ލެކްނޯ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުތަކަށް ފަހު އަންހެން ޑިވިޝަނުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ އެވެ.
ރޭގެ މެޗުތަކަށް ފަހު އަންހެން ޑިވިޝަނުގެ ގްރޫޕް ސީގެ އެއް ވަނަ މަގާމަށް އެމްއެންޔޫ ބިޒްނަސް ސްކޫލް އެރިއިރު، މި ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި އެމްއައި ކޮލެޖް ކުއާޓާ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.
ޓާފް ދަނޑުގައި ރޭ ބިޒްނަސް ސްކޫލުން ކުޅުނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)އާ ދެކޮޅަށެވެ. އެ މެޗު 9-1 އިން ކާމިޔާބުކުރީ ބިޒްނަސް ސްކޫލް އެވެ. އެ ޓީމުގެ ފިރުޝާނާ ނަސީރު ހަ ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ޝައްމަ އަހުމަދާއި އާމިނަތު ޝަފްނާ އަދި ނައުރާ ހަސަން އެވެ. އެފްއެޗްޓީއެސްގެ ހަމައެކަނި ލަނޑު ޖެހި އައިޝަތު ނިހާ އެވެ.
ކުއާޓާ ފައިނަލުގެ މެޗުތައް މިރޭ ކުޅޭއިރު، ފުރަަތަމަ މެޗުގައި ގްރޫޕް އޭގެ އެއް ވަނަ ކްލިކް ކުޅޭނީ ގްރޫޕް ބީގެ ތިން ވަނަ އެސްއެންއާ އެވެ. ދެ ވަނަ ކުއާޓާގައި ގްރޫޕް ބީގެ އެއް ވަނަ ސީއެފްއެސް ބައްދަލުކުރާނީ ގްރޫޕް އޭގެ ތިން ވަނަ އައިޔޫއެމްއާ އެވެ. ތިން ވަނަ ކުއާޓާގައި ބިޒްނަސް ސްކޫލް ކުޅޭނީ ވިލާ ކޮލެޖްއާ އެވެ. އަދި ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ގްރޫޕް ބީގެ ދެ ވަނަ އެފްއެޗްއެސް ބައްދަލުކުރާނީ އެމްއައި ކޮލެޖާ އެވެ.

މުބާރާތުގެ ފިރިހެން ޑިިވިޝަނުގެ މެޗެއްގެ ތެރެއިން،--- ފޮޓޯ: އިރަމް ސަލީމް/ އެމްއެންޔޫއެސްޔޫ މީޑިއާ
ލެކްނޯ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގެ މެޗުތަކުން މެޕްސް ކޮލެޖާއި ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި މެޕްސް ކޮލެޖުން ނުކުތީ ސައިރިކްސް ކޮލެޖާ ދެކޮޅަށެވެ. މި މެޗުން މެޕްސް ކޮލެޖް މޮޅުވީ 8-1 އިންނެވެ. މި މެޗުގައި މެޕްސް ކޮލެޖުގެ އަބްދުﷲ ހިޝާން ހެޓްރިކެއް ހެދިއިރު، އަލީ ޝާޒް ހިލްމީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއްް ގޯލުތައް ޖެހީ މުހައްމަދު ހަނާމް އިސްމާއީލާއި ޖަމްޝާދު ޖައުފަރު އަދި ސައިރިކްސްގެ އިސްމާއިލް ޒަހީން އަތުން ބައިކޮޅަށް ވެސް ވަނީ ގޯލެއް ވަދެފަ އެވެ. ސައިރިކްސް ޓީމުގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު މާޒިން އެވެ.
ފެސްޓުން ރޭ ވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފްއެސްއެލް) އިން 2-1 އިން ބަލިކޮށްފަ އެވެ. އެފްއެސްއެލްގެ މުހައްމަދު އައިޝް މުސްތަފާ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް އިބްރާހީމް ހަމީސް ވަނީ ފެސްޓަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފެސްޓް މޮޅުވި ގޯލު ޖެހީ ފާތިރު އަހުމަދު އެވެ.
ރޭގެ ނަތީޖާތަކާ އެކު ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގެ އެއް ވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ މެޕްސް ކޮލެޖް އެވެ. ހަމަ މި އަދަދަށް ޕޮއިންޓު ހޯދައިގެން ގްރޫޕްގެ ދެ ވަނައިގައި އޮތީ ފެސްޓް އެވެ. އެއް މެޗު މަދުން ކުޅެގެން އެފްއެސްއެލް އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕްގެ ތިން ވަނައިގަ އެވެ.
ގްރޫޕް އޭގައި ބާކީ އޮތީ އެފްއެސްއެލް އާއި މެޕްސް ވާދަކުރާ މެޗެވެ. މި މެޗުގެ ނަތީޖާ އޮތީ މި ގްރޫޕްގެ ތިން ޓީމެއްގެ ކުއާޓާ ފައިނަލުގެ ޖާގަތަކާ ގުޅިފަ އެވެ.
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ އިންތިޒާމު ކުރަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިންނެވެ. މިއީ މި މުބާރާތް ބާއްވާ އަށް ވަނަ ފަހަރެވެ. އެންމެ ފުރަތަަމަ މުބާރާތް ބޭއްވީ 2013 ވަނަ އަހަރު އެވެ. ކޮވިޑާ ހެދި ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މި މުބާރާތް ބާއްވާއިރު، އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖް އެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމްއައި ކޮލެޖު އެވެ.













