ފުލުހުންގެ ފަލްސަފާ ދިރުވައި، އާލާ ކޮށްގެން ކަމަށް ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
"ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ އަވައްޓެރި ފުލުހުންގެ ފަލްސަފާއާ އެއްގޮތަށް ފުރިހަމަ، ގިނަ މަސައްކަތްތަކެއް ކޮށްގެން،" މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ކުށް މަދުކުރުމުގައި ފުލުހުންގެ ދައުރު އެންމެ އަކަށީގެންވާ ގޮތުގައި އަދާ ކުރުމަށް ފުލުހުންނަށް ދޭން ޖެހޭ ތަމްރީނު ދިނުމުގެ މަސައްކަތްތަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
ދެހާސްނަވާރަ ވަނަ އަހަރު ތައާރަފު ކުރި އަވައްޓެރި ފުލުހުންގެ ހިދުމަތުގެ މަގުސަދަކީ ފުލުހުންނާއެކުގައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ނިޒާމެއް އެކުލަވާލުވެމެވެ. އެގޮތުން މުޖުތަމައުގައި ކުށެއް ހިނގުމުގެ ކުރިން ނުވަތަ ކުށެއް، ކުށަކަށް ވުމުގެ ކުރިން އޭގެ އަސްލު ދެނެގަނެ، ކުށްކުރުމަށް އޮތް ހުރިހާ ދޮރެއް ބަންދުކުރުން އެއީ އެ ހިދުމަތް ތައާރަފު ކުރި އެންމެ މައިގަނޑު އެއް ބޭނުން ކަމަށް ފުލުހުންގެ މުއައްސަސާއިން ކުރިން ބުނެފައިވެ އެވެ.
އަވައްޓެރި ފުލުހުންގެ ހިދުމަތް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ގާއިމު ކޮށްފަ އެވެ. އަދި އެ ހިދުމަތަށް ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ވެސް ލިބެމުންދެ އެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތަކީ އެމެރިކާ ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ދެމުން އަންނަ ހިދުމަތެކެވެ. އެގޮތުން އެ ހިދުމަތުގެ ސަބަބުން މުޖުތަމައުގައި ކުށް ކުރާ މިންވަރު ވަރަށް ބޮޑަށް ދަށްކުރެވޭކަން އެކަމާ ގުޅޭގޮތުން ހަދާފައިވާ ތަފާތު ދިރާސާތަކުން ވެސް ދައްކަ އެވެ.












