ރާއްޖޭގެ ހަޔާ އެޑިއުކޭޝަން ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު މުބާރާތް، އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާގެ މި އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުތަކުން ފެސްޓް، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އަދި ކްލިކް މޮޅުވެއްޖެ އެވެ.
ޓާފް ދަނޑުގައި ރޭ ފެށި ލެކްނޯ އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާ 2022 ގެ ފުރަތަމަ ރޭގައި ވަނީ ފިރިހެން ޑިވިޝަނުގެ ތިން މެޗާއި އަންހެން ޑިވިޝަނުގެ ދެ މެޗެއް ކުޅެފަ އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަން އެވެ.
ކޮވިޑް-19އާ ހެދި ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެމްއެންޔޫއެސްޔޫ ފުޓްސެލް ފިއެސްޓާ ބާއްވާއިރު، ފުރަތަމަ މެޗުގައި ރޭ ފިރިހެން ޑިވިޝަނުގައި ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސަސް އެންޑް ޓެކްނޮލޮޖީ (ފެސްޓު) އިން ވަނީ 1-0 އިން ފެކަލްޓީ އޮފް ހެލްތު ސައިންސް ބަލިކޮށްފަ އެވެ. މެޗުގެ ހަމަައެކަނި ގޯލު ފެސްޓަށް ކާމިޔާބުކޮށްދިނީ 30 ވަަނަ މިނިޓްގައި އަލީ ސުޖާއު އެވެ.
ފިރިހެން ޑިވިޝަނުގެ ދެ ވަނަ މެޗުގައި ސްކޫލް އޮފް ނާސިން (އެސްއެން) އަތުން އެފްއެޗްޓީއެސް މޮޅުވީ 5-1 އިންނެވެ. އެފްއެޗްޓީއެސްގެ މުހައްމަދު އުލްވާން، އަހުމަދު އީވާން މުހައްމަދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު ހުނައިފު އެވެ. އެސްއެންގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ނޫރު ޔޫސުފް އެވެ.
ރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ފަހު މެޗުން ކްލިކުން ވަނީ 5-1 އިން ފެކަލްޓީ އޮފް އާޓްސް (އެފްއޭ) ބަލިކޮށްފަ އެވެ. ފެކަލްޓީ އޮފް އާޓުން މި މެޗުގެ 19 ވަނަ މިނިޓްގައި އާލިމް އަބްުދުލް ލަތީފްގެ ގޯލުން ކުރިހޯދި ނަމަވެސް ކްލިކުން ވަނީ ފަހަތުން އަަރައި ފަސް ލަނޑު ޖަހައިފަ އެވެ. ލަނޑުތައް ކާމިޔާބުކުރީ މުހައްމަދު ސާމިން ހެޓްރިކަކާއ ހުސެއިން ރާއިފް އަހުމަދު އަދި އަހުމަދު މަހުފޫޒް މުހައްމަދު ގޯލެކެވެ.

ވިލާ އާއި އައި.ޔޫ.އެމް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އެމްއެންޔޫއެސްޔޫ މީޑިއާ
އަންހެން ޑިވިޝަނުގައި ވެސް ރޭ ދެ މެޗެއް ކުޅެވުނެވެ.
އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަތުން ވިލާ ކޮލެޖް މޮޅުވީ 7-0 އިންނެވެ. މި މެޗުގައި ވިލާގެ އައިޝަތު އީމާން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަނެއް ތިން ގޯލު ކާމިޔާބުކުރީ އިނާޝާ އާމިރު، އަރީފާ އަބްދުﷲ އަދި އައިޝަތު ހަނާން އެވެ.
އަންހެން ޑިވިޝަނުގެ ދެ ވަނަ މެޗުގައި ސައިރިކްސް ކޮލެޖުގެ މައްޗަށް އެސްއެން އިން ކުރިހޯދީ 7-0 އިންނެވެ. މި މެޗުގައި އެސްއެންގެ މަރިޔަމް ޝަހާ ހަތަރު ލަނޑު ޖެހިއިރު، ސުމާ އިބްރާހީމް ވަނީ ދެ ލަނޑު ޖަހައިފައެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ ނުޒުނާ އަބްދުލް ރަޝީދު އެވެ.
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ އިންތިޒާމު ކުރަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިންނެވެ. މިއީ މި މުބާރާތް ބާއްވާ އަށް ވަނަ ފަހަރެވެ. އެންމެ ފުރަތަަމަ މުބާރާތް ބޭއްވީ 2013 ވަނަ އަހަރު އެވެ. ކޮވިޑާ ހެދި ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މި މުބާރާތް ބާއްވާއިރު، އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖް އެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމްއައި ކޮލެޖު އެވެ.













