ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާ ވާދަކޮށްލަން ލިބުނު ފުރުސަތަކީ ކެރިއަރުގައި ކުރިއަށް ދިޔުމަށް ލިބުނު އިތުރު ހިތްވަރެއްކަމަށް ރާއްޖޭގެ ބީޗްވޮލީބޯޅަ ޗެމްޕިއަނުން ކަމަށްވާ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ބުނެފި އެވެ.
މިހާރު ސަން އައިލެންޑް ރިސޯޓުގައި ކުރިއަށްދާ އެފްއައިވީބީ ބީޗް ޕްރޯ ޓުއާ، މޯލްޑިވްސް ޗެލެންޖުގެ ކޮލިފައިން ބުރުގައި ޑެންޒޯ އާއި ކޯކޭ ވަނީ ވާދަކޮށްފަ އެވެ.
ރޭންކިން އަށް ބަލާއިރު، ރާއްޖޭގެ ދެ ވަނަ ޕެއާގެ ހައިސިއްޔަތުން ޑެންޒޯ އާއި ކޯކޭ އަށް ލިބުނު ކޮލިފައިންގެ ޖާގައެކެވެ. ކޮލިފައިން މެޗުގައި ރާއްޖޭގެ ޕެއާ ބަލިވީ ތައިލެންޑްގެ އެއް ވަނަ ޕެއާ ކަމަށްވާ ސުރީން އާއި ބަންލުއީ އަތުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއިއެކު 21-10 އިން ތައިލެންޑު މޮޅުވި ނަމަވެސް ދެވަނަ ސެޓުގައި ރަނގަޅު ވާދައެއްކޮށް ރާއްޖޭގެ ޕެއާ އިން 16 ޕޮއިންޓު ހޯދި އެވެ.
ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބީޗްވޮލީބޯޅަ އިވެންޓުގައި ފުރަތަމަ ފަހަރަށް ވާދަކުރުމަށް ފަހު ކޯކޭ ބުނީ ހުރިހާ ކުޅުންތެރިންނަށް ބަލާއިރު ވެސް ތަފާތު މޮޅު އެތައް ހުނަރެއް ފާހަގަވާ ކަމަށާއި، މިއީ ގިނަ ކަންކަން ދަސްކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.
ތައިލެންޑު މެޗާ މެދު ކޯކޭ ދެކޭގޮތް ހިއްސާކުރިއިރު، އޭނާ ބުނީ ފުރަތަމަ ސެޓު ފަށައިގެން ގޭމުގެ ތެރެއަށް ރަނގަޅަށް ނުވަދެވެނިކޮށް މާ ބޮޑު ލީޑެއް ތައިލެންޑަށް ލިބުނީ ކަމަށެވެ. އަދި އޭގެ ފަހުން އެ ސެޓު އަނބުރާލަން އުނދަގޫވީކަން ފާހަގަކޮށް، ކޯކޭ ބުނީ ދެ ވަނަ ސެޓުގައި ދެއްކުނު ކުޅުމަށް ބަލާއިރު ހިތްހަމަ ޖެހޭ ކަމަށެވެ.
"އަސްލު ވަރަށް ތަފާތު ބޮޑު، މޮޅެތި ކުޅުންތެރިން. ފުރަތަމަ ސެޓުގައި ބައިވަރު މިސްޓޭކް ހެދުނު. އެކަމަކު، ދެ ވަނަ ސެޓުގައި ވަރަށް ރަނގަޅަށް ކުޅެވުނު. ރަނގަޅު ބްލޮކްތަކެއް ވެސް ކުރެވުނު. ރަނގަޅަށް އަދިވެސް ތައްޔާރުވެ، ޕްރެކްޓިސް ކުރެވިއްޖެއްޔާ ހަމަ ރަނގަޅު ކާމިޔާބެއް ހޯދޭނެ" ކޯކޭ ބުންޏެވެ.

އިއްޔެގެ މެޗުގެ ތެރެއިން ޑެންޒޯ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މުބާރާތުގެ ތަޖުރިބާ އާއި ގުޅޭގޮތުން، ޑެންޒޯ ބުނީ ކޮންމެ ގައުމަކުން މި މުބާރާތަށް އަންނާނެ ޕެއާ އަކީ ވެސް ވަރުގަދަ ޓީމެއް ކަމަށެވެ. އެހެންވެ، ކުޅުންތެރިންގެ ތައްޔާރީތަކާއި، މެޗުތަކުގައި ކުޅޭ ގޭމް ވެސް ވަރަށް ތަފާތު ކަން ޑެންޒޯ ފާހަގަކުރި އެވެ.
ޑެންޒޯ ބުނީ ކޮންމެ މެޗެއްގައި އިދކޮޅުގައި ތިބޭ ކުޅުންތެރިންގެ ގޭމަށް ބަލާފައި އެ ގެންނަ ބަދަލުތައް ވެސް ތަފާތު ކަމަށާއި، ކޮންމެ މެޗަކުން ވެސް ގިނަ ކަންތައްތަކެއް ދަސްވާ ކަމަށެވެ.
ބީޗުވޮލީބޯޅަ ކެރިއަރުގައި އެންމެ ތަފާތު ތަޖުރިބާތަކެއް ކުރެވުނީ މި މުބާރާތުން ކަމަށް ވެސް ޑެންޒޯ ވަނީ ބުނެފަ އެވެ. ތަފާތު މޮޅު ކުޅުންތެރިންތަކަކާ އެކު ކުޅެލަން ލިބުމުން ގިނަ ކަންތައްތަކެއް ދަސްވި ކަމަށް ވެސް އޭނާ ބުންޏެވެ.
ސަން އައިލެންޑު ރިސޯޓުގައި ކުރިއަށްދާ ބީޗްވޮލީބޯޅަ ޕްރޯގެ މޯލްޑިވްސް ޗެލެންޖުގައި 28 ގައުމަކުން 86 ޕެއާ ވާދަކުރެ އެވެ. މުބާރާތުގައި އިއްޔެގެ ނިޔަލަށް ކޮލިފައިން މެޗުތައް ނިމިފައިވާއިރު، މިއަދު ކުރިއަށްދަނީ މެއިން ޑްރޯގެ މެޗުތަކެވެ.













