ރާއްޖޭގެ ޝޫޓިން ޓީމު ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް މިސްރަށް ގޮސްފި އެވެ.
މިސްރުގެ ގާހިރާގައި މިއަދުން ފެށިގެން މި މަހު 25 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އިންޓަނޭޝަނަލް ޝޫޓިން ސްޕޯޓް ފެޑެރޭޝަން، (އައިއެސްއެސްއެފް) ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭން ޖުމްލަ ތިން ޝޫޓަރެއް ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ދެ އަންހެން ޝޫޓަރުންގެ އިތުރުން ފިރިހެން ޝޫޓަރެކެވެ.
އެ ގޮތުން ދުނިޔޭގެ މުބާރާތުގައި ވާދަކުރާ އަންހެން ޝޫޓަރުންނަކީ 10 މީޓަރު އެއާ ރައިފަލް އިވެންޓުގައި ވާދަކުރާ ޝަރަފިއްޔާ އަބްދުލް ރަހުމާން އާއި އާސިފާ ޖައުފަރު އެވެ. ރާއްޖޭގެ ޒިޔާން ޒިޔާއު، ވާދަކުރާނީ ފިރިހެނުންގެ 10 މީޓަރު އެއާ ޕިސްޓޯލް ކެޓަގަރީގަ އެވެ.
ޒިޔާން އަކީ މިދިޔަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން 2024 ވަނަ އަހަރުގެ އޮލިމްޕިކްސްއާ އަމާޒުކޮށް ޓްރެއިނިން ސްކޮލާޝިޕެއް ހަމަޖައްސައިދީފައިވާ ހުނަރުވެރި ޝޫޓަރެކެވެ. ޒިޔާން ވަނީ މީގެ ކުރިން ވެސް ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ.
މިސްރުގައި ކުރިއަށްދާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުގެ ހެޑް ކޯޗަކަށް މަސައްކަތްކުރާނީ ހަސަން އަބްދުލް ގަފޫރު އެވެ. އަދި ކޯޗެއްގެ ގޮތުގައި ދެން މަސައްކަތް ކުރާނީ އަހުމަދު ސިރާޖު އެވެ.













